
ވޯޓުން އެމްޑީޕީ، ބޮޑު ތަފާތަކުން ސަރުކާރު ބަލިކޮށްފި: ކުރީގެ ރައީސް ނަޝީދު
ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުތަކުގައި އިދިކޮޅު އެމްޑީޕީ، ބޮޑު ތަފާތަކުން ސަރުކާރު ބަލިކޮށްފައިވާ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އިއްޔެ ވަނީ، ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބު ބާއްވައިފައެވެ. އަދި، މައި ދެ އިންތިޚާބު ކަމަށްވާ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުމާ ގުޅޭ ގޮތުން ޚިޔާލު ހޯދުމުގެ ވޯޓު ވެސް ނަގައިފައިވެއެވެ.
އިއްޔެ ހެނދުނު 8:00 ގައި ވޯޓުލުން ފަށައި، ކިޔޫތައް ބަންދުކޮށްފައިވަނީ 17:00ގައެވެ.
ވޯޓްގެ ނަތީޖާތަކާ ގުޅުވައި ކުރީގެ ރައީސް ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހޮނިހިރު ދުވަހު ނެގި ވޯޓުގައި އެމްޑީޕީ ވަނީ ވަރަށް ބޮޑު ތަފާތަކުން ސަރުކާރު ބަލިކޮށް، ކާމިޔާބު ހޯދައިފައި ކަމަށެވެ. އެގޮތުން ހުރިހާ ސިޓީއަކާއި ގިނަ ރަށްރަށާއި ފެންނަ ނުފެންނަ ވޯޓުގައި ވެސް ބޮޑު ތަފާތަކުން ސަރުކާރަށް ރައްޔިތުން ނޫނެކޭ ބުނެފައިވާ ކަމަށް ވިދާޅުވިއެވެ.
ނަޝީދު ވަނީ ވޯޓު ދެއްވި ހުރިހާ ބޭފުޅުންނަށް އަދި ވާދަވެރިންނަށް މަރުހަބާ ދަންނަވާފައެވެ.
ސިޓީތަކުގެ މޭޔަރުގެ މަގާމާއި ސިޓީ ކައުންސިލް ގިނަ ގޮނޑިތައް އެމްޑީޕީން ކާމިޔާބުކޮށްފައިވާއިރު، ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާއި ގުޅޭގޮތުން ނެގި ވޯޓުގައި ގިނަ ރައްޔިތުން ތާއީދުކޮށްފައި ވަނީ އިންތިޚާބުތައް އެއް ދުވަހެއްގައި ނުބޭއްވުމަށެވެ.

