
ޓްރަމްޕާއެކު މަޝްވަރާއަށް އީރާނުން ދެކޮޅު ހަދައިފި: ހޮރްމުޒްގެ ކަންކަމާއި ޔޫރޭނިއަމް މައްސަލާގައި އިތުބާރު ނެތް ކަމަށް ބުނެފި
އީރާނުގެ މަތީ ފަންތީގެ ބޭފުޅުންނާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މެދުގައި އިސްލާމްއާބާދުގައި ބާއްވަން ހަމަޖެހިފައިވާ މަޝްވަރާތައް ބޭއްވުމަށް އީރާނުން ދެކޮޅު ހަދައިފިއެވެ. ރައީސް ޓްރަމްޕް މަޝްވަރާއަށް ތައްޔާރުވެފައި ހުރިކަމަށް ރިޕޯޓްތައް ބުނި ނަމަވެސް، އެމެރިކާއަށް އިތުބާރު ނުކުރާކަމަށް އީރާނުން ވަނީ ހާމަކޮށްފައެވެ. މިކަމަށް މައިގަނޑު ސަބަބުތަކެއްގެ ގޮތުގައި ހޮރްމުޒް ކަނޑުއޮޅީގެ މައްސަލާގައި އެމެރިކާއިން ކަންކުރި ގޮތާއި އީރާނުގެ ޔޫރޭނިއަމް މައްސަލާގައި ޓްރަމްޕް ދޮގު ހެދިކަމަށް އީރާނުން ވަނީ ފާހަގަކޮށްފައެވެ.
އީރާނުގެ ސަރުކާރުގެ އިސް ބޭފުޅުންނާއި ޓްރަމްޕްގެ މެދުގައި ހޯމަ ދުވަހު އިސްލާމްއާބާދުގައި މަޝްވަރާ ބައްދަލުވުމެއް ބޭއްވުމަށް ރޭވިފައިވާ ކަމަށް ކުރިން މީޑިއާ ރިޕޯޓްތައް ބުނެފައިވިއެވެ. ނަމަވެސް އީރާނުގެ ފަރާތުން މިކަމާ ގުޅޭގޮތުން ދެންމެ ނެރުނު ބަޔާނެއްގައި ވަނީ އެމެރިކާގެ ރައީސް ޓްރަމްޕާއެކު އިތުރު އެއްވެސް މަޝްވަރާއަކަށް ބޭނުން ނުވާކަމަށް ބުނެފައެވެ.



