
އުތުރު ކޮރެއާއިން އީރާނަށް ނިއުކްލިޔަރ ހަތިޔާރު ފޯރުކޮށްދޭނެކަމަށް އިންޒާރު ދީފި: ހަމަލަދީފިނަމަ ރައްދު ހަމަލަ ދިނުމުގެ ވައުދު
އުތުރު ކޮރެއާއިން ދުނިޔޭގެ ސަމާލުކަން އަނެއްކާވެސް ހޯދައިފިއެވެ. މިފަހަރު އެގައުމުން ނެރެފައިވަނީ އީރާނާ ބެހޭގޮތުން ވަރަށް ހަރުކަށި އިންޒާރެކެވެ. އުތުރު ކޮރެއާއިން ބުނެފައިވަނީ، އީރާނުން އެދިއްޖެނަމަ ނިއުކްލިޔަރ ހަތިޔާރު ފޯރުކޮށްދޭނެ ކަމަށާއި، އަދި އީރާނަށް ނިއުކްލިޔަރ ހަމަލައެއް ދީފިނަމަ، އެ ހަމަލާ ދިން ކޮންމެ ގައުމަކަށް ރައްދު ހަމަލަ ދޭނެކަމަށެވެ.
އެގައުމުން ބުނެފައިވާ ގޮތުގައި، އެމެރިކާއާއި އެމެރިކާގެ ހިމާޔަތުގައި ތިބި ގައުމުތަކުން އީރާނާ ދެކޮޅަށް ނިއުކްލިޔަރ އެއްވެސް ހަމަލައެއް ދީފިނަމަ، އެ ހަމަލާ ދިން ގައުމުތަކަށް އުތުރު ކޮރެއާއިން ވަރުގަދަ ރައްދު ހަމަލާއެއް ދޭނެއެވެ. މީގެ އިތުރުން، އީރާނަށް ނިއުކްލިޔަރ ހަތިޔާރު ބޭނުންވެއްޖެނަމަ، އެފަދަ ހަތިޔާރު ފޯރުކޮށްދޭނެ ކަމުގެ ވައުދުވެސް ވަނީ ދީފައެވެ.
އީރާނުން އަންނަނީ ޔޫރޭނިއަމް މުއްސަނދިކުރުމުގެ މަސައްކަތް ކުރަމުންނެވެ. މިއީ ނިއުކްލިޔަރ ހަތިޔާރު އުފެއްދުމަށް ބޭނުންވާ މައިގަނޑު މާއްދާއެވެ. އީރާނުން ބުނަނީ އެމީހުންގެ ނިއުކްލިޔަރ ޕްރޮގްރާމަކީ ހަމައެކަނި ސުލްހަވެރި ބޭނުންތަކަށް ކަމަށެވެ. ނަމަވެސް، ހުޅަނގުގެ ގައުމުތަކުން ދަނީ އީރާނުގެ މި ބުނުންތަކާ މެދު ޝައްކު ފާޅުކުރަމުންނެވެ. އެމީހުން ދެކޭ ގޮތުގައި އީރާނުން ދަނީ ނިއުކްލިޔަރ ހަތިޔާރު އުފެއްދުމުގެ މަސައްކަތް ސިއްރުން ކުރަމުންނެވެ. އުތުރު ކޮރެއާއަކީ މިހާރުވެސް ނިއުކްލިޔަރ ހަތިޔާރު ލިބިފައިވާ ގައުމެކެވެ. އަދި އެގައުމުން ވަނީ އެތައް ފަހަރެއްގެ މަތިން ނިއުކްލިޔަރ ތަޖުރިބާތައްވެސް ކޮށްފައެވެ. މި ދެގައުމުގެ ގުޅުންތަކަކީ ދުނިޔޭގެ ބާރުތަކުން ވަރަށް ގާތުން ބަލަމުން އަންނަ ގުޅުންތަކެކެވެ.



