
އީރާނުގެ ހަމަލާތަކުން އިޒްރޭލަށް ބޮޑެތި ގެއްލުންތަކެއް
މެދުއިރުމަތީގެ ހާލަތު އިތުރަށް ގޯސްވެ، އިޒްރޭލުގެ އެކި ސަރަޙައްދުތަކަށް ބުރާސްފަތި ދުވަހުގެ ރޭ ފުޅާދާއިރާއެއްގައި ހަމަލާތަކެއް ދީފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ. މި ހަމަލާތަކުގެ ސަބަބުން އިޒްރޭލުގެ މުދަލަށާއި އުމްރާނީ ތަރައްޤީއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް ރިޕޯޓުތައް ދައްކައެވެ. ހަމަލާތައް ދިން ފަރާތްތަކުން މި ހާދިސާ ސިފަކޮށްފައިވަނީ 'ހިތިވެގެންވާ، ވޭންދެނިވި ބަދަލުހިފުމެއް' ކަމުގައެވެ.
ރިޕޯޓުތަކުން ދައްކާ ގޮތުގައި، މި ހަމަލާތަކުގައި އިޒްރޭލުގެ ފަޚުރުވެރި ޒަމާނީ ޑިފެންސް ސިސްޓަމްތައް ޓާގެޓުކޮށް ހަލާކުކޮށްލާފައިވެއެވެ. މުޅި ދުނިޔެ ބަލަބަލައި އޮއްވައި، އެފަދަ ނިޒާމުތައް މޮޔަކޮށްލުމަށްފަހު، އިޒްރޭލުގެ އެކި ސަރަޙައްދުތަކަށް ބޮޑެތި ގެއްލުންތަކެއް ދީފައިވެއެވެ. ގިނަ ތަންތަން ސުންނާފަތިވެ، އަލިފާނުގެ ކޮޅުތައް ގަދަވެފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ. އިޒްރޭލުގެ ރަށްތަކާއި، އަސްކަރީ މަރުކަޒުތަކާއި، އާންމު ހިދުމަތްތެރިންނަށް ހިދުމަތްދޭ މުހިންމު ތަންތަނަށް މި ހަމަލާތަކުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.
މިއަދު ފެންނަމުންދަނީ ބިރުވެރި މަންޒަރުތަކެކެވެ. އިޒްރޭލުގެ ރައްޔިތުންނަށް ދިމާވެފައިވާ ހާލަތު ސިފަކޮށްދިނުމަށް ދަތި ހިތާމަވެރި މަންޒަރުތަކެއް މިހާރު ވަނީ ފެންނަން ފަށާފައެވެ.މިއީ އަމިއްލަ އަތުން ހެދި ގޯސްތަކުގެ ނަތީޖާއެވެ. ރިޕޯޓުތައް ބުނާ ގޮތުގައި، އިޒްރޭލުގެ އަންހެނުންނާއި ފިރިހެނުން ބިރުން ރޮއެނަގަމުން ދާއިރު، މުޅި ސަރަޙައްދުގައި ވަނީ ބިރުވެރި އަލިފާނުގެ ތޫފާނެއް ފެތުރިފައެވެ. އެބައިމީހުންގެ ގެދޮރާއި މުދާތައް ހަލާކުވެ، ނެތިދަނީ އެސްފިޔަޖަހާލާ ހިނދުކޮޅެއްގެ ތެރޭގައެވެ. މި ހާދިސާތަކުގެ ސަބަބުން ގިނަ އަދަދެއްގެ އާންމުން ވަނީ ހާލުގައި ޖެހި، ގެއްލުންތައް ލިބިފައެވެ. އެމީހުންނަށް ރައްކާތެރިކަން ހޯދުމަށް މަސައްކަތް ކުރަމުންދާއިރު، ސަރަހައްދުގައި އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން ދަތިތަކާ ކުރިމަތިލާން ޖެހިފައިވެއެވެ.
އީރާނުން ވަނީ މިއީ ދުނިޔޭގެ ކުރިމަތީގައި އިޒްރޭލުން އިސްލާމީ އުންމަތަށް ކުރަމުންދާ އަނިޔާތަކަށް ދެވުނު 'ބަދަލުހިފުމުގެ ރޭ' ކަމަށް ބުނެފައެވެ. އެމެރިކާ އިޒްރޭލުން އިސްވެ އީރާނަށް ދެމުންދާ ހަމަލަތަކާއި ފަލަސްތީނުގެ ސަރަޙައްދުތަކަށް ދެމުންދާ ހަމަލާތަކާއި، ޔަމަނާއި ސޫރިޔާގެ ޖުމްލަކޮށް މުޅި އިސްލާމީ އުންމަތުގެ ސަރަޙައްދުތަކަށް ދިމާވެފައިވާ ހާލަތަށް އިޝާރާތް ކުރަމުން، 'އަނިޔާވެރިންނަށް އެބައިމީހުންގެ އަމަލުތަކުގެ ހިތި ނަތީޖާ މިއަދު މިވަނީ ފެންނަން ފަށާފައި' ކަމަށް އެ ފަރާތްތަކުން ބުނެއެވެ. މީގެ އިތުރުން 'ނަޞްރުގެ މަގު މިއޮތީ ކައިރީގައި' ކަމަށް އީރާނާއި ޖަމާއަތްތަކުން ދަނީ ބުނަމުންނެވެ.
މި ހަމަލާތަކުގެ ސަބަބުން މެދުއިރުމަތީގެ ސިޔާސީ މައިދާނަށް ބަދަލުތަކެއް އައުމުގެ ފުރުސަތު ބޮޑު ކަމަށް ތަހުލީލުކުރާ ފަރާތްތަކުން ބުނެއެވެ.
މެދުއިރުމަތީގެ ހާލަތު ދަނީ އިތުރަށް ގޯސްވަމުން ކަމަށާއި، މި ހާދިސާއަކީ އިތުރު ހަމަލާތަކަކަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ. މި ވަގުތު މި ހަމަލާތަކާ ގުޅިގެން ކުރިއަށް އޮތް ތަނުގައި ވާނެ ގޮތެއް ބުނަން ދަތިކަމަށް ތަހުލީލުކުރާ ފަރާތްތަކުން ބުނެއެވެ.



