
ފައިނަލުގައި ޓީސީ އަތްދަށުކޮށް، 13 ވަނަ އެފްއޭ ކަޕާއެކު ނިއު ރޭޑިއަންޓް ރަސްކަމަށް
ދިވެހި ފުޓްބޯޅައިގެ އެންމެ ކާމިޔާބު ކްލަބް، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ޓީސީ ސްޕޯޓްސްގެ މައްޗަށް 3-0 ގެ ނަތީޖާއަކުން ކުރިހޯދައި، 13 ވަނަ ފަހަރަށް އެފްއޭ ކަޕްގެ ތަށި އުފުލާލުމާއެކު ދިވެހި ފުޓްބޯޅައިގެ ތާރީޚުގައި އެއްވެސް ޓީމަކަށް މިހާތަނަށް ހަމަނުކުރެވޭ 50 ތަށީގެ ތާރީޚީ "ހާފް ސެންޗަރީ" ރެކޯޑް ގާއިމްކޮށްފިއެވެ.
މިއީ 2018 ވަނަ އަހަރުގެ މާލޭ ލީގަށްފަހު ނިއުއިން ކާމިޔާބުކުރި ފުރަތަމަ ތަށި ކަމަށްވާއިރު، މިއީ އެ ކްލަބަށް ކުރިމަތިވި ސަސްޕެންޝަނަށްފަހު ދެވަނަ ޑިވިޝަނުން މަރުހަލާތައް ކަޑައްތުކޮށް ފުރަތަމަ ޑިވިޝަނަށް އެނބުރި އައިސް ހޯދި ފަޚުރުވެރި ކާމިޔާބީއެކެވެ.
ސުޕަ ޔުނައިޓެޑް ސްޕޯޓްސްއިން ދޫކޮށްލި ޖާގައެއްގައި މި ސީޒަނުގެ ފުރަތަމަ ޑިވިޝަނުން ފުރުސަތު ހޯދި ނިއުއިން ރޭގެ ފައިނަލްގައި ދެއްކީ ތަފާތު މޮޅު ކުޅުމެކެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި ފައިނަލް މެޗުގައި ނިއުއަށް ލީޑު ނަގައިދިނީ ކެޕްޓަން އަލީ ފާސިރު (ސެންޓޭ) އެވެ. އޭނާއަށް ޓީސީގެ އޭރިއާ ތެރެއިން ކުރި ފައުލަކަށް ލިބުނު ޕެނަލްޓީ، ވަރަށް އިތުބާރާއެކު "ޕެނެންކާ" އަކުން ކާމިޔާބުކޮށް ސެންޓޭ ވަނީ ދަނޑުގެ ފޯރި އުފުލާލާފައެވެ.
ނިއުގެ އަނެއް ދެ ލަނޑު ކާމިޔާބުކޮށްދިނީ ނައިޖީރިއާގެ ފޯވާޑް އަލްހާޖީ ޖެރޯއެވެ. އޭނާގެ ފުރަތަމަ ލަނޑަކީ ބްރެޒިލްގެ މިޑްފީލްޑަރު ސިލްވާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭރިއާ ބޭރުން ފޮނުވާލި ހަމަލާއެއް ގޯލުގެ ދަނޑީގައި ޖެހިފައި ވަދެގެން ޖެހި ލަނޑެކެވެ. އަދި މެޗުގެ 82 ވަނަ މިނިޓުގައި ސިލްވާ ނަގައިދިން ހުރަހެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ޖެރޯ ވަނީ އޭނާގެ ދެވަނަ ލަނޑާއެކު ނިއުގެ ތާރީޚީ 50 ވަނަ ތަށި ކަށަވަރުކޮށްދީފައެވެ.
މިއީ ދިވެހި ފުޓްބޯޅައިގެ ބޮޑު މައިލްސްޓޯނެއް ނިއުއިން ފަހަނައަޅައި ދިޔަ އުފާވެރި ވަގުތުކޮޅެކެވެ.



