ހޮރުމުޒް ކަނޑުއޮޅީގައި އީރާނުގެ ގަވާއިދުތައް މުގުރާލި ތެޔޮބޯޓެއް ގޮއްވާލައިފި
ދުނިޔެ

ހޮރުމުޒް ކަނޑުއޮޅީގައި އީރާނުގެ ގަވާއިދުތައް މުގުރާލި ތެޔޮބޯޓެއް ގޮއްވާލައިފި

ރރާޅު މީޑިއާ
March 27, 2026

އީރާނުގެ ބައިނަލްއަޤްވާމީ ކަނޑުގެ ގަވާއިދުތަކާ ޚިލާފުވެގެން ދަތުރުކުރަން އުޅުނު ބޮޑު ތެޔޮބޯޓެއް ގޮއްވާލައިފައިވާކަން އީރާނުގެ ރަސްމީ ފަރާތްތަކުން ކަށަވަރުކޮށްދީފިއެވެ. މި ހާދިސާ ހިނގާފައިވަނީ މީގެ ކުރިން ވެސް ތެޔޮ ބޯޓުފަހަރުގެ ދަތުރުތަކާ ގުޅިގެން، ވަރަށް ގިނަ ފަހަރު ސަރަހައްދީ ހަލަބޮލިކަން އުފެދިފައިވާ ދުނިޔޭގެ ތެޔޮ ވިޔަފާރީގެ އެންމެ މުހިންމު ކަނޑުއޮޅި ކަމަށްވާ ހޮރުމުޒްގައެވެ. މި ހަމަލާ ދީފައިވަނީ އީރާނުގެ ކަނޑުގެ ސަލާމަތީ ބާރުތަކުން ކަމަށް ވެއެވެ.

އީރާނުގެ ރަސްމީ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ހޮރުމުޒް ކަނޑުއޮޅީގެ އިރުމަތީ ފަރާތު ސަރަޙައްދުގައެވެ. އީރާނުގެ ކަނޑުގެ ސަލާމަތީ ބާރުތަކުން ބުނި ގޮތުގައި، މި ބޯޓު ދަތުރުކޮށްފައިވަނީ އީރާނުގެ ސަރަހައްދީ އިމުގެ ސަރަހައްދަށް ވަދެ، އެގައުމުގެ ކަނޑުގެ ގާނޫނުތަކާއި ހަމަތަކަށް ބެލުމެއްނެތި، އެއްވެސް އިޖާޒަތަކާ ނުލައެވެ. އީރާނުގެ ކަނޑުގެ ސަލާމަތީ ފާރާތްތަކުން ވަނީ ބޯޓަށް ވަގުތުން ދަތުރު ހުއްޓާލުމަށް އިންޒާރުތައް ދީފައެވެ. ނަމަވެސް ބޯޓުން އެކަމަށް ފަރުވާލެއް ނުބެހެއްޓުމުގެ ސަބަބުން، އީރާނުގެ ކަނޑުގެ އަސްކަރީ ބާރުތަކުން ވަނީ ބޯޓު ހުއްޓުވުމަށްޓަކައި ބާރުގެ ބޭނުންކޮށްފައެވެ. މި ހަމަލާގައި ބޯޓަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނަކު މި ހާދިސާއާ ގުޅިގެން ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ، ހޮރުމުޒް ކަނޑުއޮޅީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ އެގައުމުގެ އަމިއްލަ އެންމެ އިސް މަސްލަހަތު ކަމުގައެވެ. އަދި ބައިނަލްއަޤްވާމީ ގާނޫނުތަކުގެ ދަށުން، އެގައުމުގެ ސަރަހައްދީ އިމުގެ ސަރަހައްދަށް ވަންނަ އުޅަނދުފަހަރު، އެގައުމުގެ ގާނޫނުތަކަށް އިހްތިރާމްކުރުން ލާޒިމުކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. "އީރާނުގެ ސަރަހައްދީ ހަމަތަކަށް ބެލުމެއްނެތި އެއްވެސް އުޅަނދަކަށް ދަތުރުކުރުމުގެ ފުރުސަތު ނުދޭނަން. އަދި މިފަދަ ކަންކަން ހުއްޓުވުމަށްޓަކައި ހަރުކަށި ފިޔަވަޅުތައް އަޅާނެ" ކަމަށް އީރާނުގެ ތަރުޖަމާނު ވިދާޅުވިއެވެ. މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އީރާނުން ހަރުކަށި ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ވެސް ވަނީ ދީފައެވެ. އީރާނުން ބުނަނީ މި ހަމަލާ ދީފައިވަނީ ދިފާއީ ގޮތުން، އެގައުމުގެ ސަރަހައްދީ ރައްކާތެރިކަން ކަށަވަރުކުރުމަށް ކަމުގައެވެ.

ހޮރުމުޒް ކަނޑުއޮޅިއަކީ ދުނިޔޭގެ ތެޔޮ ވިޔަފާރީގެ ގާތްގަނޑަކަށް %20 އަދި ދުނިޔޭގެ ތަބީއީ ގޭހުގެ %30 އެތަނުން ފާއިތުވާ މަގެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކަށް ތެލާއި ގޭސް ފޯރުކޮށްދިނުމުގައި މިއީ އެންމެ މުހިންމު ދޮރާއްޓެވެ. މިއީ ތެލާއި ގޭހުގެ ވިޔަފާރީގެ މައިގަނޑު މަންޒިލެއްކަމުން، މިސަރަހައްދުގައި ހިނގާ ކޮންމެ ހާދިސާއަކީ ދުނިޔޭގެ އިޤްތިޞާދަށާއި ސަލާމަތީ ކަންކަމަށް ވަރަށް ބޮޑު އަސަރެއް ކުރާނެ ކަމެކެވެ. މީގެކުރިން ވެސް މިސަރަހައްދުގައި އީރާނާއި ހުޅަނގުގެ ބާރުތަކާ ދެމެދު ތެޔޮ ބޯޓުފަހަރުގެ ސަލާމަތާ ގުޅިގެން ހަމަނުޖެހުންތަކާއި ފިއްތުންތައް އުފެދިފައިވެއެވެ. އެގޮތުން، ތެޔޮ ވިޔަފާރީގެ މަގުތައް ބަންދުކުރުމުގެ އިންޒާރު އީރާނުން ދީފައިވާ ފަހަރުތައް ވެސް މަދެއް ނޫނެވެ. އަދި ހުޅަނގުގެ ޤައުމުތަކުން އީރާނަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާއިރު، އީރާނުން ބަދަލު ހިފުމުގެ ގޮތުން މިސަރަހައްދުގެ ސަލާމަތަށް ނުރައްކާވާ ފަދަ އަމަލުތައް ހިންގާކަމަށް ތުހުމަތުކުރެވޭ ފަހަރުތައް ވެސް ގިނައެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު