އީރާނާއި  އީރާނުގެ  ރައްޓެހި  ގައުމުތަކާއި  ކުޅެން  އުޅެފިނަމަ ދުޝްމަނުންގެ ކަރު ކަނޑާލާނަން:  އީރާން
ދުނިޔެ

އީރާނާއި އީރާނުގެ ރައްޓެހި ގައުމުތަކާއި ކުޅެން އުޅެފިނަމަ ދުޝްމަނުންގެ ކަރު ކަނޑާލާނަން: އީރާން

ނނާޒިމް
April 18, 2026

އީރާނުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ބާޤިރު ޤާލިބާފް ވަނީ އެމެރިކާއަށާއި އެމެރިކާއަށް ތާއީދުކުރާ ފަރާތްތަކަށް ހަރުކަށި އިންޒާރެއް ދެއްވާފައެވެ. އޭނާ ވިދާޅުވީ، މެދުއިރުމަައްޗާއި ޤަލްފުގައި އީރާނުގެ ބޯޓުފަހަރުތަކަށް ރައްކާތެރިކަމެއް ނެތް ނަމަ، ދުޝްމަނުންނަށާއި އެ މީހުންގެ އުޅަނދުފަހަރަށް ވެސް ރައްކާތެރިކަމެއް އީރާނުން ނުދޭނެ ކަމަށާއި، ދުޝްމަނުންގެ "ކަރު ކަނޑާލާނެ" ކަމަށެވެ. މި އިންޒާރު ދެއްވާފައިވަނީ، އީރާނުގެ ތެޔޮ ޓޭންކަރުތަކާއި، އީރާނާއި ގުޅުން އޮންނަ ތެޔޮ ޓޭންކަރުތަކާއި، އެހެނިހެން އުޅަނދުފަހަރަށް އަރައި، އެ ތަކެތި ހުއްޓުވުމަށް އެމެރިކާއިން ނިންމާފައިވާ ކަމަށް ރޮއިޓާސް އާއި ވޯލްސްޓްރީތް ޖާނަލް އިން ޚަބަރު ފަތުރާފައިވާ ދަނޑިވަޅެއްގައެވެ.

ޤާލިބާފްގެ މި ހަރުކަށި ބަސްފުޅުތައް އީރާނުގެ ރައްޔިތުންގެ މަޖިލީހުގައި އިއްވެވީ ސަރަޙައްދުގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި އެމެރިކާގެ އަސްކަރީ ހަރަކާތްތަކަށް ރައްދު ދެއްވުމުގެ ގޮތުންނެވެ. އޭނާ ވަނީ ދުޝްމަނުންނަށް އީރާނާއި ކުޅެން ނުއުޅުމަށް ގަދަ ބަހުން ނަސޭހަތްތެރިވެފައެވެ. އެގޮތުން، އީރާނުގެ ކަނޑުގެ ސަރަހައްދުގައި އީރާނުގެ މަސްލަހަތުތަކަށް އަތްބާނައިފިނަމަ، ވަރަށް ހަރުކަށި ރައްދެއް ދެއްވާނެކަން އޭނާ ފާހަގަ ކުރެއްވިއެވެ. "ދުޝްމަނުންނަށް ހީކުރެވޭނީ އީރާނުގެ ބޯޓުފަހަރަށް ނުރައްކަލެއް ކުރެވިދާނެ ކަމަށް، ނަމަވެސް އެމީހުންގެ އުޅަނދުފަހަރަށް ރައްކާތެރިކަމެއް ލިބޭނެކަމަށް އީރާނަކަށް ބަލައިގަނެވޭކަށް ނޯންނާނެ. އަދި އީރާނުގެ މަސްލަހަތުތަކަށް ހުރަސް އެޅުމަށް ނުކުމެއްޖެނަމަ އެމީހުންގެ ކަރު ކަނޑާލާނެކަން ހަނދާންކުރަން ޖެހޭނެ،" ޤާލިބާފް ވިދާޅުވިއެވެ.

މިފަދަ ބަސްފުޅުތަކެއް އިއްވާފައި މިވަނީ މެދުއިރުމަތީގައި ހާލަތު ވަރަށް ނާޒުކުވެފައިވާ ދަނޑިވަޅެއްގައެވެ. ރޮއިޓާސް އާއި ވޯލްސްޓްރީތް ޖާނަލް ފަދަ ބައިނަލްއަޤްވާމީ މަޝްހޫރު ޚަބަރު އެޖެންސީތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެމެރިކާގެ ސަރުކާރުން މިހާރު ދަނީ އީރާނާއި ގުޅުންހުރި ތެޔޮ ޓޭންކަރުތަކާއި، އެހެނިހެން ކަނޑު އުޅަނދުފަހަރު ހުއްޓުވުމާއި، އެ ތަކެތީގައި ހިމެނޭ މުދާ ހިފަހައްޓާނެ ގޮތްތަކާއި މެދު މަޝްވަރާކުރަމުންނެވެ. މިފަދަ ފިޔަވަޅުތަކަކީ އީރާނުގެ ތެޔޮ ވިޔަފާރިއަށް ހުރަސްއަޅައި، އެގައުމުގެ އިޤްތިޞާދަށް ދޭން މަސައްކަތްކުރާ ވަރުގަދަ ޕްރެޝަރެއްގެ ގޮތުގައި ބެލެވެއެވެ.

ޤާލިބާފް ވަނީ އީރާނުގެ މުހިންމު ކަނޑުއޮޅިއެއް ކަމަށްވާ ހުރްމުޒް ކަނޑުއޮޅީގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އޭނާ ވިދާޅުވީ ހުރްމުޒް އިން އީރާނުގެ އެކުވެރި އުޅަނދުފަހަރަށް ދަތުރު ކުރެވޭނެ ކަމަށާއި، އެކަމަށް ހުރަސް އަޅާނަމަ އެ ހުރަސް އަޅާ ބައެއްގެ "ކަރު ބުރިކޮށްލާނެ"ކަން މީގެ ކުރިން ވެސް އީރާނުން ވާނީ ދައްކައިދީފައެވެ. މިގޮތުން އޭނާ އިޝާރާތް ކުރެއްވީ މީގެ ކުރިންވެސް ހުރްމުޒް ކަނޑުއޮޅީގައި އީރާނުން އަމަލުކޮށްފައިވާ ގޮތްތަކަށެވެ. އެގޮތުން، އެ ކަނޑުއޮޅި ބަންދުކޮށް، އަދި ފަހުން ވަރަށް ހަރުކަށި އުޞޫލުތަކުގެ ތެރެއިން ވިޔަފާރި އުޅަނދުތަކަށް ހުޅުވާލި ހުޅުވާލުންތަކަށެވެ.

ހުރްމުޒް ކަނޑުއޮޅިއަކީ ދުނިޔޭގެ ތެޔޮ ވިޔަފާރީގެ ގިނަ ބަޔެއް ދަތުރުކުރާ ކަނޑުއޮޅިއެކެވެ. މިއީ ތެޔޮ އެކްސްޕޯޓުކުރާ މުހިންމު ގައުމުތަކާއި ތެޔޮ އެތެރެކުރާ ގައުމުތައް ގުޅުވައިދޭ މުހިންމު މަގެކެވެ. އީރާނުން މިހާރު ވެސް ހުރްމުޒް ކަނޑުއޮޅީގެ ބައެއް ސަރަޙައްދުގައި ވަރަށް ބޮޑަށް ހަރަކާތްތެރިވެއެވެ. ވިޔަފާރި އުޅަނދުތަކަށް އީރާނުގެ ހަރުކަށި އުޞޫލުތަކުގެ ތެރެއިން ދަތުރުކުރުމުގެ ހުއްދަ ދީފައިވީނަމަވެސް، އެމެރިކާގެ އަސްކަރީ އުޅަނދުފަހަރަށް ހުރްމުޒް ކަނޑުއޮޅި އޮތީ ބަންދު ކޮށްފައެވެ.

އީރާނުގެ މަޖިލިސް ރައީސް ޤާލިބާފް ވަނީ ސަރަޙައްދުގައި އީރާނުގެ މަޤާމު ވަރަށް ވަރުގަދަ ކަމަށާއި، ދުޝްމަނުންނަށް އީރާނަށް ނުލިބުނު މޮޅެއް ނުލިބޭނެކަން ހާމަކުރައްވާފައެވެ. އޭނާގެ ބަސްފުޅުތަކުން ދައްކުވައިދެނީ އީރާނަކީ ސަރަޙައްދުގެ ގަދަބާރެއް ކަމަށާއި، އެގައުމުގެ މަސްލަހަތުތައް ރައްކާތެރިކުރުމަށްޓަކައި ކޮންމެ ފަދަ ފިޔަވަޅެއްވެސް އެޅުމަށް ތައްޔާރުކަމެވެ. މިއީ ސަރަޙައްދުގެ އެހެން ބާރުތަކަށް، ޚާއްޞަކޮށް އެމެރިކާއަށް ދެވުނު ސީދާ މެސެޖެކެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު