ނަމާދު ގަޑިތަކުގައި ކުޅިވަރު ނުކުޅެވޭނެ އިންތިޒާމު ހަމަޖައްސަނީ
ކުޅިވަރު

ނަމާދު ގަޑިތަކުގައި ކުޅިވަރު ނުކުޅެވޭނެ އިންތިޒާމު ހަމަޖައްސަނީ

ނނާޒިމް
June 1, 2026

ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމެއްކަމާއި، ދީނީ ހަމަތަކަށް އަމަލީގޮތުން އިސްކަންދިނުމުގެ މުހިންމުކަން ފާހަގަކުރައްވައި، ނަމާދު ގަޑިތަކުގައި ކުޅިވަރުތައް ނުކުޅެވޭ ގޮތް ހެދުމުގެ މަސައްކަތް ސަރުކާރުން ފައްޓަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. މިކަން ހާމަކުރެއްވީ ރައީސް އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. ރައީސް ވިދާޅުވީ، ދިވެހިންނަކީ ހުރިހާ މާނައެއްގައި ވެސް އަމަލީ ގޮތުން އިސްލާމް ދީނާއި ގާނޫނު އަސާސީގެ ހަމަތަކުގެ މަތިން ކަންކަން ކުރާ ބަޔަކަށްވާއިރު، ހުރިހާ ކަމެއްގައި ވެސް އަމަލީ ގޮތުން އެކަން ކުރިއަށް ގެންދެވުން މުހިންމު ކަމަށެވެ.

މިކަންކަމަށް އަމަލީ ސިފައެއް ގެނައުމުގެ ގޮތުން، ކުޅިވަރުގެ މައިދާނުގައި ހަރަކާތްތެރިވާ ފަރާތްތަކުން ނަމާދު ގަޑި ޖެހި، ނިމިގެންދާއިރުވެސް ކުޅިވަރު ކުޅުމުގައި ތިބުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަން ރައީސް ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، ގަސްދުގައި ނޫން ނަމަވެސް، އެއީ މިހާރު ކަންކަން އޮންނަ ގޮތްކަމަށާއި، މިފަދަ ހާލަތްތައް ހައްލުކުރުމަށް ސަރުކާރުން ވަނީ އަޒުމު ކަނޑައަޅާފައި ކަމަށެވެ.

މިކަމަށް ހައްލެއް ހޯދުމަށްޓަކައި، ސަރުކާރުން އަޅާ ސްޕޯޓްސް ކޮމްޕްލެކްސްތަކާއި އެހެނިހެން ކުޅިވަރު އިމާރާތްތަކުގައި ވުޟޫކޮށް ނަމާދު ކުރެވޭނެ ފެސިލިޓީތައް ގާއިމު ކުރެވިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މިގޮތުން، މާފަންނު ސްޓޭޑިއަމް ފަދަ ތަންތަނުގައިވެސް މިފަދަ ނަމާދު ކުރާ ފެސިލިޓީތައް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ނިމިގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެކުވެނި ފަދަ ތަންތަންވެސް މި އިންތިޒާމުގެ ތެރޭގައި ހިމެނޭނެއެވެ. ރައީސް ވިދާޅުވީ، މިކަން އޮތީ މަޝްވަރާކޮށް، ތަންފީޒު ކުރުމާއި ހަމައިގައި ކަމަށެވެ.

މީގެ އިތުރުން، ބަންގި ގޮވާގަޑިން ފެށިގެން ކަނޑައެޅޭ ވަކި ވަގުތުކޮޅަކަށް ހުރިހާ ކުޅިވަރުތަކެއް މެދުކަނޑާލުމަށް ގެންނަން ޖެހޭ ބަދަލުތަކެއް ވެސް ގެންނާނެކަން ރައީސް ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، "ގޮވާގަޑިން ފެށިގެން ކަނޑައެޅޭ ވަކި ވަގުތުކޮޅެއް ވަންދެން ހުރިހާ ކުޅިވަރުތަކެއް މެދުކަނޑާލެވޭ ގޮތަށް 20 ވަރަކަށް މިނެޓް ނަމަވެސް، ގެންނަން ޖެހޭ ބަދަލުތަކެއް ގެންނާނަން." މިފަދަ އިންތިޒާމެއް ހަމަޖެއްސުމުން، ކުޅިވަރު ހަރަކާތްތެރިންނާއި ބެލުންތެރިންނަށްވެސް ނަމާދުކުރުމަށް ފުރުސަތު ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މިފަދަ ކަންތައްތަކެއް ކުރައްވަނީ، މި މުޖުތަމައުއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމަކަށްވެފައި، މުޖުތަމައުގައި އަމަލީ ގޮތުން ކަންކަން ތަންފީޒު ކުރެވިގެންދާން ޖެހޭނީ މި ހަގީގަތުގެ މައްޗަށް ކަމަށް ގަބޫލު ކުރެވޭތީ ކަމަށް ރައީސް ވިދާޅުވިއެވެ. މިކަންކަން ތަންފީޒު ކުރުމަށް ސަރުކާރުން އަޒުމު ކަނޑައަޅާފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި މި އިންތިޒާމުތައް ފެނިގެންދާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ. "އީރާދަ ކުރެއްވިއްޔާ މިކަންކަން ތަންފީޒު ކުރެވޭނެ، މާފަންނު ސްޓޭޑިއަމްގައި މިދެންނެވި ނަމާދު ކުރާ ފެސިލިޓިތައް ގާއިމު ކުރުމާއި ހުރިހާ ކަމެއް ކުރިއަށް އޮތް މަސްތަކުގައި ނިމިގެންދާނެ" ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ސްޕޯޓްސް މިނިސްޓްރީން މިހާރު އެކިފަރާތްތަކާއި ހަވާލުކޮށްގެން އަޅަން ނިންމާފައިވާ އެކިކަހަލަ ކުޅިވަރު ކުޅޭ ފެސިލިޓީތަކުގައިވެސް މި އުސޫލުތައް ތަންފީޒު ކުރެވިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ނަމާދު ވަގުތު ޖެހުމުން ވަކި ވަގުތަކަށް އެތަންތަނުގައި ކުޅިވަރުތައް ނުކުޅެވޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށް ރައީސްގެ ވާހަކަފުޅުން ހާމަވިއެވެ. މިއީ ރާއްޖޭގެ އިސްލާމީ މުޖުތަމައުގެ އަސާސްތައް ދެމެހެއްޓުމަށް ސަރުކާރުން އަޅުއްވާ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ގިނަ ބަޔަކު ދެކޭނެ ކަމަށް ބެލެވެއި.

ޚިޔާލުފާޅުކުރުން

ކޮމެންޓު