އީރާނުގެ ސަރުކާރު ވެއްޓޭނެ ކަމުގެ ޔަގީންކަމެއް ނެތް ކަމަށް އިސްރާއީލުގެ އޮފިޝަލުން ބުނެފި
ދުނިޔެ

އީރާނުގެ ސަރުކާރު ވެއްޓޭނެ ކަމުގެ ޔަގީންކަމެއް ނެތް ކަމަށް އިސްރާއީލުގެ އޮފިޝަލުން ބުނެފި

ރރާޅު މީޑިއާ
March 11, 2026

އިސްރާއީލާއި އެމެރިކާ ގުޅިގެން އީރާނާ ދެކޮޅަށް ފަށާފައިވާ ވަރުގަދަ ހަނގުރާމައިގެ ސަބަބުން އެ ގައުމުގެ ދީނީ ސަރުކާރު ވެއްޓޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތް ކަމަށް އިސްރާއީލުގެ އިސް އޮފިޝަލުން އެއްބަސްވެއްޖެއެވެ.

ރޮއިޓާސް ނިއުސް އެޖެންސީއަށް މައުލޫމާތު ދެއްވި އިސްރާއީލުގެ ސީނިއާ އޮފިޝަލަކު ވިދާޅުވި ގޮތުގައި، ބޭރުގެ ގައުމުތަކުން ދެމުންދާ ވަރުގަދަ ހަމަލާތަކާ އެކުވެސް، އީރާނުގެ ދާޚިލީ މަސްރަހުން ސަރުކާރާ ދެކޮޅަށް ރައްޔިތުން ތެދުވަމުންދާ ކަމުގެ އެއްވެސް ނިޝާނެއް އަދި ފެންނާކަށް ނެތެވެ.

މީގެ އިތުރުން، މި ހަނގުރާމަ ވަރަށް އަވަހަށް ނިމިދާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވި ނަމަވެސް، އިސްރާއީލުގެ އަސްކަރީ އަދި ސިޔާސީ ވަޒަންކުރުންތަކުން ދައްކަނީ ވޮޝިންޓަނުން ހަނގުރާމަ ހުއްޓާލުމުގެ އެއްވެސް ނިންމުމަކާ ގާތަށްވެސް އަދި ގޮސްފައިނުވާ ކަމަށެވެ. އިސްރާއީލުގެ ދެ އޮފިޝަލަކު ކަށަވަރުކޮށްދެއްވި ގޮތުގައި، އެމެރިކާގެ އަސްކަރިއްޔާއަށް ހަމަލާތައް ހުއްޓާލުމުގެ އަމުރެއް ދިނުމުގެ ތައްޔާރީތަކެއް މިވަގުތު ނުފެނެއެވެ.

އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދެމުންދާ ނުރައްކާތެރި ހަމަލާތަކުގައި އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އާއި އަސްކަރިއްޔާގެ އިސް ގިނަ ކޮމާންޑަރުންތަކެއް ވަނީ އަވަހާރަކޮށްލާފައެވެ. ނަމަވެސް، މި ހަމަލާތަކުގައި އާންމުންގެ އެތައް ބަޔަކު މަރުވެ، މީހުން ދިރިއުޅޭ ގެދޮރާއި އާންމު އިމާރާތްތައް ސުންނާފަތިވަމުން ދިއުމުގެ ސަބަބުން އީރާނުގެ ގިނަ ރައްޔިތުންގެ މެދުގައި ވަނީ ބޮޑު ނުރުހުމެއް އުފެދިފައެވެ. ތެހެރާނާއި އެހެނިހެން ބޮޑެތި ސިޓީތަކަށް މިސައިލް ހަމަލާތައް އަމާޒުވަމުންދާއިރު، ސަރުކާރާ ދެކޮޅަށް އަޑުއުފުލާ ކޮންމެ މީހަކާ ދެކޮޅަށް މަރުގެ ބާރު ބޭނުންކުރާނެ ކަމުގެ އިންޒާރު އީރާނުގެ ސަލާމަތީ ބާރުތަކުން ވަނީ ދީފައެވެ. މީގެ ސަބަބުން، ސަރުކާރު ދެކެ ކިތަންމެ ނުރުހުނަސް، ހަނގުރާމަ ނިމެންދެން މަގުމައްޗަށް ނިކުމެ މުޒާހަރާކުރުމަށް އީރާނުގެ ރައްޔިތުން ތިބީ ބިރުންނެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، ހަނގުރާމަ ފެށި ދުވަހު ވިދާޅުވީ، "އަހަރެމެންގެ ގުޅިފައިވާ ހަރަކާތްތަކުގެ ސަބަބުން، އީރާނުގެ ހިތްވަރުގަދަ ރައްޔިތުންނަށް އެމީހުންގެ މުސްތަގުބަލު އަމިއްލައަށް ކަނޑައެޅުމުގެ ފުރުސަތު މަގުފަހިވެގެންދާނެ" ކަމަށެވެ. އޭނާ ވަނީ ވަކިން ހާއްސަކޮށް އީރާނުގައި ދިރިއުޅޭ ކުރުދީންނާއި، ބަލޫޗީން އަދި އަރަބި ދަރިކޮޅުގެ މީހުންނާ މުހާތަބުކޮށް ވާހަކަދައްކަވާފައެވެ. ނަމަވެސް އަންގާރަ ދުވަހު ނެރުއްވި ބަޔާނެއްގައި ނަތަންޔާހޫގެ ރާގު ވަނީ ކުޑަކޮށް ބަދަލުވެފައެވެ. އޭނާ ވިދާޅުވީ، އިސްރާއީލުގެ އުންމީދަކީ އީރާނުގެ ރައްޔިތުން އަނިޔާވެރިކަމުގެ ކަސްތޮޅުން މިންޖުވުން ކަމުގައި ވިޔަސް، "އެކަން ނިންމާނީ އަމިއްލައަށް އެ ރައްޔިތުން" ކަމަށެވެ. މިއީ އީރާނުގެ ތެރޭގައި ސަރުކާރާ ދެކޮޅު އިންގިލާބެއް މިވަގުތު ފެށިދާނެ ކަމުގެ އުންމީދު ކުޑަކަން އިސްރާއީލުން ގަބޫލުކުރާ ކަމުގެ ހެއްކެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ހަނގުރާމައިގެ މައިދާނުގައި ކަންކަން މިހެން ހުރިއިރު، ތެހެރާނުގެ ރައްޔިތުންގެ ޝުއޫރުތައް ހުރީ ވަރަށް ތަފާތުކޮށެވެ. ތެހެރާނުގައި ދިރިއުޅޭ އުމުރުން 26 އަހަރުގެ އަލީ ބުނީ، "އަހަރެން މި ސަރުކާރު ދެކެ އިންތިހާއަށް ނަފުރަތު ކުރަން، މި ސަރުކާރު ނިމުމަކަށް އަންނަން ބޭނުން. އެކަމަކު މިހާ ވަރުގަދައަށް ބޮން އަޅަމުންދާއިރު، މުޒާހަރާ ކުރަން ނިކުންނާނެ މަގެއްވެސް މިހާރު މިރަށަކު ނެތް،" ކަމަށެވެ. އީރާނުގެ އެހެން ރައްޔިތަކު ބުނި ގޮތުގައި، ސަރުކާރާ މެދު ހިތްހަމަނުޖެހުން ހުއްޓަސް، ބޭރުގެ ބާރުތަކުން ގައުމަށް ދޭ ހަމަލާތަކުގެ ސަބަބުން ގައުމީ ލޯބި ވަނީ އިތުރުވެފައެވެ. އަދި ޓްރަމްޕާއި ނަތަންޔާހޫ ފަދަ ލީޑަރުންނަށް އޮތް ނަފުރަތު ވަނީ ބޮޑުވެފައެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު