
އީރާނުގެ އިންޒާރެއް ޓްރަމްޕަށް: ކަލޭ ނިމިގެން ދާނީ ހިޓިލަރަށް ވުރެވެސް ހިތިކޮށް؛ ނިމުން އޮތީ ދާދި ގާތުގަ
ޓްރަމްޕް ގެންދަނީ ތަކުރާރުކޮށް އީރާނު ސުންނާފަތިކޮށްލާނޭ ކަމަށް ބުނެ އިންޒާރުތައް ދެމުންނެވެ.
ޓްރަމްޕަށް އިންޒާރު ދެމުން އީރާނުން ބުނީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އެޑޮލްފް ހިޓްލަރު ރަޝިޔާއާ މެދު ގެންގުޅުނު ސިޔާސަތަކީ އޭނާގެ ނިމުމުގެ ފެށުން ކަމުގައި ވީ ފަދައިން، ޓްރަމްޕް އީރާނާ މެދު ގެންގުޅުއްވާ ސިޔާސަތުތަކުގެ ސަބަބުން ކުރިމަތިލާން ޖެހޭނޭ އެއަށްވުރެ ވެސް ހިތި ނަތީޖާ އަކާއެވެ. އަދި އެފަދަ އަނިޔާވެރިންގެ ނިމުން ވަރަށް ހިތިވާނޭ ކަމަށް ވެސް ބުންޏެވެ.
“ހިޓްލަރު ރަޝިޔާއާ މެދު ގެންގުޅުނު އުސޫލަކީ އޭނާގެ ނިމުމުގެ ފެށުން. ނިމިގެން ދިޔައީ ހިތިކޮށް. ހަމަ އެގޮތަށް ޓްރަމްޕް އީރާނާ މެދު ތިޔަ ގެންގުޅުއްވާ އުސޫލުގެ ސަބަބުން ނުކުންނަ ނަތީޖާ އެއަށް ވުރެވެސް ހިތިވާނެ.”
މީގެ އިތުރުން، އީރާނުގެ އަސްކަރިއްޔާ އޮތީ މިހާތަނަށް އެންމެ ތައްޔާރީ ހާލަތެއްގައި ކަމަށާއި، މިފަހަރު އެއްވެސް ވަގުތީ ސުލްހައެއް ނޯންނާނެ ކަމަށް ވަނީ ބުނެފަ އެވެ. މިއީ އީރާނުގެ ދިފާއީ ބާރު ވަރުގަދަކަން ހާމަކުރުމުގެ ގޮތުން ދެއްވި އިންޒާރެއް ކަމަށް ބެލެވެއެވެ.
އީރާނުގެ ގުދުރަތީ ވަސީލަތްތަކާ ބެހޭގޮތުން ވާހަކަދައްކަވަމުން، އީރާނުގެ ތެލާއި ގޭހާ މެދު ޓްރަމްޕް ގެންގުޅުއްވާ ޚިޔާލީ ފޮލާތައް މުޅިން ހަނދާން ނައްތާލަން ޖެހޭނެ ކަމަށްވެސް އީރާނުން ބުންޏެވެ. މިއީ އެމެރިކާއިން އީރާނުގެ ހަކަތައިގެ ދާއިރާއަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުންދާ ދަނޑިވަޅެއްގައި ދެއްވި ހަރުކަށި ރައްދެކެވެ.



