
ހޫތީންނާ ގުޅިގެން ދުނިޔޭގެ މުހިންމު ދެ ކަނޑުއޮޅި އީރާނުގެ ބާރުގެ ދަށަށް: އެމެރިކާއަށް އިތުރު ގޮންޖެހުމެއް
ރިޕޯޓުތައް ބުނާގޮތުން، ބާބުއަލް މަންދަބު ކަނޑުއޮޅިއާއި ހޮރުމުޒް ކަނޑުއޮޅީގެ ކޮންޓްރޯލް އީރާނުގެ އަތްދަށަށް ގެންގޮއްސިއެވެ. މިއީ އެމެރިކާއަށް އިތުރު ގޮންޖެހުމަކަށް ވާނެއެވެ. އެމެރިކާއަށް ހަނގުރާމައިގެ އިތުރު ފްރަންޓެއް ހުޅުވުމަކީ ވަރަށްބޮޑު ގޮންޖެހުމަކަށް ވާނެކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުގެ ބަޔާންތަކުން ހާމަވެއެވެ.
ޔަމަނުގެ ހޫތީ ހަނގުރާމަވެރިން ވަނީ ރަތް ކަނޑުގައި އިޒްރޭލަށާއި އެމެރިކާގެ މުދާ އުފުލުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިކޮށްފައެވެ. އީރާނުގެ އެހީތެރިކަމާއި ތާއީދާއެކު ހޫތީން ދަނީ އިސްރާއީލާ ގުޅުން ހުރި ނުވަތަ އިސްރާއީލަށް ދަތުރުކުރާ ކަމަށް ބުނާ އުޅަނދުތަކަށް އަމާޒުކޮށް ހަމަލާ ދެމުންނެވެ. މިކަމުގެ ސަބަބުން ދުނިޔޭގެ އެންމެ މުހިންމު ކަނޑު މަގުތަކުގެ ތެރޭގައި ހިމެނޭ ބާބުއަލް މަންދަބު ކަނޑުއޮޅި ވަނީ ނުރައްކާތެރިވެފައެވެ. މި ކަނޑުއޮޅިއަކީ ސުއޭޒް ކެނަލްއިން ގޮސް އޭޝިޔާއާއި ޔޫރަޕާ ދެމެދު މުދާ އުފުލުމަށް ބޭނުންކުރާ މައިގަނޑު މަގެވެ. މި މަގު ބަންދުވެއްޖެ ނަމަ، އާގުބޯޓުފަހަރަށް އެފްރިކާގެ ވަށައިގެން ދަތުރުކުރަން ޖެހޭނެއެވެ، މިކަމުގެ ސަބަބުން ދަތުރުކުރުމަށް ދާނެ ވަގުތާއި ހޭދަ އިތުރުވެ، މުދަލުގެ އަގުތައް މައްޗަށް ދިއުމަށް މަގުފަހިވާނެއެވެ.
ރަތް ކަނޑުގައި ހޫތީން ހަރަކާތްތެރިވާން ފެށުމާއެކު، އީރާނުގެ ނުފޫޒު މިހާރު ހޮރުމުޒް ކަނޑުއޮޅިއަށް ވެސް ފޯރަމުންދާ ކަން މިވަނީ ޔަގީންވެފައެވެ. ހޮރުމުޒް ކަނޑުއޮޅިއަކީ ދުނިޔޭގެ ތެޔޮ އެތެރެކުރާ ގައުމުތަކަށް ތެޔޮ ފޯރުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރާ މަގެކެވެ. ދުނިޔޭގެ ތެލުގެ ވިޔަފާރީގެ ގާތްގަނޑަކަށް %20 މި ކަނޑުއޮޅި ތެރެއިން ދަތުރުކުރެއެވެ. އީރާނުން މި ކަނޑުއޮޅިއަށް ބާރު ފޯރުވައިފިނަމަ، ދުނިޔޭގެ ތެޔޮ ސަޕްލައިއަށް ބޮޑު ހުރަހެއް ކުރިމަތިވެ، ތެލުގެ އަގުތައް އިންތިހާއަށް މައްޗަށް ދިއުމުގެ ފުރުސަތު ބޮޑެވެ.
މި ދެ ކަނޑުއޮޅިއަށް ކުރިމަތިވެފައިވާ ނުރައްކަލުގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް އިގްތިސާދީ މާހިރުން ލަފާކުރެއެވެ. މުދާ އުފުލުމުގެ ހޭދަ އިތުރުވެ، އިންސުއަރަންސްގެ އަގު ބޮޑުވެ، ސަޕްލައި ޗެއިންތަކަށް ބުރޫއެރުމުން، މުދަލުގެ އަގުތައް ބޮޑުވެ، އާންމު ރައްޔިތުންނަށް ދިރިއުޅުމުގެ ހަރަދު ބޮޑުވާނެއެވެ. ތެލުގެ އަގުތައް މައްޗަށް ދިއުމަކީ ހުރިހާ ސިނާއަތަކަށް އަސަރުކުރާނެ ކަމެކެވެ. ދަތުރުފަތުރުގެ ހަރަދުތަކުން ފެށިގެން ކާބޯތަކެތީގެ އަގުތަކަށް ވެސް މިކަމުގެ ނޭދެވޭ އަސަރު ފޯރާނެއެވެ. މިފަދަ ހާލަތެއްގައި، ގިނަ ގައުމުތަކެއްގެ އިގްތިސާދުތައް ހީނަރުވެ، އިގްތިސާދީ ހީނަރުކަމެއްގެ ތެރެއަށް ދުނިޔެ ވެއްޓިދާނެ ކަމުގެ ބިރުވެރިކަން އެބައޮތެވެ.
އެމެރިކާއިން ވަނީ ރަތް ކަނޑުގައި ހޫތީންގެ ހަމަލާތައް ހުއްޓުވުމަށްޓަކައި އަސްކަރީ ހަރަކާތްތަކެއް ފަށާފައެވެ. ނަމަވެސް، އީރާނުގެ ތާއީދާއެކު ހޫތީން ދެމުންދާ ހަމަލާތަކަކީ އެމެރިކާއަށް އިތުރު ފަރާތެއްގައި ހަނގުރާމަކުރުމަށް މަޖުބޫރުކުރުވާ ކަމެކެވެ. މިކަމުގެ ސަބަބުން، ސަރަހައްދުގައި ހިނގަމުންދާ ކޯޅުންތައް ފުޅާވެ، އިތުރު ގައުމުތަކެއް ހަނގުރާމައަށް ވަނުމުގެ ނުރައްކާ އެބައޮތެވެ. މިއީ ސަރަހައްދުގެ ސަލާމަތަށް ވެސް ބޮޑު ނުރައްކަލެކެވެ.
މި ބޮޑު ނުތަނަވަސްކަމުގެ ތެރޭގައި، އިސްރާއީލުން ދަނީ ހަތަރު ފްރޮންޓެއްގައި ހަނގުރާމަކުރަމުންނެވެ. ޣައްޒާގައި ހަމާސްއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ އިތުރުން، ލުބުނާނުގެ ހިޒްބުﷲ އާއި ސީރިއާގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތްތަކުންނާއި ހުޅަނގު އައްސޭރީގައި ވެސް އިސްރާއީލަށް ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވެއެވެ. ހޫތީން ރަތް ކަނޑުގައި ހިންގާ ހަރަކާތްތަކަކީ ވެސް އިސްރާއީލަށް އަމާޒުކޮށް ހިންގާ ހަރަކާތްތަކެއް ކަމުން، މިއީ އިސްރާއީލަށް ކުރިމަތިވެފައިވާ ހަނގުރާމައިގެ ފަރާތްތައް އިތުރުކުރާ ކަމެކެވެ. މިކަމުން ސަރަހައްދުގެ ހަމަނުޖެހުންތަކުގެ އަވަސް ނިމުމެއް ނެތްކަން ހާމަކޮށްދެއެވެ.



