އީރާނުން އިސްރާއީލާއި ގަލްފްގެ ހަކަތައިގެ މަރުކަޒުތަކަށް ހަމަލާދޭނެކަމުގެ އިންޒާރު ދީފި. އިޒްރޭލް އަނދިރިކޮށްލާނަން
ދުނިޔެ

އީރާނުން އިސްރާއީލާއި ގަލްފްގެ ހަކަތައިގެ މަރުކަޒުތަކަށް ހަމަލާދޭނެކަމުގެ އިންޒާރު ދީފި. އިޒްރޭލް އަނދިރިކޮށްލާނަން

ރރާޅު މީޑިއާ
March 24, 2026

އީރާނުގެ އިންގިލާބީ ލަޝްކަރު (އައިއާރްޖީސީ) އިން އިސްރާއީލާއި ގަލްފްގެ ގައުމުތަކުގެ ހުރިހާ އިންޖީނުގެތަކަށް ހަމަލާދޭން ނިންމާފައިވާ ކަމަށް ބުނެފިއެވެ. މި ނިންމުން އައިސްފައިވަނީ އެމެރިކާއާއި އިސްރާއީލުގެ ސިފައިން ގުޅިގެން އީރާނުގެ ދެ ސިޓީއެއް ކަމަށްވާ އިސްފަހާން އާއި ޚުރަމްޝަހްރްގައި ހުރި ހަކަތައާ ގުޅުންހުރި ދެ ތަނަކަށް ހަމަލާދީ ހަލާކުކޮށްލުމާ ގުޅިގެންނެވެ. ދެ ސިޓީއަށް ދިން ހަމަލާތަކުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އީރާނުގެ ފަރާތުން ވަނީ ބުނެފައެވެ.

އީރާނުގެ މެދުތެރޭގައި އޮންނަ އިސްފަހާން ސިޓީއާއި، ދެކުނުގެ ޚުރަމްޝަހްރްގެ ހަކަތައާ ގުޅުންހުރި މުހިންމު ތަންތަނަށް އެމެރިކާ-އިސްރާއީލުގެ ސިފައިން ހަމަލާދީފައިވާ ކަމަށް އީރާނުގެ ފާރސް ނިއުސް އެޖެންސީން ރިޕޯޓުކޮށްފައިވެއެވެ. އިސްފަހާންގެ ގޭސް އޮތޯރިޓީގެ އިމާރާތަކާއި، ގޭސް ރިޑަކްޝަން ސްޓޭޝަނަކަށް ބޮންއެޅުމުގެ ސަބަބުން އެ ތަންތަން ހަލާކުވެފައިވާ ކަމަށް ފާރސްއިން ބުނެއެވެ. މީގެ އިތުރުން ކައިރީގައި ހުރި ބައެއް ގެތަކަށް ވެސް ގެއްލުން ލިބިފައިވެއެވެ.

ޚުރަމްޝަހްރްގައި ދިން ހަމަލާގައި އެ ސިޓީގެ އިންޖީނުގެއަށް ތެޔޮ ފޯރުކޮށްދޭ ޕައިޕްލައިނަށް ވަނީ ބޮންއަޅާފައެވެ. މި ހަމަލާގެ ސަބަބުން މުޅި ސިޓީން ކަރަންޓު ކެނޑިފައިވާ ކަމަށް އައިއާރްޖީސީގެ ބަޔާނުގައި ބުނެފައިވެއެވެ. މި ހަމަލާތަކުގެ ސަބަބުން އީރާނުގެ ހަކަތައިގެ އޮނިގަނޑަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އީރާނުގެ ރަސްމީ ފަރާތްތަކުން ވަނީ ބުނެފައެވެ.

މި ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން، އިސްރާއީލާއި އަދި ގަލްފްގެ ގައުމުތަކުގެ ހުރިހާ އިންޖީނުގެތަކަށް ހަމަލާދޭން އައިއާރްޖީސީން ނިންމާފައިވަނީ، މިހަމަލަދިނީ އިސްރާއީލުން މިފަދަ ޖަރީމާއެއް ހިންގަފާނެ ކަމަށް ކުރިންވެސް ބެލެވިފައި ވަނިކޮށެވެ. އައިއާރްޖީސީން ބުނާ ގޮތުގައި އިޒްރޭލުން މަސައްކަތް ކުރަމުންދާ އެއްގޮތަކީ، ގަލްފްގެ ގައުމުތަކަށް އީރާނު ލައްވައި ހަމަލާތައް ދީގެން، އެ ގައުމުތައް އީރާނާ ދެކޮޅަށް ހަނގުރާމައަށް ނެރުމެވެ. ނުވަތަ، އެކަން ކުރުމަށްޓަކައި ގަލްފްގެ ބައެއް ގައުމުތަކަށް ސީދާ އިސްރާއީލުން ހަމަލާތައް ދިނުމަށްފަހު އީރާނުގެ ބޮލުގައި އެކަން އަޅުވައިގެން އެ ގައުމުތައް ރުޅިއެރުވުމެވެ.

މި ހަމަލާތައް ދީފައިވަނީ، އީރާނުގެ ކަރަންޓާ ގުޅުންހުރި ތަންތަނަށް ހަމަލާދޭން އެމެރިކާގެ ރައީސް ނިންމަވާފައިވާ ނިންމުން އިއްޔެ 5 ދުވަހަށް ފަސްކޮށްފައި ވަނިކޮށެވެ. މީގެ ކުރިން އިނގިރޭސިވިލާތާއި ޔޫރަޕްގެ ގައުމުތައް ހަނގުރާމައިގެ ތެރެއަށް ވަންނަން ދެކޮޅު ހަދަމުންދާތީ، އީރާނަކީ ޔޫރަޕަށް ވެސް އޮތް ބިރެއްކަން ދެއްކުމުގެ ގޮތުން އިސްރާއީލުން ޑިއެގޯ ގާސިއާއަށް މިސައިލްތަކެއް ފޮނުވާލާފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

އީރާނުން ގަލްފްގެ ގައުމުތަކުގެ އިންޖީނުގެތަކަށް ހަމަލާދިނުމަކީ ބޮޑެތި މައްސަލަތަކެއް ނުކުންނާނެ ކަމެއް ކަމަށް ބުނެ، އެކަން ނުކުރާން އެތައް ބަޔަކު އީރާނަށް ގޮވާލަން ފެށުމުން، އީރާނުން އިއްޔެރޭ ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި އީރާނުން ބުނެފައިވަނީ، ހަމަލާދޭނީ އެމެރިކާގެ އަސްކަރީ ބޭސްތަކަށް ކަރަންޓު ފޯރުކޮށްދޭ އިންޖީނުގެތަކަށް ކަމަށާއި، ގައުމުތަކުގެ އާންމު ރައްޔިތުންނަށް ގެއްލުމެއް ދޭން އީރާނުން ނޫޅޭ ކަމަށެވެ. ނަމަވެސް، އިސްރާއީލު ކަނުއަނދިރީގައި ބާއްވާނެ ކަމަށް ވަނީ ވަޢުދުވެފައެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު