
ޑެންގީހުން ފެތުރޭ މިންވަރު ރާއްޖޭގައި އިތުރު ވެއްޖެ
ރާއްޖޭގެ ގިނަ އަތޮޅުތަކެއްގައި ޑެންގީހުން ފެތުރޭ މިންވަރު އިތުރުވަމުންދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.
އެޗްޕީއޭ އިން ނެރުނު މެއި މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އޭޕްރީލް މަހާ އަޅާބަލާއިރު ޑެންގީހުން ޖެހިގެން ރިޕޯޓްކުރި އަދަދު ވަނީ 648 އިން 778 އަށް އިތުރުވެފައެވެ. އެގޮތުން މިދިޔަ މަހުގެ 83 މީހަކަށް ވަނީ ޑެންގީހުން ޖެހިފައެވެ.
އެޗްޕީއޭ އިން އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން ޑެންގީހުމުގެ އިތުރުން ވައިރަލް ހުން ވެސް ވަނީ ހއ. އަދި ގދ. އަތޮޅު ފިޔަވައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އިތުރުވެފައެވެ. އަދި އަރިދަފުސް ރޯގާ ވެސް ގިނަ އަތޮޅުތަކެއްގައި ދަނީ ފެތުރެމުންނެވެ. މީގެ އިތުރުން ބޭރަށްހިންގުން މާލެ ސަރަޙައްދާއި، ބ، ކ، އއ، ފ އަދި ޏ އަތޮޅުގައި އިތުރުވެފައިވާކަން އެޗްޕީއޭއިން ފާހަގަކުރެއެވެ.
އެގޮތުން ބ. އަތޮޅުން 75 މީހަކަށް ޑެންގީހުން ޖެހުނުއިރު ވ. އަތޮޅުން 67 މީހަކަށް މިދިޔަ މަހު އެ ބަލި ޖެހިފައިވެއެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ބޭރަށްހިންގުމުގެ 4،726 ކޭސް ރިޕޯޓްކޮށްފައިވެއެވެ.
ވައިރަލްހުން ހއ އަދި ގދ އަތޮޅު ފިޔަވައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ވަނީ އިތުރުވެފައި ކަމަށް ވެސް ތަފާސްހިސާބުތަކުން ދައްކައެވެ. އެގޮތުން މިދިޔަ މަހު 17357 މީހަކު ވަނީ ވައިރަލް ހުން ޖެހިގެން ޑޮކްޓަރަށް ދައްކާފައެވެ.
މިދިޔަ މަހުގެ އަރިދަފުސްރޯގާ ޖެހިގެން 40،457 މީހަކު ވަނީ ޑޮކްޓަރަށް ދައްކާފައި ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އަރިދަފުސް ރޯގާ ރާއްޖޭގެ ގިނަ އަތޮޅުތަކުގައި ވަނީ އިތުރު ވެފައެވެ.
ޑެންގީ ފަދަ މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތަކުން ރައްކާތެރިވުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން މަދިރިން ރައްކާތެރިވުމަށް ހަށިގަނޑު ނިވައިވާފަދަ ހެދުން އެޅުމާއި، މަދިރި ލޯޝަން ނުވަތަ ރެޕެލެންޓް ބޭނުންކުރުމަށް ވަނީ އިރުޝާދު ދީފައެވެ. އަދި މަދިރި އާލާވާ ވަގުތުތައް ކަމަށްވާ ފަތިސް ގަޑީގައާއި އިރުއޮއްސޭ ވަގުތު ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުމަކީ މުހިންމު ކަމެކެވެ.


