އީރާނުގެ އާ ރޫހާނީ ލީޑަރަށް ހަމަލާދީފިނަމަ އެމެރިކާއަށް "ހަރުކަށި ބަދަލެއް" ދޭނެ ކަމުގެ އިންޒާރު ދީފި
ދުނިޔެ

އީރާނުގެ އާ ރޫހާނީ ލީޑަރަށް ހަމަލާދީފިނަމަ އެމެރިކާއަށް "ހަރުކަށި ބަދަލެއް" ދޭނެ ކަމުގެ އިންޒާރު ދީފި

ރރާޅު މީޑިއާ
March 14, 2026

އީރާނުގެ އާ ރޫހާނީ ލީޑަރު މުޖްތަބާ ޚާމަނާއީއަށް ހަމަލާދީ އަވަހާރަކޮށްލަން އެމެރިކާއިން މަސައްކަތް ކޮށްފިނަމަ، އޭގެ ނަތީޖާ ވަރަށް ހިތިވާނެ ކަމަށާއި އެމެރިކާއާ ދެކޮޅަށް “ހަރުކަށި ބަދަލެއް” ހިފާނެ ކަމަށް ރަޝިޔާއަށް ކަނޑައަޅާފައި ހުންނަވާ އީރާނުގެ ސަފީރު ކާޒިމް ޖަލާލީ އިންޒާރު ދެއްވައިފިއެވެ. ރަޝިޔާގެ ސްޕަޓްނިކް ނިއުސް ނެޓްވޯކަށް ދެއްވި އިންޓަވިއުއެއްގައި ސަފީރު ވިދާޅުވީ، މުޖްތަބާގެ ބައްޕާފުޅު އަލީ ޚާމަނާއީ ޝަހީދުކޮށްލުމާ ގުޅިގެން އީރާނުގެ ރައްޔިތުން ތިބީ “ލޭގެ ބަދަލު” ހިފުމުގެ ރޫހެއްގައި ކަމަށެވެ.

ޖަލާލީ ފާހަގަކުރެއްވި ގޮތުގައި، އީރާނުގެ ރައްޔިތުން ތިބީ އިންތިހާއަށް ކޯފާވެފައެވެ. އަދި އޮހޮރުވާލި ކޮންމެ ލޭގެ ތިއްކަކަށް ބަދަލު ހިފުމަށް ރައްޔިތުން ދަނީ ގޮވާލަމުންނެވެ. “އެމެރިކާ މީގެ ކުރިންވެސް ވަނީ މިފަދަ ބަދަލުހިފުންތަކާ ކުރިމަތިލާފައި، އަދި ކުރިއަށް އޮތް ތަނުގައިވެސް އެމީހުންނަށް ވަރުގަދަ ރައްދު ހަމަލާތަކެއް އަމާޒުވާނެ،” ސަފީރު ވިދާޅުވިއެވެ.

މި އިންޒާރަކީ އީރާނުގެ އިސް ލީޑަރުންގެ މައުލޫމާތު ދޭ ފަރާތްތަކަށް އެމެރިކާއިން ބޮޑެތި އިނާމުތައް ހުށަހަޅާފައިވާ ދަނޑިވަޅެއްގައި ދިން އިންޒާރެކެވެ. އީރާނުން ދަނީ އެމެރިކާގެ ކޮންމެ އުދުވާނީ ފިޔަވަޅަކަށް އެއަށްވުރެ ވަރުގަދަ ރައްދެއް ދޭނެ ކަމަށް ބުނެ، އެ ގައުމުގެ ސިޔާދަތީ ބާރު ދިފާއުކުރާނެ ކަމުގެ ޔަގީންކަން ދެމުންނެވެ

ޚިޔާލުފާޅުކުރުން

ކޮމެންޓު