އޮލީސޭގެ ހެޓްރިކާއެކު ފްރާންސުން ނޮދަން އަޔަލެންޑް ބަލިކޮށްފި
ކުޅިވަރު

އޮލީސޭގެ ހެޓްރިކާއެކު ފްރާންސުން ނޮދަން އަޔަލެންޑް ބަލިކޮށްފި

ނނާޒިމް
June 10, 2026

އަންނަ ބުރާސްފަތި ދުވަހު ފަށާ ފީފާ ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން ފްރާންސުން ކުޅުނު އެންމެ ފަހު އެކުވެރިކަމުގެ މެޗުގައި، ރޭ މައިކަލް އޮލީސޭގެ ހެޓްރިކާއެކު 3-1 ގެ ނަތީޖާއަކުން ނޮދަން އަޔަލެންޑް ބަލިކޮށްފިއެވެ.

ރޭގެ މެޗަކީ ފްރާންސްގެ ކޯޗު، ޑިޑިއޭ ޑެޝޯމްޕްސްގެ އިރުޝާދުގެ ދަށުން ފްރާންސްގައި އެ ޓީމުން ކުޅުނު ފަހު މެޗެވެ. އޭނާ ވަނީ ވޯލްޑް ކަޕަށްފަހު ފްރާންސް ދޫކޮށްލާކަން ރަސްމީކޮށް އިއުލާނުކޮށްފައެވެ.

ފްރާންސުން މެޗު ޑޮމިނޭޓް ކޮށްގެން މޮޅަށް ކުޅުނު ނަމަވެސް، އެ ޓީމަށް ލަނޑެއް ޖެހުނީ ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށެވެ. އެ ޓީމުގެ އޮސްމާން ޑެމްބެލޭ ފޮނުވާލި ހަމަލާއެއް ކުޅުންތެރިއެއްގެ ގައިގައި ޖެހިފައި ލިބުނީ މުޅިން ހުސްކޮށް ހުރި އޮލީސޭ އަށެވެ. އޮލީސޭ ވަނީ ލަނޑު ޖަހައި ފްރާންސަށް މުހިންމު ވަގުތެއްގައި ކުރިހޯދަދީފައެވެ.

ދެވަނަ ހާފު ފެށިގެން ހަތަރުވަނަ މިނެޓުގައި އޮލީސޭ ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައި ފްރާންސަށް ލީޑު ފުޅާކޮށްދީފައެވެ. އޭރިއާގެ އަރިމަތީގައި ހުރެ އޮލީސޭ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.

މެޗުގެ 64 ވަނަ މިނެޓުގައި ޝިއާ ޗާލްސް ތަނަވަސްކޮށްދިން ފުރުސަތަކުން ޕެޓްރިކް ކެލީ ވަނީ ލަނޑެއް ޖަހައި ނޮދަން އަޔަލެންޑަށް ފަރަގު ކުޑަކޮށްދީފައެވެ. ނަމަވެސް، އޭގެ 10 މިނެޓު ފަހުން އޮލީސޭ ވަނީ އިތުރު ލަނޑެއް ޖަހައި، އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ.

ވޯލްޑް ކަޕުގެ ފުރަތަމަ މެޗުގައި މި މަހުގެ 16 ވަނަ ދުވަހު ފްރާންސް ނިކުންނާނީ ސެނެގާލްއާ ދެކޮޅަށެވެ. އެ ގުރޫޕުގައި ދެން ހިމެނެނީ އިރާގާއި ނޯވޭ އެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު