ސުޕްރީމް ކޯޓުގެ ނިންމުމުން އެމްޑީޕީއަށް ވޭވަށު ކައުންސިލްގެ ރައީސްކަން
ސިޔާސީ

ސުޕްރީމް ކޯޓުގެ ނިންމުމުން އެމްޑީޕީއަށް ވޭވަށު ކައުންސިލްގެ ރައީސްކަން

ނނާޒިމް
June 11, 2026

މިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި މ. ވޭވަށު ކައުންސިލްގެ ރައީސްކަމަށް ވާދަކުރި ކެންޑިޑޭޓުންގެ މެދުގައި ދިމާވި ވޯޓު މައްސަލައެއްގައި ސުޕްރީމް ކޯޓުން މިއަދު ނިންމުން ނިންމައިފި އެވެ. ވޯޓު ކަރުދާސްތަކެއްގައި ތިކިތަކެއް ހުރި މައްސަލައާ ގުޅިގެން ހައި ކޯޓުން އެ ވޯޓުތައް ބާތިލްކުރަން ކުރި ހުކުމް ސުޕްރީމް ކޯޓުން މިއަދު ބާތިލްކުރުމާއެކު، އެމްޑީޕީގެ ކެންޑިޑޭޓު އަހުޝަމް ނައީމްއަށް ވޭވަށު ކައުންސިލްގެ ރައީސްގެ ގޮނޑި ކަށަވަރުވެއްޖެ އެވެ.

މި މައްސަލަ ފެށިފައިވަނީ މިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގެ މ. ވޭވަށު ކައުންސިލްގެ ރައީސްކަމުގެ ގޮނޑީގެ ވާދައިގަ އެވެ. އެ މަގާމަށް ޕީއެންސީގެ ޓިކެޓްގައި މުހައްމަދު ނަޒީހާއި އެމްޑީޕީގެ ޓިކެޓްގައި އަހުޝަމް ނައީމް ވާދަކުރެއްވި އެވެ. އިންތިހާބުގެ ނަތީޖާ އިއުލާންކުރިއިރު، އެމްޑީޕީގެ ކެންޑިޑޭޓު އަހުޝަމް ނައީމް ވަނީ ދެ ވޯޓުގެ ތަފާތަކުން ނަޒީހުގެ މައްޗަށް ކުރި ހޯއްދަވާފަ އެވެ. މި ނަތީޖާއަށް އާދެވިފައިވަނީ، ދެލިތިކިތަކެއް ހުރި ތިން ވޯޓު ކަރުދާހެއް ސައްހަ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅުމަށް ފަހުގަ އެވެ. އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ، ވޯޓު ކަރުދާހުގައި ހުރި ތިކިތަކަކީ ޕްރިންޓް ކުރުމުގައި ދިމާވި ކަމަކަށް ވާތީ އެ ވޯޓުތައް ބާތިލް ނުވާނެ ކަމަށެވެ.

ނަމަވެސް، އިލެކްޝަންސް ކޮމިޝަނުގެ އެ ނިންމުމާ ގުޅިގެން ޕީއެންސީގެ ކެންޑިޑޭޓު މުހައްމަދު ނަޒީހު ވަނީ ހައި ކޯޓުގައި މައްސަލަ ހުށަހަޅުއްވާފަ އެވެ. ހައި ކޯޓުން އެ މައްސަލަ ބެލުމަށް ފަހު ނިންމީ، އެ ތިން ވޯޓު ކަރުދާހުގައި ހުރި ތިކިތަކަކީ މަތިމަތިން ބެލުމުން ވެސް އެ ވޯޓު ކަރުދާސްތައް ވަކިކޮށް ދެނެގަނެވޭފަދަ ފާހަގަތަކެއް ކަމަށެވެ. އެހެންކަމުން، އެއީ ވޯޓުގެ ސިއްރުކަން ކަށަވަރު ކުރެވޭ ގޮތަށް ހުރި ވޯޓުތަކެއް ނޫން ކަމަށް ކަނޑައަޅައި، އެ ތިން ވޯޓު ކަރުދާސް ބާތިލްކުރަން ހައި ކޯޓުން ހުކުމް ކުރި އެވެ. ހައި ކޯޓުގެ މި ހުކުމާ ގުޅިގެން، ވޭވަށު ކައުންސިލް ރައީސްގެ އިންތިހާބުން ކުރި ހޯއްދެވީ އެމްޑީޕީގެ ކެންޑިޑޭޓުގެ ބަދަލުގައި މުހައްމަދު ނަޒީހެވެ.

ހައި ކޯޓުގެ މި ހުކުމާ ގުޅިގެން، އެމްޑީޕީގެ ކެންޑިޑޭޓު އަހުޝަމް ނައީމްގެ ފަރާތުން ސުޕްރީމް ކޯޓުގައި ވަނީ މި މައްސަލަ އިސްތިއުނާފުކުރައްވާފަ އެވެ. ސުޕްރީމް ކޯޓުން މި މައްސަލަ ބައްލަވައި ނިންމެވީ މިއަދު އެވެ.

ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމްގައި ވަނީ، ޗާޕްކުރާ ވޯޓު ކަރުދާސްތަކުގައި ދެލި ނުވަތަ ކުނޑިތައް ހުރުމަކީ އެއްކޮށް ނައްތާލުން މުސްތަހީލް ކަމެއް ކަމަށް އިލެކްޝަންސް ކޮމިޝަނާއި ޕްރިންޓްކުރާ ފަރާތުން ވެސް ބުނެފައިވާކަން ފާހަގަކުރައްވާފަ އެވެ. އަދި، އެފަދަ ތިކިތައް ހުންނަ ކޮންމެ ވޯޓު ކަރުދާހެއް ބާތިލްކުރަން ވެއްޖެނަމަ، އެއީ ކުރިމަގުގައި ބާއްވާ އިންތިހާބުތަކުގައި ވޯޓު ކަރުދާސްތައް ބާތިލްކުރަން ހުޅުވޭ ދޮރެއް ކަމަށް ވެސް އެ ހުކުމުގައި ބަޔާންކޮށްފައިވެ އެވެ.

ތިން ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް އިއްވަވަމުން ފަނޑިޔާރު އަބްދުﷲ ހަމީދު ވިދާޅުވީ، "މިއީ މުޅި އިންތިހާބީ ނިޒާމް ބައްޓަން ކުރުމުގައި އިއާދަ ނުކުރެވޭނެ ގެއްލުމާއި ނޭދެވޭ އަސަރުކޮށްފާނެ ކަމެއް ކަމަށް ގަބޫލު ކުރެވޭ،" ކަމަށެވެ. މިފަދަ ކުދިކުދި ސިފަތަކުގެ ސަބަބުން ވޯޓު ބާތިލްކުރުމަކީ އިންތިހާބީ ނިޒާމަށް ނޭދެވޭ އަސަރުތަކެއް ކުރިމަތިކުރުވާނެ ކަމެއްކަން ސުޕްރީމް ކޯޓުން ފާހަގަކުރި އެވެ.

މި ސަބަބުތަކަށްޓަކައި، ހައި ކޯޓުގެ ހުކުމަކީ ގާނޫނީ އަދި ޝަރުއީ ހަމަތަކާ ހިލާފަށް ކުރެވިފައިވާ ހުކުމެއް ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅި އެވެ. އަދި، ހައި ކޯޓުން ކުރި ހުކުމް ބާތިލްކުރުމަށް ސުޕްރީމް ކޯޓުން ނިންމީ އެވެ. މި މައްސަލަ ސުޕްރީމް ކޯޓުގައި ބައްލަވައި ނިންމެވީ ފަނޑިޔާރު އަބްދުﷲ ހަމީދުގެ ރިޔާސަތުގެ ދަށުން ފަނޑިޔާރު ހުސައިން ޝަހީދު އަދި ފަނޑިޔާރު މުހައްމަދު ސަލީމެވެ.

ސުޕްރީމް ކޯޓުގެ މި ހުކުމާއެކު، މ. ވޭވަށު ކައުންސިލް ރައީސްގެ ގޮނޑި އެމްޑީޕީގެ ކެންޑިޑޭޓު އަހުޝަމް ނައީމްއަށް ކަށަވަރުވެގެންދިޔައީ އެވެ. މި މައްސަލަ ކޯޓުގައި އޮތުމުން، މިހާތަނަށް ވޭވަށު ކައުންސިލްގެ ރައީސްގެ މަގާމު އޮތީ ހުސްކޮށެވެ. ސުޕްރީމް ކޯޓުގެ މި ނިންމުމަކީ އިންތިހާބުތަކުގައި ވޯޓު ކަރުދާހުގެ ސައްހަކަން ކަނޑައެޅުމުގައި އިތުރު ހަރުދަނާ އުސޫލެއް ކަނޑައެޅި، ކުރިއަށް އޮތް އިންތިހާބުތަކަށް ވެސް މުހިންމު މިސާލެއް ބަހައްޓާނެ ނިންމުމެކޮ.

ޚިޔާލުފާޅުކުރުން

ކޮމެންޓު