
އެމްޑީޕީ މެންބަރުން އެދެނީ ބަހުގެ އިތުބާރު ހުރި ޗެއާޕާސަނަކަށް: މީކާއީލް
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޗެއާޕާސަންކަމަށް ވާދަކުރައްވާ ކެންޑިޑޭޓް މީކާއީލް ނަސީމް މިއަދު ވިދާޅުވެފައިވަނީ، އެޕާޓީގެ އާންމު މެންބަރުން އެންމެ ބޮޑަށް އެދެނީ ބަހުގެ އިތުބާރު އޮންނަ ބޭފުޅަކު ޗެއާޕާސަންގެ މަގާމަށް ވަޑައިގަތުން ކަމަށެވެ. އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު އަންނަ މަހުގެ 12 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، މީކާއީލްގެ "އިތުބާރު" ކެމްޕެއިން ކުރިއަށްދަނީ ހޫނު މިޒާޖެއްގައެވެ.
ރ. އަދި ބ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރަށްފަހު ބޭއްވި މީޑިއާ ބްރީފިންގއެއްގައި މީކާއީލް ވިދާޅުވީ، ޕާޓީގެ އާންމު މެންބަރުން ބޭނުންވަނީ އެއްގޮތެއްގައި ސާބިތުވެ ހުންނަވާނެ، ދައްކަވާ ވާހަކައާއި އަމަލާ ދިމާވާނެ އިތުބާރު ހުރި ބޭފުޅަކާ ޕާޓީގެ ހިންގުން ހަވާލުކުރަން ކަމަށެވެ. މީކާއީލް ވިދާޅުވީ، މިއީ އެމްޑީޕީގެ ތާރީހުގައިވެސް އެންމެ ބޮޑަށް އިތުބާރުގެ މައްސަލަ ކުރިމަތިވެފައިވާ ދުވަސްވަރު ކަމަށާއި، ޕާޓީގެ ހިންގުން ހަވާލުކުރަންޖެހެނީ މިފަދަ ހާލަތަކުން ޕާޓީ ސަލާމަތް ކުރެވޭނެ، ބަހުގެ އިތުބާރު ހުރި ޒުވާން ލީޑަރަކާ ކަމަށެވެ.
މީކާއީލް ވަނީ އޭނާގެ ވާދަވެރިޔާ، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ނަޝީދުގެ ކެމްޕެއިން ޓީމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، ނަޝީދުގެ ޓީމުން ހުށަހަޅުއްވަނީ ޗެއާޕާސަންގެ ދައުރާ ގުޅޭ ކަންކަމުގެ ބަދަލުގައި، ރިޔާސީ ޕްރައިމަރީއެއްގެ މެނިފެސްޓޯއެއް ކަމަށެވެ. ދައުލަތަށް ގެންނަންޖެހޭ ބަދަލުތަކުގެ ވާހަކައަކީ އެމްޑީޕީގެ ގައުމީ މަޖިލީހުން މަޝްވަރާކޮށް 2028 ގެ ރިޔާސީ މެނިފެސްޓޯގައި ހިމަނަންޖެހޭ ކަންކަން ކަމަށް މީކާއީލް ފާހަގަކުރެއްވިއެވެ.
"އާންމު މެންބަރުންނަށް މެޓާ ވަނީ ބޮޑުވަޒީރެއް ނޫން. ހަމަ އެއްކަލަ ފޮތް ފަންސޫރު، ޕާޓީގެ ވަކިލާރި، ޕާޓީގެ ސިޔާސަތު އަދި ޕާޓީގައި ދެމިހުންނާނެ ކަމުގެ ޔަގީންކަމެއް އޮތް ބައެއް ޕާޓީއާ ހަވާލުވުން. އެހެންމެ އެ ވާހަކަ އަޅުގަނޑުމެން ތަކުރާރުކޮށް ދައްކާނަން، އަދި ތަކުރާރުކޮށް ހަމަ އަޅުގަނޑު ދަންނަވާލަން މިހާރު ހިނގަމުން މިދަނީ އެމްޑީޕީ ޗެއާޕާސަނެއްގެ އިންތިހާބު، މީކީއެއް ރިޔާސީ ޕްރައިމަރީއެއް ނޫން،" މީކާއީލް ވިދާޅުވިއެވެ.
