ނ. ލަންދޫގައި ހުމެއް ފެތުރި ސްކޫލްގެ 70% ކުދިން ބަލިވެއްޖެ: ކަންބޮޑުވުން ބޮޑުވެއްޖެ
ސިއްޙަތު

ނ. ލަންދޫގައި ހުމެއް ފެތުރި ސްކޫލްގެ 70% ކުދިން ބަލިވެއްޖެ: ކަންބޮޑުވުން ބޮޑުވެއްޖެ

ނނާޒިމް
June 3, 2026

ނ. ލަންދޫގައި ވަރުގަދަ ހުމެއް ފެތުރި، އެރަށު ސްކޫލްގެ ގިނަ ދަރިވަރުން ބަލިވެ، ކިޔެވުން ހުއްޓިފައިވާ ކަމުގެ ކަންބޮޑުވުން ބޮޑުވެއްޖެއެވެ. އެނގިފައިވާ ގޮތުގައި، ސްކޫލްގައި ކިޔަވަމުންދާ 218 ކުދިންގެ ތެރެއިން 152 ކުދިން މިއަދު ސްކޫލަށް ނުދެއެވެ. މިއީ ސްކޫލްގެ ދަރިވަރުންގެ 70 އިންސައްތައަށް ވުރެ ގިނަ އަދަދެކެވެ. މި ހުމަކީ ހައްޖު ދުވަހުން ފެށިގެން ފެތުރެން ފެށި ހުމެއް ކަމަށް މައުލޫމާތު ލިބެއެވެ.

އެރަށުގައި ހުން ފެތުރިގެން ދުވާލަކަށް ގާތްގަނޑަކަށް 45 އެއްހާ މީހުން ޑޮކްޓަރަށް ދައްކަމުންދާ ކަމަށް ލަންދޫ ސިއްހީ މަރުކަޒުގެ އޮފިޝަލަކު ވިދާޅުވިއެވެ. މިގޮތުން ޑޮކްޓަރަށް ދައްކަން އަންނަ މީހުންގެ ތެރޭގައި ހުން އައުމާއި، ކެއްސުމާއި، ރޯގާޖެހުން ފަދަ އަލާމާތްތައް ހުރެއެވެ. އަދި ދުވާލަކު ފަސް ވަރަކަށް މީހުންނަށް އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ ކަމަށްވެސް އޮފިޝަލު ވިދާޅުވިއެވެ.

މި ހުމާއި ގުޅިގެން ކަމާ ގުޅުން ހުރި އިދާރާތަކާއި ގުޅިގެން ހާއްސަ ފިޔަވަޅުތަކެއް ދަނީ އަޅަމުންނެވެ. އެގޮތުން، މިހާރު ހޮސްޕިޓަލާއި މަރުކަޒާއި ގުޅިގެން، މީހުންނަށް ޒިޔާރަތް ކުރުން މަނާކޮށްފައިވެއެވެ. އަދި ސްކޫލަށްވެސް އަންގާފައިވަނީ ކުދިން ކިރިޔާވެސް އަލާމާތެއް ހުރިއްޔާ ސްކޫލަށް ނުގެންދިއުމަށެވެ. މީގެ އިތުރުން ކައުންސިލާއި މަޝްވަރާކޮށް މަދިރިން ރައްކާތެރިވުމަށް ބައެއް ފިޔަވަޅުތައް އެޅުމަށް ތައްޔާރުވަމުންދާ ކަމަށްވެސް އޮފިޝަލު ވިދާޅުވިއެވެ.

ލަންދޫ ސިއްހީ މަރުކަޒުން ވަނީ މި ހުމުގެ މައުލޫމާތުތައް އެއްކޮށް، ކޮން އުމުރު ފުރައެއްގެ ކޮން ބަޔަކަށް ކިހިނެއް ވެފައިވާކަން އެނގޭނެގޮތަށް އެޗްޕީއޭއަށް ފޮނުވުމަށް ތައްޔާރުކޮށްފައެވެ. އަތޮޅު ހޮސްޕިޓަލާއި ޕަބްލިކް ހެލްތާއި މަޝްވަރާކޮށް، މިނިސްޓްރީއަށްވެސް މިކަން އަންގާފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ. ހައްޖު ދުވަހުން ފެށިގެން ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ޑޮކްޓަރަށް ދައްކަން ސިއްހީ މަރުކަޒަށް މީހުން އަންނަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސްކޫލްގެ ދަރިވަރުން ސްކޫލަށް ނުދާ މިންވަރު ދުވަހުން ދުވަހަށް ބަދަލުވަމުންދާކަން ހާމަވެއެވެ. ޖޫން އެއް ވަނަ ދުވަހު 82 ކުއްޖަކު ސްކޫލަށް ނުދިޔައިރު، ޖެހިގެން އައި ދުވަހު 98 ކުދިން ނުދެއެވެ. އަދި އިއްޔެ 48 ކުއްޖަކު ސްކޫލަށް ނުދެއެވެ. މިއަދު އެކަނިވެސް 100 އަށްވުރެ ގިނަ ދަރިވަރުން ސްކޫލަށް ނުދާ ކަމަށް މައުލޫމާތު ލިބެއެވެ.

