
އީރާނުން އިސްރާއީލަށް އަމާޒުކޮށް ބާރުގަދަ 'ސިއްޖީލް' މިސައިލްތަކެއް ފޮނުވާލައިފި: މިއީ މިފަދަ ނުރައްކާތެރި ޒަމާނީ ހަތިޔާރެއް ޔަހޫދީންނާއި ދެކޮޅަށް ބޭނުންކުރި ފުރަތަމަ ފަހަރު
އީރާނުން މިއަދު އިސްރާއީލާ ދެކޮޅަށް އެ ގައުމުގެ އެންމެ ފަހުގެ އަދި އެންމެ ބާރުގަދަ ސޮލިޑް ފިއުލް މިސައިލް ކަމަށްވާ "ސިއްޖީލް" މިސައިލްތަކެއް ފޮނުވާލައިފިއެވެ. މި ހަމަލާތަކަކީ އިސްރާއީލުގެ އިސްތިޢުމާރީ ބާރުތަކާ ދެކޮޅަށް އީރާނުން ދެމުންދާ ވަރުގަދަ ރައްދު ހަމަލާތަކެއްގެ ބައެކެވެ.
އީރާނުގެ އަސްކަރީ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި، މި މިސައިލްތައް ފޮނުވާލާފައިވަނީ އިސްރާއީލުގެ އަސްކަރީ މުހިންމު އަމާޒުތަކަށް އަމާޒުކޮށެވެ. އީރާނުން މިފަދަ ބާރުގަދަ މިސައިލްތަކެއް ބޭނުންކުރިކަން ހާމަވުމާއެކު، ދެ ގައުމުގެ ދެމެދުގައި ކުރިއަށްދާ ހަނގުރާމައިގެ ފުޅާމިނާއި ނުރައްކާ އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ. މި ހަމަލާތަކަކީ، އިސްރާއީލުން އިސްލާމީ ގައުމުތަކުގެ ސަރަހައްދުތަކަށް ދެމުންދާ ހަމަލާތަކަށް ދެވުނު ސީދާ ރައްދެއް ކަމަށް އީރާނުން ވަނީ ހާމަކޮށްފައެވެ.
"ސިއްޖީލް" މިސައިލްތަކަކީ އީރާނުގެ މިސައިލް ޕްރޮގްރާމްގެ ތެރެއިން އުފައްދާފައިވާ އެންމެ ޒަމާނީ އަދި އެންމެ ހައިރާންކުރަނިވި ހަތިޔާރުތަކުގެ ތެރޭގައި ހިމެނޭ އެއްޗެކެވެ. މިއީ ސޮލިޑް ފިއުލް ބޭނުންކުރާ ދުރު ރާސްތާ މިސައިލްތަކެކެވެ. ސިއްޖީލް-1 އާއި ސިއްޖީލް-2 މި ދެ ވައްތަރުގެ މިސައިލްވެސް އުފައްދާފައިވަނީ އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެންނެވެ. މި މިސައިލްތަކަށް 2,000 ކިލޯމީޓަރަށް ވުރެ ދުރު ރާސްތާއަށް ދަތުރުކުރުމުގެ ގާބިލުކަން ލިބިފައިވުމާއެކު، އިސްރާއީލުގެ ކޮންމެ ސަރަހައްދަކަށްވެސް ހަމަލާދިނުމުގެ ކުޅަދާނަކަން ލިބިފައިވާކަމަށް ބެލެވެއެވެ. ސޮލިޑް ފިއުލް ބޭނުންކުރުމުގެ ސަބަބުން، މި މިސައިލްތައް އަވަހަށް ތައްޔާރުކޮށް ފޮނުވާލުމުގެ ފުރުސަތު ލިބި، ދުޝްމަނުންގެ ހަމަލާތަކުން ސަލާމަތްވުމުގެ ފުރުސަތުވެސް ބޮޑެވެ.
މި ހަމަލާތަކާ ގުޅިގެން އީރާނުގެ މިސައިލް އޮޕަރޭޓަރުން ވަނީ އިސްރާއީލުގެ އަމާޒުތަކަށް މިސައިލްތައް ފޮނުވާލުމަށްފަހު، އެކަމުގެ އުފާފާޅުކޮށްފައެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މަންޒަރުތަކުން ފެންނަ ގޮތުގައި، މި ބާރުގަދަ މިސައިލްތައް ފޮނުވާލުމަށްފަހު އޮޕަރޭޓަރުން ދަނީ އެކަން ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކޮށް، އިސްރާއީލާ ދެކޮޅަށް ހޯދުނު ކުރިއެރުމެއްގެ ގޮތުގައި އުފާފާޅުކުރަމުންނެވެ. އީރާނުގެ ރަސްމީ ފަރާތްތަކުން ވަނީ މި ހަމަލާތައް އިސްރާއީލަށް ދިން ބާރުގަދަ އިންޒާރެއް ކަމަށް ސިފަކޮށްފައެވެ.
އީރާނާއި އިސްރާއީލުގެ ދެމެދުގައި ކުރިމަތިލުންތައް ގިނަވެފައިވަނީ ދިގު ތާރީޚެއްގެ ތެރޭގައެވެ. ދެ ގައުމުގެ މެދުގައި ވަކިވަކި ހަމަލާތަކާއި ސައިބަރ ހަމަލާތައް ގިނަ ފަހަރު ބަދަލުވެފައިވެއެވެ. ނަމަވެސް "ސިއްޖީލް" ފަދަ ދުރު ރާސްތާގެ ބާރުގަދަ މިސައިލްތައް ސީދާކޮށް ބޭނުންކުރެވުމަކީ، ކުރިއަށް އޮތް ތަނުގައި މި ދެ ގައުމުގެ ގުޅުންތަކަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެނުވައިފާނެ ކަމެއް ކަމަށް ބެލެވެއެވެ. މި ހަމަލާއަކީ އީރާނުގެ މިސައިލް ޕްރޮގްރާމްގެ ބާރުވެރިކަން ދުނިޔެއަށް ދެއްކުމަށް ދިން ފުރިހަމަ މިސާލެއް ކަމަށްވެސް އެނަލިސްޓުން ބުނެއެވެ.



