
އީރާނުން އެމެރިކާއާ ކުރިމަތިލުމަށް 10 މިލިއަން ވޮލަންޓިއަރުން ތައްޔާރުކޮށްފި: ތާރީޚީ އެންމެ ބޮޑު ހަނގުރާމައަށް ތައްޔާރު
އީރާނުން އެމެރިކާއާ އެއްގަމު މަގުން ކުރިމަތިލުމަށް ތައްޔާރުވެ، 10 މިލިއަން ވޮލަންޓިއަރުން ހަމަކޮށްފައިވާކަމުގެ ހަބަރުތައް ދުނިޔޭގެ ސަމާލުކަމަށް އަތުވެއްޖެއެވެ. މިއީ އެމެރިކާގެ އަސްކަރިއްޔާގެ މުޅި ޖުމްލަ އަދަދުގެ 9 ގުނަ އިތުރު އަދަދެކެވެ. އެމެރިކާގެ އަސްކަރިއްޔާގެ ޖުމްލަ އަދަދު 1 މިލިއަނާއި 1.4 މިލިއަންގެ ދެމެދުގައި ހުންނައިރު، މިހާ ބޮޑު އަދަދެއްގެ ވޮލަންޓިއަރުން ހަނގުރާމައަކަށް ތައްޔާރުކުރުމަކީ ފަހުގެ ތާރީހެއްގައި ހަނގުރާމައަކަށް ތައްޔާރުވި އެންމެ ބޮޑު އަދަދު ކަމަށް ރިޕޯޓުތައް ބުނެއެވެ.
އީރާނުން މިހާރު ވަނީ އެއްގަމު މަގުން ހަނގުރާމަ ކުރުމަށް ބޭނުންވާ ހަތިޔާރުތަކުގެ ތެރޭގައި ހިމެނޭ ބަޑިއާއި، އަތްމަތީގައި ބޭނުންކުރާ އާރްޕީޖީ (ރޮކެޓް ޕްރޮޕެލްޑް ގްރެނޭޑް) އަދި ރޮކެޓް ލޯންޗަރު ފަދަ ހަތިޔާރުތައް ޖަމާކޮށްފައެވެ. މިހާރު މި ވޮލަންޓިއަރުން ވަނީ އީރާނުގެ އެކި ސަރަހައްދުތަކާއި، އީރާނު ވަށައިގެންވާ ބޯޑަރު ސަރަހައްދުތަކުގައި ހަނގުރާމައަށް ތައްޔާރުވެ، ދުސްމިނުންގެ ހަރަކާތްތައް ބަލަމުންނެވެ. އީރާނުން މި ތައްޔާރީތައް ކުރަމުންދަނީ، ދުސްމިނުން އޮޅުވާލުމުގެ ގޮތުން "ޖަޒީރާ ހިފުން" ގެ ނަމުގައި، އީރާނުގެ ބިމުގެ ކޮންމެ ސަރަހައްދަކަށްވެސް އަރާފާނެ ކަމަށް ބަލައިގެންނެވެ. މީގެ ބޭނުމަކީ ކޮންމެ ވަގުތެއްގައިވެސް ދުސްމިނުންނާ ކުރިމަތިލުމަށް އެއްގަމު ފައުޖުތައް ފުރިހަމައަށް ތައްޔާރުކޮށްފައި ބެހެއްޓުމެވެ.
އީރާނުގެ ރަސްމީ ފަރާތްތަކުން ބުނާގޮތުގައި، ދުސްމިނުންނަށް އެފަދަ ފުރުސަތެއް ނުދޭނެއެވެ. އީރާނުގެ އެކި ސަރަހައްދުތަކުގައި ސިއްރު ބިންގަރާސްތައް ގާއިމުކޮށްފައިވާ ކަމަށާއި، ދުސްމިނުންނަށް ހަމަލާ ދިނުމަށް ފަސޭހަވާނޭ ގޮތަށް ހުރިހާ ކަމެއްވެސް މިހާރު ވަނީ ރޭވިފައި ކަމުގައި ރިޕޯޓްތައް ބުނެއެވެ. ހަނގުރާމައިގެ ތަފާތު ސިނާރިއޯތަކަށް އީރާނުން ތައްޔާރުވެފައިވާކަމަށް އެ ގައުމުން ބުނެއެވެ. ދުސްމިނުން މަތިން ފޭބި ކަމުގައި ވިޔަސް، ނުވަތަ ކަނޑު އަޑިން ފީނާފައި އެރުމަށް މަސައްކަތްކުރިޔަސް، އީރާނަށް އެރުމުގެ ހުރިހާ ގޮތްތަކެއް ބަންދުވާނޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ. މި ތައްޔާރީތަކުގެ ތެރޭގައި އަސްކަރީ މުހިއްމު ތަންތަނަށް ހިމާޔަތް ދިނުމާއި، ދުސްމިނުންގެ ހަމަލާތައް ދިފާއުކުރުމަށްޓަކައި ޒަމާނީ ދިފާއީ ނިޒާމުތައް ބޭނުންކުރުން ހިމެނެއެވެ. އީރާނުގެ ދިފާއީ ސްޓްރެޓެޖީއަކީ ހަމަލާ ދިނުމަށް ވުރެ ދިފާއުވުމަށް އިސްކަންދޭ ސްޓްރެޓެޖީއެއް ކަމުގައި ބެލެވެއެވެ.
އީރާނަށް ޗައިނާ އަދި ރަޝިޔާގެ ފަރާތުން ބަރާބަރަށް ޖާސޫސީ މައުލޫމާތު ލިބެމުންދާކަމަށް ރިޕޯޓުތައް ބުނެއެވެ. މި ދެގައުމުން ދަނީ އެމެރިކާގެ އަސްކަރީ ހަރަކާތްތައް ވަރަށް ގާތުން ބަލަމުންނެވެ. މިކަމުގެ ސަބަބުން، ހުޅަނގުގެ ގައުމުތަކާއި، ޚާއްޞަކޮށް އެމެރިކާއަށް އީރާނާ ދެކޮޅަށް ހަރަކާތްތެރިވުމަށް އިތުރު ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަމަށް އަސްކަރީ މުހައްލިލުން ވިދާޅުވެއެވެ.
އަސްކަރީ މުހައްލިލުން ވިދާޅުވާ ގޮތުގައި، ކެސްޕިއަން ސީއިން (Caspian Sea) އީރާނަށް ރަޝިޔާގެ ހަތިޔާރުތައް ލިބެއެވެ. މީގެ އިތުރުން، ޕާކިސްތާނުގެ ފަޅިން އީރާނަށް ޗައިނާގެ ހަތިޔާރު ލިބުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް ބުނެއެވެ. މި ގޮތުން އީރާނުގެ އަސްކަރީ ބާރަށް އެހީތެރިކަން ލިބެމުންދާކަމަށް ބެލެވެއެވެ. އެމެރިކާއިން ވަނީ ޗައިނާގެ ބޯޓުފަހަރު މެދުވެރިކޮށް އީރާނަށް އެކި ކަހަލަ ހަތިޔާރާއި، މިސައިލް ހެދުމަށް ބޭނުންވާ ކެމިކަލްތައް އެތެރެކުރާ ކަމަށް ތުހުމަތުކޮށްފައެވެ. ނަމަވެސް މި ތުހުމަތުތަކަށް ޗައިނާއިން ވަނީ ރައްދު ދީފައެވެ.



