
އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ކޮންފަރެންސްއަކަށް ނަޝީދު އިންޑިއާއަށް ވަޑައިގަންނަވަނީ
އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމާ ބެހޭ ކޮންފަރެންސްއެއްގައި ބައިވެރިވެވަޑައިގަތުމަށް ކުރީގެ ރައީސް، މުޙައްމަދު ނަޝީދު އިންޑިއާއަށް ފުރާވަޑައިގެންފި އެވެ.
މާދަމާ އާއި އޭގެ އަނެއް ދުވަހު އިންޑިއާގެ ވެރިރަށް، ނިއުދިއްލީގައި އޮންނަ އެ ކޮންފަރެންސަކީ މި ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަމުގެ އިތުރުން، އެ ކަންކަމުގެ ސަބަބުން އިންޑިއާ ކަނޑުގެ ޖަޒީރާ ގައުމުތަކުގެ ހާލަތަށް ކުރާ އަސަރުތަކާ ބެހޭގޮތުން ބާއްވާ ކޮންފަރެންސްއެކެވެ.
އޯޝަން ރިމް އެސޯސިއޭޝަނުން އިންތިޒާމުކުރާ 10 ވަނަ އައިއޯޑީ އޮންނާނީ ނިއުދިއްލީގަ އެވެ. މި ޑަޔަލޮގްގެ ޝިއާރަކީ "އިންޑިއަން އޯޝަން ރީޖަން އިން އަ ޓްރާންސްފޯމިންގް ވޯލްޑް" އެވެ.
ކަނޑުތަކުގެ ސަލާމަތާއި ރައްކާތެރިކަމާއި، ނޫ އިގްތިސޯދާއި، ޑިޒާސްޓާ ރިސްކް މެނޭޖްމަންޓާއި، އިންވެސްޓްމަންޓާއި، އިގްތިސޯދީ ހަރަކާތްތެރިކަމާއި، ސައިންސާއި ޓެކްނޮލޮޖީ އަދި އަންހެނުން ބާރުވެރިކުރުވުމުގެ ރޮނގުން މި ޑަޔަލޮގްގައި މަޝްވަރާކުރާނެ އެވެ.
ރައީސް ނަޝީދުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ މި ޑަޔަލޮގްގައި ޑިޒާސްޓާ ރިސްކް މެނޭޖްމަންޓްގެ މައުލޫގައި ރައީސް ނަޝީދު ވާހަކަ ދައްކަވާނެ ކަމަށެވެ.
މިއީ ރާއްޖެއަށް މުހިންމު މަޝްވަރާތަކެއް ހިންގޭނެ ޕްލެޓްފޯމެއް ކަމަށާއި އެ މަސައްކަތް ބާރަށް ހިންގަވާނެ ކަމަށް ކުރީގެ ރައީސް ނަޝީދު ވިދާޅުވިއެވެ.
ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށްފަހު، ނަޝީދު އެނބުރި ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހޮނިހިރު ދުވަހު އެވެ.



