ހޮރުމުޒް ކަނޑުއޮޅި ހުރަސްކުރަން އުޅުނު ތައިލެންޑުގެ ބޯޓަކަށް އީރާނު ހަމަލާދީ ހުއްޓުވައިފި:
ދުނިޔެ

ހޮރުމުޒް ކަނޑުއޮޅި ހުރަސްކުރަން އުޅުނު ތައިލެންޑުގެ ބޯޓަކަށް އީރާނު ހަމަލާދީ ހުއްޓުވައިފި:

ރރާޅު މީޑިއާ
March 11, 2026

މެދުއިރުމަތީގެ އެންމެ މުހިންމު އަދި ނާޒުކު ކަނޑުއޮޅިއެއް ކަމަށްވާ ހޮރުމުޒް ކަނޑުއޮޅި ހުރަސްކުރަން އީރާނުގެ އަމުރާއި ޚިލާފަށް އުޅުނު ތައިލެންޑުގެ ބޯޓަކަށް، އީރާނުގެ އިންގިލާބީ ގާޑުން ހަމަލާދީ އެ ބޯޓު ހުއްޓުވައިފި އެވެ. އީރާނުގެ އިންގިލާބީ ލަޝްކަރުގެ ސިފައިން ވަނީ އެގައުމުގެ އަމުރާއި ޚިލާފުވާ ކޮންމެ ފަރާތަކަށް ހަރުކަށި އަދަބު ދޭނެކަމަށް އިންޒާރު ދީފައެވެ. މި ހާދިސާއާ ގުޅިގެން ސަރަހައްދީ ގުޅުންތަކަށް އަދި ބައިނަލްއަޤްވާމީ މުދާ އުފުލުމުގެ ކަންކަމަށް އުފެދިދާނެ ކަންބޮޑުވުންތަކާމެދު މިހާރު ވަނީ ސުވާލު އުފެދިފައެވެ. މި ކަނޑުއޮޅިން ކޮންމެ ދުވަހަކުވެސް ދުނިޔޭގެ ތެޔޮ އެކްސްޕޯޓުގެ %20 އަށްވުރެ ގިނަ ތެޔޮ ދަތުރުކުރެއެވެ. އެހެންކަމުން، މިފަދަ ހާދިސާތަކަކީ ތެޔޮ ބާޒާރުގެ ހަމަޖެހުމަށާއި، ބައިނަލްއަޤްވާމީ އަމަން އަމާންކަމަށް ވަރަށް ބޮޑަށް އަސަރުކުރާ ކަންކަމެވެ.

އިއްޔެ ހިނގާދިޔަ މި ހާދިސާގައި، ތައިލެންޑުގެ ދިދަ ނަގައިގެން ދަތުރުކުރަމުން ދިޔަ މުދާ އުފުލާ ބޯޓެއް ހޮރުމުޒް ކަނޑުއޮޅިން ހުރަސްކުރަން އުޅުނީ އީރާނުގެ ސަމާލުވުމާއި އިންޒާރުތަކަށް ފަރުވާލެއް ނުބަހައްޓައެވެ. ރިޕޯޓުތައް ބުނާގޮތުން، އީރާނުގެ ކަނޑުގެ ސިފައިންނާއި އިންގިލާބީ ގާޑުގެ މެރިޓައިމް ޔުނިޓުތަކުން ވަނީ އެ ބޯޓަށް ވަގުތުން ހުއްޓުމަށް އަންގާފައެވެ. މި އިންޒާރުތަކަށް ބޯނުލެބުމުން، އީރާނުގެ އިންގިލާބީ ގާޑުންގެ ނޭވީ ބާރުން ވަނީ އެ ބޯޓަށް ހަމަލާދީ، ބާރުގެ ބޭނުންކޮށްގެން ހުއްޓުވައިފައެވެ. މި ހަމަލާގައި ބޯޓަށް ގެއްލުންތަކެއް ލިބިފައި ވެއެވެ ނަމަވެސް ބޯޓުގެ ފަޅުވެރިންނަށް އަނިޔާއެއް ލިބުނު ކަމެއް އަދި ސާފެއް ނުވެއެވެ. ނަމަވެސް ބޯޓު މިހާރު އޮތީ އީރާނުގެ ބެލުމުގެ ދަށުގައި ކަމަށް މަޢުލޫމާތު ލިބެއެވެ. ތައިލެންޑުގެ ސަރުކާރުގެ ފަރާތުން މިކަމާ ގުޅިގެން ރަސްމީ ބަޔާނެއް އަދި ނެރެފައެއް ނުވެއެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު