
އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް: ބޮމެއް އުފައްދާ ކަމުގެ ހެއްކެއް ނެތް ކަމަށް އައިއޭއީއޭ އިން ބުނެފި
އީރާނުން މިވަގުތު ނިއުކްލިއާ ބޮމެއް އުފައްދަން މަސައްކަތްކުރާ ކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށް އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ)ގެ ވެރިޔާ ރަފައެލް ގްރޮސީ ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ، މެދުއިރުމަތީގައި އިސްރާއީލާއި އީރާނާ ދެމެދު މިދިޔަ ހޮނިހިރު ދުވަހު ހަމަލާތައް ބަދަލުވެ، ސަރަހައްދުގައި ނުރައްކާތެރި ހަމަނުޖެހުމެއް ފެށިދާނެ ކަމުގެ ބިރުވެރިކަން އުފެދިފައިވާ މި ނާޒުކު ދަނޑިވަޅެއްގައެވެ. އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭގޮތުން ބައިނަލްއަޤްވާމީ ފަރާތްތަކުގެ ކަންބޮޑުވުންތައް އިތުރުވެފައިވާއިރު، ގްރޮސީގެ މި ބަސްފުޅުތަކަކީ މުހިންމު ވަގުތެއްގައި ދެވުނު މެސެޖެކެވެ.
އައިއޭއީއޭގެ ވެރިޔާ ރަފައެލް ގްރޮސީގެ ބަސްފުޅުތަކުން ދޭހަވަނީ، އައިއޭއީއޭ އިން އީރާނުގެ ނިއުކްލިއާ ހަރަކާތްތައް ގާތުން ބަލަމުންދާ ކަމާއި، މިހާތަނަށް ހޯދިފައިވާ ހެކިތަކަށް ބަލާއިރު، އީރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ ސީދާ މަސައްކަތެއް ކުރާ ކަމުގެ މައުލޫމާތެއް ނެތް ކަމެވެ. ނަމަވެސް، އީރާނުން ޔޫރޭނިއަމް މުއްސަނދިކުރުމުގެ މިންވަރު މަތިކޮށްފައިވާކަމާއި، ވަކިން ހާއްސަކޮށް ހަތިޔާރަށް ބޭނުންކުރެވޭ ފެންވަރަށް ގާތްކުރާ މިންވަރަށް (60 އިންސައްތައަށް) ޔޫރޭނިއަމް މުއްސަނދިކޮށް، މުއްސަނދިކުރެވޭ ޔޫރޭނިއަމްގެ ސްޓޮކް އިތުރުވެފައިވާކަން އޭޖެންސީއަށް ފާހަގަކުރެވިފައިވާ ކަމަށް ގްރޮސީ ވަނީ މީގެ ކުރިން ވެސް ވިދާޅުވެފައެވެ. އައިއޭއީއޭގެ މައިގަނޑު މަސްއޫލިއްޔަތަކީ ނިއުކްލިއާ ހަކަތަ ސުލްހަވެރި ބޭނުންތަކަށް ގެންގުޅޭކަން ކަށަވަރުކުރުމާއި، ނިއުކްލިއާ ހަތިޔާރު ފެތުރުން ހުއްޓުވުމެވެ. އެގޮތުން، އީރާނުގެ ނިއުކްލިއާ ފެސިލިޓީތަކަށް ގަވައިދުން ޒިޔާރަތްކޮށް، މޮނިޓަރިންގ މަސައްކަތްތައް ކުރިއަށްގެންދެއެވެ. ނަމަވެސް، މީގެ ކުރިން އައިއޭއީއޭއަށް ލިބިފައިވާ ބައެއް ފުރުސަތުތައް އީރާނުން ވަނީ ހަނިކޮށްފައެވެ.
އެމެރިކާ އިން އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭގޮތުން އަބަދުވެސް ކަންބޮޑުވުން ފާޅުކުރަމުން އާދެއެވެ. ޚަބަރުތައް ބުނާ ގޮތުގައި، އެމެރިކާ އިން އީރާނަށް ހަމަލާ ދިނީ ނިއުކްލިއާ ޕްރޮގްރާމާއި ގުޅޭ މަޝްވަރާތަކަށް އެއްބަސްވުމަކަށް ނާދެވި އަދި ބެލިސްޓިކް މިސައިލްގެ ރޭންޖު ލިމިޓް ކުރަން އީރާނުން ދެކޮޅު ހެދުމުން ކަމަށް ޚަބަރުތައް ބުނެއެވެ. 2015 ވަނަ އަހަރު އީރާނާއި ދުނިޔޭގެ ބޮޑެތި ބާރުތަކާ (އެމެރިކާ، އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް، ޗައިނާ، ރަޝިޔާ، ޖަރުމަން) ދެމެދު އެކުލަވާލެވުނު "ޖޮއިންޓް ކޮމްޕްރިހެންސިވް ޕްލޭން އޮފް އެކްޝަން" (ޖޭސީޕީއޯއޭ) ނުވަތަ ނިއުކްލިއާ އެއްބަސްވުމުގެ ދަށުން އީރާނުން އެގައުމުގެ ނިއުކްލިއާ ހަރަކާތްތަކަށް ވަރަށް ބޮޑެތި ހުދޫދުތަކެއް ޤާއިމުކުރުމަށް އެއްބަސްވިއެވެ. އެކަމުގެ ބަދަލެއްގެ ގޮތުން އީރާނަށް ދަތިކޮށްފައިވާ ބައިނަލްއަޤްވާމީ ގިނަ ދަތިކުރުމުގެ ފިޔަވަޅުތަކެއް އުވާލެވުނެވެ. ނަމަވެސް، 2018 ވަނަ އަހަރު އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް މި އެއްބަސްވުމުން ވަކިވެ، އީރާނަށް އަލުން ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފައިވާތީ، އީރާނުން ވަނީ އެއްބަސްވުމުގެ ބައެއް ޝަރުތުތަކާ ޚިލާފުވެ، ޔޫރޭނިއަމް މުއްސަނދިކުރުމުގެ މިންވަރު މަތިކޮށް، ސްޓޮކް އިތުރުކޮށްފައެވެ. އެމެރިކާ އާއި އިސްރާއީލުން އަބަދުވެސް ބޭނުންވަނީ އީރާނުގެ ބެލިސްޓިކް މިސައިލް ޕްރޮގްރާމަށް ވެސް ހުރަސް އެޅުމަށެވެ. އެހެންނަމަވެސް، އީރާނުން މިކަމަށް ވަނީ ވަރުގަދަ އިންކާރެއް .
އީރާނުން އަބަދުވެސް ބުނަމުންދަނީ އެގައުމުގެ ނިއުކްލިއާ ޕްރޮގްރާމަކީ ސުލްހަވެރި މަގްސަދުތަކަށް، ހާއްސަކޮށް ހަކަތަ އުފެއްދުމާއި މެޑިކަލް ދާއިރާގައި ހިންގާ ޕްރޮގްރާމެއް ކަމަށާއި، އީރާނަށް ނިއުކްލިއާ ހަކަތަ ބޭނުންކުރުމުގެ ހައްޤު އޮންނާނެ ކަމަށެވެ. އަދި އެގައުމުގެ ދިފާއަށް ބެލިސްޓިކް މިސައިލް ތަރައްޤީކުރުމަކީ އެހެން ގައުމަކަށް ނުވަތަ ބައިނަލްއަޤްވާމީ އެއްވެސް ފަރާތަކަށް ހުއްޓުވޭނެ ކަމެއް ނޫންކަމަށް ވަނީ ތަކުރާރުކޮށް ބުނެފައެވެ. އީރާނުގެ ނިއުކްލިއާ އަދި މިސައިލް ޕްރޮގްރާމްގެ ސަބަބުން ސަޢޫދީ އަރަބިއްޔާ އާއި ގަލްފު ސަރަހައްދުގެ އެހެނިހެން ގައުމުތަކުންވެސް ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރެއެވެ. އެގައުމުތަކުން ދެކޭ ގޮތުގައި އީރާނުގެ މި ޕްރޮގްރާމްތަކަކީ ސަރަހައްދުގެ ހަމަޖެހުމަށް ނުރައްކަލެއް ކުރިމަތިކުރުވާ ކަމެކެވެ. އިސްރާއީލުން ވެސް އީރާނުގެ ނިއުކްލިއާ ޕްރޮގްރާމަކީ އެގައުމުގެ ސަލާމަތަށް އޮތް އެންމެ ބޮޑު ނުރައްކަލެއް ކަމަށް ދެކެއެވެ. އަދި އީރާނަށް ނިއުކްލިއާ ހަތިޔާރު ލިބިއްޖެނަމަ، އެއީ އިސްރާއީލުގެ ހަޔާތަށް ނުރައްކަލެއް ކަމަށް ބުނެ، މިކަން ހުއްޓުވުމަށްޓަކައި ކޮންމެ ފިޔަވަޅެއް ވެސް އެޅުމަށް ތައްޔާރު ކަމަށް ވަނީ އިންޒާރުދީފައެވެ.



