ޓްރަމްޕް ކުރައްވާ ކަމަކީ އީރާނަށް ހަމަލާދިނުމަށް ފަހު މިހާރު ފިއްލަވަން  އުޅުއްވުން ކަމަށާއި' ރީތި ހިއްޗަކުން ފިލުވާލާނެ ކަމުގެ އިންޒާރު އީރާނުން ދީފިއެވެ
ދުނިޔެ

ޓްރަމްޕް ކުރައްވާ ކަމަކީ އީރާނަށް ހަމަލާދިނުމަށް ފަހު މިހާރު ފިއްލަވަން އުޅުއްވުން ކަމަށާއި' ރީތި ހިއްޗަކުން ފިލުވާލާނެ ކަމުގެ އިންޒާރު އީރާނުން ދީފިއެވެ

ރރާޅު މީޑިއާ
March 26, 2026

އީރާނުގެ އަސްކަރީ މަސްދަރަކުން ހާމަކޮށްފައިވާ ގޮތުގައި، އެމެރިކާއާއި އިޒްރޭލަށް ސިއްސައިގެންދާ ފަދަ ވަރުގަދަ ރައްދު ހަމަލާތަކެއް ދިނުމަށް އެގައުމުން މިހާރު ތައްޔާރުވަމުންދާ ކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައި ހަނގުރާމައިގެ މައިދާނުން ބޮޑެތި ބަދަލުތަކެއް ފެންނާނެ ކަމަށް އީރާނުން ބުނެފިއެވެ. އީރާނުގެ ތަސްނީމް ނިއުސް އެޖެންސީއަށް މައުލޫމާތު ދެމުން އެގައުމުގެ އަސްކަރިއްޔާގެ އިސް އޮފިޝަލަކު ވިދާޅުވެފައިވަނީ، ހަނގުރާމައިގެ ހާލަތު ބަދަލުކޮށްލާނެ އައު އުކުޅުތަކެއް އީރާނުން ދައްކާލާނެ ކަމަށެވެ.

އީރާނުގެ އަސްކަރިއްޔާގެ އިސް އޮފިޝަލު ވިދާޅުވި ގޮތުގައި، އެމެރިކާއާއި އިޒްރޭލުގެ ސިފައިންނަށް ހީނުކުރާނެ ފަދަ ޖަވާބެއް ދިނުމަށް އީރާން މިހާރު ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށެވެ. މީގެކުރިން ފެނުނު ހަމަލާތަކަށްވުރެ މާ ވަރުގަދަ ހަމަލާތަކެއް ދިނުމަށް އެގައުމުން މިހާރު މަސައްކަތް ކުރަމުންދާ ކަމަށާއި، މި ކަމަށްޓަކައި އެކުލަވާލާފައިވާ އައު އަސްކަރީ އުކުޅުތަކެއް ވަރަށް އަވަހަށް މުޅި ދުނިޔެއަށް ފެނިގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މި އުކުޅުތަކުގެ ސަބަބުން މިހާރު ހަނގުރާމައިގެ މައިދާނުގައި ހުރި ހަމަޖެހުމަށް ބަދަލުތަކެއް އަންނާނެ ކަމަށް އީރާނުން ބުނެއެވެ. އެގޮތުން، މިހާރުގެ ހާލަތު އީރާނުގެ ފަރާތަށް ބުރަވެ، ދެކޮޅުވެރި ފަރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެ ކަމަށް އެގައުމުން ލަފާކުރެއެވެ.

އީރާނުގެ އަސްކަރީ މަސްދަރުން އިތުރަށް ބުނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މި ހަނގުރާމައިގައި ގެންގުޅުއްވާ އަސްކަރީ ސްޓްރެޓެޖީތައް ނާކާމިޔާބުވަމުންދާކަން ސާފުކޮށް ފެންނަން ހުރި ކަމަށެވެ. ޓްރަމްޕް މިހާރު މަސައްކަތް ކުރައްވަނީ ކުރިމަތިވެފައިވާ ހާލަތުން ސަލާމަތްވާނެ މަގެއް ހޯއްދެވުމަށް ކަމަށް އީރާނުން ބުނެއެވެ. އެމެރިކާއަކީ ދުނިޔޭގެ އެންމެ ވަރުގަދަ އަސްކަރީ ބާރުކަމަށް ވާއިރުވެސް، މި ހާލަތުގައި އެގައުމުން ދައްކާލަމުންދާ ކަންތައްތަކަށް ބަލާއިރު، ޓްރަމްޕްގެ ސިޔާސަތުތައް އެންމެ ފުރިހަމައަށް ކާމިޔާބު ނުވާކަމަށް އީރާނުން ދެކެއެވެ. އަދި އެމެރިކާގެ ދިފާއީ އަދި ހަމަލާދޭ ހަތިޔާރުތައް ހުރީ ވަރަށް ދަށް ހާލަތެއްގައިކަން އީރާނަށް އެނގޭ ކަމަށާއި، މިކަމުގެ ސަބަބުން އެމެރިކާގެ ހަނގުރާމައިގެ ކުޅަދާނަކަން ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށްވެސް އެގައުމުން ބުނެއެވެ.

ކަނޑުގެ މަސްރަހުތަކަށް ބަލާއިރު، ދުނިޔޭގެ ތެލުގެ މުހިންމު މަގެއްކަމުގައިވާ ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ބާރުގެ ބޭނުންކޮށްގެން އެމެރިކާއިން ކުރާ މަސައްކަތް ކާމިޔާބުވުމުގެ އެއްވެސް އުންމީދެއް ނެތް ކަމަށް އީރާނުން ބުނެއެވެ. އީރާނުގެ ބެލުމުގެ ދަށުގައިވާ މި ކަނޑުއޮޅިއަކީ އެގައުމުގެ ސަލާމަތަށް ވަރަށް މުހިންމު ސަރަހައްދެއްކަމުން، އެތަނަށް އެއްވެސް ފަރާތަކުން އަރައިގަންނަން މަސައްކަތްކޮށްފިނަމަ، އެކަމަށް ވަރުގަދަ ރައްދެއް ދިނުމަށް އީރާން ތައްޔާރުވާނެ ކަމަށް އެގައުމުން ބުނެއެވެ. އީރާނުގެ އަސްކަރިއްޔާއިން އިތުރަށް ބުނެފައިވަނީ، ޓްރަމްޕަށް ހަތިޔާރުގެ ދަތިކަން ކުރިމަތިވުމުން މިހާރު ބޭނުންކުރައްވަނީ ހަމައެކަނި ބަހުގެ ހަމަލާތައް ކަމަށެވެ. އެގޮތުން، ޢަމަލީ ގޮތުން އެއްވެސް ކަމެއް ނުކުރެވޭ ހާލަތެއްގައި ހަމައެކަނި ބަހުން ބިރުދެއްކުމަށް އެމެރިކާއިން މަސައްކަތްކުރަމުންދާ ކަމަށް އީރާނުން ތުހުމަތުކުރެއެވެ.

ޓްރަމްޕް ދެއްވަމުން ގެންދަވާ ހުސް ވައުދުތަކާ ޚިލާފަށް، އީރާނުން ދައްކާލާނެ އައު އުކުޅުތަކުގެ ސަބަބުން ހަނގުރާމައިގެ ނަތީޖާ ކުރިއަށްވުރެ ސާފުވެގެންދާނެ ކަމަށްވެސް އެ ގައުމުން ބުނެއެވެ. އީރާނުގެ އަސްކަރީ ކުޅަދާނަކަން ދައްކާލުމަށް އެގައުމުން ވަރަށް ބޮޑަށް އަމާޒު ހިފާފައިވާ ކަމަށާއި، މިހާރުގެ ހާލަތުން އީރާނަށް ލިބިފައިވާ ފައިދާ ނަގާނެ ކަމަށް އެގައުމުން ވިދާޅުވެފައިވެއެވެ. މިކަމުގެ ސަބަބުން މުޅި ސަރަހައްދަށް އިތުރު ހަމަނުޖެހުންތަކެއް ކުރިމަތިވެދާނެ ކަމަށް ބައިނަލްއަގުވާމީ މަސްދަރުތަކުން އަންދާޒާ ކުރާއިރު، އީރާނުގެ މި ބަޔާންތަކަކީ އެމެރިކާއާއި އިޒްރޭލަށް ވަރަށް ސީދާ އިންޒާރެއް ކަމަށް ބެލެވެއެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު