ހުއްދަ ނުނަގާ 21 ބޭހެއް ދަނީ ވިއްކަމުން، އެ ބޭނުންކުރާ ފަރާތްތަކަށް އެމްއެފްޑީއޭގެ އިންޒާރު
ސިއްޙަތު

ހުއްދަ ނުނަގާ 21 ބޭހެއް ދަނީ ވިއްކަމުން، އެ ބޭނުންކުރާ ފަރާތްތަކަށް އެމްއެފްޑީއޭގެ އިންޒާރު

އއައިނީ
May 21, 2026

ހުއްދަ ނުނަގާ ރާއްޖޭގައި 21 ބޭހެއް ވިއްކަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށާއި، އެއީ ސިއްހީގޮތުން ނުރައްކާ އޮތްކަމެއްކަން ފާހަގަކޮށް އެކަން އެގޮތަށް ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އާއްމު ފަރާތްތަކަށް އަންގައިފި އެވެ. 

އެމްއެފްޑީއޭއިން އިއްޔެ އާއްމުކުރި އިޢުލާނުގައި ބުނީ ބޭހާއި ބެހޭ ޤަވާއިދުގެ ދަށުން ރާއްޖެއަށް ބޭސް އިމްޕޯޓް ކުރެވޭނީ، އެ އޮތޯރިޓީގައި ބޭސް އިމްޕޯޓްކުރާ ފަރާތެއްގެ ގޮތުގައި ރަޖިސްޓްރީވެގެން ކަމަށެވެ. އަދި އިމްޕޯޓްކުރާ ބޭސްތަކަކީ، ބޭސް ރަޖިސްޓްރީ ކުުރުމުގެ އުސޫލާއި އެއްގޮތަށް ރަޖިސްޓްރީކޮށް، އެޕްރޫވްޑް ޑްރަގް ލިސްޓުގައި ހިމަނާފައިވާ ބޭހަށްވާންޖެހޭނެކަމަށް ބުނެފައިވެއެވެ. 

ބޭސް އެތެރެކުރުމުގެ ހުއްދަނެތް ފަރާތްތަކުން، އެކިގޮތްގޮތުން ތަފާތު ވައްތަރުގެ ބޭސް ރާއްޖެއަށް އިމްޕޯޓްކޮށް، އެކިއެކި އޮންލައިން ޕްލެޓްފޯމްތަކުގައި އަދި އާދައިގެ ފިހާރަތަކުގައިވެސް މިފަދަ ބޭސްތައް ވިއްކަމުންގެންދާކަން އެމްއެފްޑީއޭއިން ބުނެފައިވެއެވެ. މިފަދަ ތަކެއްޗަކީ އޭގައި ހިމެނޭ މާއްދާތައް ކަށަވަރު ކުރެވިފައިވާ ބާވަތްތަކަކަށް ނުވާއިރު ރައްކާތެރިކަން ވެސް ކަށަވަރުކުނުކުރެވޭކަމަށް އެމްއެފްޑީއޭއިން ވަނީ ބުނެފައެވެ. 

އެމްއެފްޑީއޭ އިން ބުނި ގޮތުގައި، މިގޮތަށް އެތެރެކުރާ ބޭސްތަކަކީ އޭގައި ހިމެނޭ މާއްދާތައް ކަށަވަރު ކުރެވިފައިވާ ތަކެއްޗެއް ނޫނެވެ. އަދި އެއީ އޭގެ ފެންވަރާއި ރައްކާތެރިކަން ބަލާފައި ނުވާ ތަކެތި ކަމަށްވާތީ، އެފަދަ ބޭސް ބޭނުންކުރުމުން "ހީވެސް ނުކުރާފަދަ ބޮޑެތި ސިއްޙީ ނުރައްކަލަކާ" ކުރިމަތިލާން ޖެހިދާނެ ކަމުގެ ބިރު އެބައޮތް ކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ.

މިހާތަނަށް 21 ބޭހެއް މިގޮތަށް ވިއްކާކަން ފާހަގަކޮށް އެ އިދާރާއިން ވަނީ ފޮޓޯތަކާއެކު ލިސްޓުވެސް އާއްމުކޮށްފައެވެ. 

އެމްއެފްޑީއޭއިން ބުނީ އެ އޮތޯރިޓީގެ ހުއްދަނެތި ބޭސް އިމްޕޯޓްކޮށް، ވިއްކާ އަދި އިޝްތިހާރުކުރާ އޮންލައިން ޕްލެޓްފޯމްތައް އައި އާދައިގެ ފިހާރަތަކުން އެކަން ކުރާނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި، މި މައްސަލައިގައި ރިޕޯޓްކުރުމަށް އެމްއެފްޑީއޭގެ ނަންބަރު 7200321 އަށް ގުޅުމުން އެ އޮތޯރިޓީން ވަނީ އެދިފައެވެ. 

ޚިޔާލުފާޅުކުރުން

ކޮމެންޓު