މީކާއީލް ވިދާޅުވި ގޮތުގައި، ރަށްރަށަށް ކުރި ކެމްޕެއިން ދަތުރުގައި އެންމެ ގިނައިން ކުރިމަތިވި ސުވާލަކީ ޗެއާޕާސަންގެ އިންތިހާބުގެ ނަތީޖާއަށްފަހު އެމްޑީޕީގައި ދެމިތިބޭނެތޯ ކުރާ ސުވާލެވެ. އެމްޑީޕީގެ 2023 ވަނަ އަހަރުގެ ރިޔާސީ ޕްރައިމަރީއަށްފަހު، ބަޔަކު ޕާޓީ ދޫކޮށްދިއުމުން، މެންބަރުންގެ މެދުގައި އިތުބާރު ކުޑަވެފައިވާ މާހައުލެއް އޮތްކަން އޭނާ ފާހަގަކުރެއްވިއެވެ. އޭނާ ވަނީ ޗެއާޕާސަންގެ އިންތިހާބުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތް ނަމަވެސް ޕާޓީ ދޫކޮށް ނުދާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. މިކަމުން ދައްކުވައިދެނީ ޕާޓީގެ އެތެރޭގައި ހަމަޖެހުމާއި އެއްބައިވަންތަކަން ގެނައުމަށް އޭނާ ދެއްވާ އަހަންމިއްޔަތެވެ.
ސަރުކާރު ޖަވާބުދާރީ ކުރުވުމާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މީކާއީލް ވިދާޅުވީ، 2023 ގައި އެމްޑީޕީގެ ސަރުކާރު ގެއްލުވާލައި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުގައި ބައިވެރިވާން އިއުލާންކުރީ އޭނާއާ ވާދަކުރައްވާ ފަރާތްތަކުން ނުވަތަ ނަޝީދުގެ ޓީމުން ކަމަށެވެ. އަދި އޭރުވެސް ރައީސް މުއިއްޒަކީ "އިންޑިއާ އައުޓް" ކެމްޕެއިންގެ އިސް ފަރާތެއްކަން އެނގިތިބެ، ޒާތީ މަސްލަހަތު އިސްކޮށް އެ މަނިކުފާނަށް ވާގިވެރިވީ ނަޝީދުގެ ޓީމުން ކަމަށްވެސް މީކާއީލް ވިދާޅުވިއެވެ. އޭނާ ބަޔާންކުރެއްވީ، ސަރުކާރު ޖަވާބުދާރީ ކުރުވޭނީވެސް އެކައުންޓަބަލް ކުރެވޭނީވެސް އެއްގޮތަކަށް، އެއްގޮތެއްގައި ހުންނަ މީހަކަށް އަދި ބަސް ބުނާއިރުވެސް އެއްގޮތެއްގައި އެބަސް ހިފަހައްޓާ ބަހުގެ އިތުބާރު އޮތް ފަރާތަކަށް ކަމަށެވެ. މިއީ ސަރުކާރާ ދެކޮޅަށް ހަރުދަނާ އިދިކޮޅު މަސައްކަތެއް ކުރިއަށް ގެންދެވޭނެކަމުގެ ޔަގީންކަން ޕާޓީގެ މެންބަރުންނަށް ދެއްވުމަށް އޭނާ ކުރައްވާ މަސައްކަތެކެވެ.
ޗާގޯސް މައްސަލަ އާއި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކުރާ ވޯޓާ ގުޅިގެން ވާދަވެރިން ސްޓޭންޑް ބަދަލުކުރެއްވިކަންވެސް މީކާއީލް ފާހަގަކުރެއްވިއެވެ. މިއީ ޕާޓީގެ ހިންގުން ހަވާލުކުރަންޖެހޭ ފަރާތެއް ކަނޑައެޅުމުގައި މެންބަރުންނަށް ވަރަށް މުހިންމު ނުކުތާތަކެއްކަމަށް އޭނާ ދެކެއެވެ.
މީކާއީލް ނަސީމް ވަނީ އޭނާގެ "އިތުބާރު" ކެމްޕެއިންގެ މެނިފެސްޓޯ އިފުތިތާހު ކުރަން އަންނަ ބުރާސްފަތި ދުވަހުގެ ރޭ އާޓިފިޝަލް ބީޗްގައި އޮންނާނެކަން މިއަދުގެ ބްރީފިންގަައި އިއުލާނު ކުރައްވައިފައެވެ. މި މެނިފެސްޓޯއިން އޭނާގެ ވިސްނުންތަކާއި ޕާޓީ ކުރިއެރުވުމަށް ހުރި ރޭވުންތައް އިތުރަށް ހާމަވެގެންދާނެކަމަށް ބެލެވެއެވެ.



