
ޓްރަމްޕްގެ ސުލްހަ އެއްބަސްވުމަށް އިޒްރޭލާއި ޔޫއޭއީ ސަޢޫދީ ދެކޮޅު: އިޒްރޭލުން އެއްބަސްވުމާއި ޚިލާފުވާނެ ކަމުގެ އިޝާރާތެއް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އީރާނާއި އެމެރިކާ އަދި އެ ދެ ގައުމުގެ އެކުވެރިންގެ މެދުގައި ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމެއް ޤާއިމުކުރެވިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މި އެއްބަސްވުމަށް އަމަލުކުރަން ފެށީ ވަގުތުންނެވެ. ނަމަވެސް، މި އެއްބަސްވުމަކީ އިޒްރޭލާއި، ސަޢޫދީ އަރަބިއްޔާ އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން އެކަމާ ދެކޮޅު ހަދަމުން ދަނިކޮށް ހަދާފައިވާ އެއްބަސްވުމެއް ކަމަށް ވެއެވެ. މިކަމުގެ ސަބަބުން މި ސަރަޙައްދުގެ ސިޔާސީ މަންޒަރު ވަރަށް ބޮޑަށް ބަދަލުވެގެންދާނެ ކަމަށް ލަފާކުރެވެއެވެ.
މަޝްހޫރު މީޑިއާ "އެކްސިއޯސް" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި އެއްބަސްވުން ޤާއިމުކުރުމާ ދެކޮޅަށް އިޒްރޭލާއި، ސަޢޫދީ އަރަބިއްޔާ އަދި ޔޫއޭއީގެ ވެރިން ވަނީ ބޮޑު މަސައްކަތެއް ކޮށްފައެވެ. އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި، ސަޢޫދީ އަރަބިއްޔާ އަދި ޔޫއޭއީގެ ވެރިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ގަދަޔަށް ބާރުއަޅާފައިވަނީ، އީރާނުން ބޮޑެތި ދޫތަކެއް ނުދޭނަމަ އެއްވެސް ހުށަހެޅުމެއް ޤަބޫލުނުކުރުމަށެވެ. އެމީހުން ދެކެމުންދިޔައީ އީރާނުން އެއްވެސް ސުލްޙަ އެއްބަސްވުމަކަށް ތަބާނުވާނެ ކަމަށާއި، ވީމާ ހަރުކަށި ކޮށް މުޢާމަލާތުކުރަން ޖެހޭނެ ކަމަށެވެ. އެކްސިއޯސްއިން ބުނާގޮތުގައި، ޓްރަމްޕްގެ ސިޔާސީ އެޑްވައިޒަރެއް ކަމަށްވާ ސެނެޓަރ ލިންޑްސޭ ގްރަހަމްވެސް ހުރީ މި މޭރުމުން ވިސްނާފައެވެ.
ނަމަވެސް، ޓްރަމްޕްގެ އަމިއްލަ ޓީމުގެ ބައެއް މެންބަރުންގެ ވިސްނުން ތަފާތެވެ. ނާއިބު ރައީސް ޖޭ.ޑީ ވެންސް އާއި، އެއްބަސްވުމުގައި މެދުވެރިއެއްގެ ގޮތުގައި ބައިވެރިވާ މަންދޫބު ސްޓީވް ވިޓްކޮފް ޓްރަމްޕަށް ލަފާދެއްވީ، އެއްބަސްވުމަކަށް އާދެވޭނެ ފުރުސަތެއް ލިބިއްޖެނަމަ އެ މަގަށް މަސައްކަތް ކުރުމަށެވެ. އެމީހުން ދެކުނީ ހަނގުރާމަ ހުއްޓާލުމުގެ ފުރުސަތު ހޯދުމަކީ މުހިއްމު ކަމެއް ކަމަށާއި، ނޫންނަމަ އެމެރިކާއަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމަށެވެ. މި ދެފަރާތުގެ ވިސްނުން ތަފާތުވުމުގެ ސަބަބުން ޓްރަމްޕަށް ވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައެވެ.
މި މައްސަލައިގައި މެދުވެރިއެއްގެ ދައުރު އަދާކުރައްވާ، ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވަނީ "އެކްސް" (ކުރީގެ ޓްވިޓަރ) މެދުވެރިކޮށް، މި އެއްބަސްވުމުގެ ޚަބަރު އާންމުކުރައްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި، އެމެރިކާ އާއި އީރާނުގެ އިތުރުން އެ ދެ ޤައުމުގެ އިއްތިހާދީންގެ މެދުގައި ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމެއް މިހާރު ވަނީ ޤާއިމުކުރެވިފައެވެ. އަދި އެ އެއްބަސްވުމަށް ވަގުތުން އަމަލުކުރަން ފެށޭނެއެވެ. އޭނާ އިތުރަށް ވިދާޅުވީ، "އިސްލާމީ ޖުމްހޫރިއްޔާ އީރާނާއި އެމެރިކާގެ އިތުރުން އެ ދެ ފަރާތުގެ އިއްތިހާދީ ބައިވެރިން ވަނީ، ލުބުނާނު ހިމެނޭހެން ހުރިހާ ސަރަޙައްދެއްގައިވެސް ވަގުތުން ޙަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވެފައެވެ. މި ނިންމުމަށް ވަގުތުން އަމަލުކުރަން ފެށޭނެއެވެ." މިކަމަކީ މި ސަރަޙައްދަށް އާ އުންމީދެއް ގެނެސްދީފި ކަމެއް ކަމަށް ޝަރީފް ފާހަގަކުރެއްވިއެވެ.
ނަމަވެސް، ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަކަށް އާދެވުނުތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި، އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫގެ ފަރާތުން ކަންތައްތައް ވަނީ ހީނުކުރާ ގޮތަކަށް ބަދަލުވެފައެވެ. އޭނާއާ ހަވާލާދީ އާންމުކޮށްފައިވާ ޚަބަރުތަކުގައި ބުނެފައިވަނީ، އެ އެއްބަސްވުން ލުބުނާނުގެ މައްޗަށް ނުހިނގާނެ ކަމަށެވެ. މިފަދަ ބަޔާނެއް ނެރެފައިވަނީ، ޕާކިސްތާނުގެ ބޮޑުވަޒީރުގެ ބަޔާނުގައި ލުބުނާނު ހިމެނޭހެން ހުރިހާ ސަރަޙައްދެއްގައި ހަމަލާ ހުއްޓާލުމަށް އެއްބަސްވެފައިވާ ކަމަށް ބުނެފައިވަނިކޮށެވެ. ނަތަންޔާހޫގެ މި ނިންމުމުގެ ސަބަބުން ސުލްޙައިގެ މަޝްވަރާތަކަށް ވަނީ އިތުރު ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.
މެދުއިރުމަތީގައި އިޒްރޭލުގެ ސިޔާސަތުތައް ހުންނަ ގޮތުން، މިފަދަ ސުލްޙައެއް ފޫދުއްވާލެވޭތޯ އެ ގައުމުން ކުރެވުނުހާ މަސައްކަތެއް ކުރާނެ ކަމަށް މުޙައްލިލުން ބުނެއެވެ. ލުބުނާނަކީ އިޒްރޭލާ އީރާނުގެ މަސްރަހާއި ވަރަށް ބޮޑަށް ގުޅިފައިވާ ސަރަޙައްދެކެވެ.