މިދުވަސްވަރު އިންފްލުއެންޒާ އާއި އަރިދަފުސް ރޯގާ އިތުރުވާތީ ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އިލްތިމާސްކޮށްފައެވެ. އެޗްޕީއޭއިން ވިދާޅުވާ ގޮތުގައި އާދައިގެ ރޯގާއާއި އިންފްލުއެންޒާގެ އަލާމަތްތައް އެއްގޮތް ނަމަވެސް، މިއީ ތަފާތު ދެ ވައިރަހަކުން ޖެހޭ ބަލިތަކެކެވެ. އާދައިގެ ރޯގާއަށްވުރެ އިންފްލުއެންޒާއިން ކުރާ އަސަރު ބޮޑުވާކަމަށް އެޗްޕީއޭއިން ފާހަގަކުރެއެވެ. އިންފްލުއެންޒާ އަކީ އޭ، ބީ، ސީ ކަހަލަ ވައިރަސްތަކުން ޖެހޭ ބައްޔެކެވެ.

އިންފްލުއެންޒާ ޖެހިއްޖެނަމަ ފަސް އަހަރުން ދަށުގެ ކުދިން، ހާއްސަކޮށް ދެ އަހަރުން ދަށުގެ ކުދިންގެ ބަލީގެ ހާލަތު ސީރިއަސްވުން އެކަށީގެންވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި ހުން އައިސް އަރިދަފުސް ރޯގާ ޖެހޭ ކުޑަކުދިންގެ ފަރާތުން، ހަ ގަޑިއިރު ނުވަތަ އަށް ގަޑިއިރު ވަންދެން ކުޑަކަމު ނުދެވުމާއި، ވަރުދެރަވެ ނުވަތަ ވަރަށް ބޮޑަށް ވަރުބަލިވުމާއި، ގާތުން ކިރުބޯ ކުދިން ރަނގަޅަށް ކިރު ނުބުއިން ފަދަ އަލާމާތެއް ފެނިއްޖެނަމަ އަވަހަށް ޑޮކްޓަރެއްގެ ލަފާ ހޯދުމަށް އެޗްޕީއޭއިން ވަނީ އިރުޝާދު ދީފައެވެ.

އަރިދަފުސް ރޯގާ އަދި ނޭވާލާ ނިޒާމަށް ޖެހޭ ބަލިތަކުން ރައްކާތެރިވުމަށް އެޗްޕީއޭއިން ވަނީ ބައެއް މުހިއްމު ފިޔަވަޅުތައް ހާމަކޮށްފައެވެ.

  • އަތް ދޮންނަން ޖެހޭ ހާލަތްތަކުގައި، ސައިބޯނިލައިގެން ރަގަޅަށް އަތްދޮވުން ނުވަތަ ސެނިޓައިޒަރ ބޭނުންކޮށްފެން އަތް ސާފުކުރުން.

  • އަރިދަފުސް ރޯގާ ހުރި ނަމަ އަދި ކެއްސާ ކިނބިހި އަޅާއިރު، ނޭފަތާއި އަނގަ ރަގަޅަށް ނިވާކުރުން.

  • ހުންއައިސް ރޯގާޖެހި 3 ދުވަހަށްވުރެ އިތުރުވާނަމަ ޑޮކްޓަރެއްގެ ލަފައާއި އިރުޝާދު ހޯދުމަކީ މުހިއްމުކަމެކެވެ.

ލަންދޫގައި ފެތުރެމުންދާ ހުމުގެ ސަބަބުން ރަށުގެ އާންމު ހާލަތަށް ވަނީ ބޮޑު އަސަރުތަކެއް ކޮށްފައެވެ. ހާއްސަކޮށް، ސްކޫލްގެ ދަރިވަރުންގެ ތެރޭގައި ބަލިޖެހިފައިވާ މިންވަރުން ކަންބޮޑުވުން އިތުރުވެފައިވާއިރު، ކަމާބެހޭ ފަރާތްތަކުން ދަނީ މި ހާލަތު ކޮންޓްރޯލް ކުރުމަށް ގުޅިގެން މަސައްކަތް ކުރަމުންނެވެ. ރައްޔިތުންވެސް ސަމާލުވެ، ސިއްހީ އިރުޝާދުތަކަށް ތަބާވުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު