
އީރާނުން ހަމަލާތައް ވަރުގަދަކޮށް، ތެލް އަވީވްގައި ހުންނަ އެމެރިކާ މަރުކަޒަށް ހައިޕަސޮނިކް މިސައިލަކުން ހަމަލާދީފި
އީރާނުން ދެމުންދާ ހަމަލާތައް ކުއްލި ގޮތަކަށް ވަރުގަދަކޮށް، މުޅި ބާރުގައި ހަމަލާދޭން ފަށައިފިއެވެ. މި ހަމަލާތަކުގެ ތެރެއިން އެންމެ ސަމާލުކަން ހޯދައިފައިވަނީ ތެލް އަވީވްގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުގެ މައި އިދާރާއަށް އަމާޒުކޮށް ފޮނުވާލި ހައިޕަސޮނިކް މިސައިލެކެވެ. މިއީ އާދައިގެ ހަމަލާއެއް ނޫން ކަމަށާއި، މިއީ ނުހަނު ނުރައްކާތެރި އަދި އިންތިހާއަށް ވަރުގަދަ ކުރިމަތިލުމެއްކަން ފާހަގަކުރެވެއެވެ.
ތެލްއަވީވްގެ ހުޅަނގު ފަރާތުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުގެ މައި އިދާރާއަށް އަމާޒުކޮށް ފޮނުވާލި ހައިޕަސޮނިކް މިސައިލަކީ، އީރާނުގެ އަސްކަރީ ގާބިލިއްޔަތު އާދަޔާ ހިލާފަށް މަތިކޮށްދޭ ކަމެއްކަން ފާހަގަކުރެވެއެވެ. މި މިސައިލް އޭގެ އަމާޒަށް ވާސިލްވުމާއެކު ބާރުގަދަ ގޮވުންތަކެއްގެ އަޑު އިވިފައިވާއިރު، އެ ސަރަހައްދުން ފެންނަން ހުރި މަންޒަރުތަކުން ދައްކާގޮތުގައި އެތަނުގައި ހުރި ހަނގުރާމަމަތީ މަތިންދާބޯޓުތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ސެޓެލައިޓް ފޮޓޯތަކުންނާއި، ހަމަލާގެ ސަރަހައްދުން ލިބިފައިވާ ފޮޓޯތަކުން މިކަން ވަރަށް ސާފުކޮށް ހާމަވެއެވެ. މި ހަމަލާއިން އެމެރިކާގެ އަސްކަރީ ވަސީލަތްތަކަށް ލިބުނު ގެއްލުންތަކުގެ ތަފްސީލީ މައުލޫމާތު އަދި ހާމަކޮށްފައެއް ނުވެއެވެ.
މީގެކުރިން އީރާނުން ސަރަހައްދުގެ އެކި ހިސާބުތަކުގައި އެމެރިކާގެ މަސްލަހަތުތަކަށް އަމާޒުކޮށް ހަމަލާދީފައިވީ ނަމަވެސް، ތެލް އަވީވްގައި ހުންނަ މައި މަރުކަޒަކަށް ހައިޕަސޮނިކް މިސައިލަކުން ހަމަލާދިނުމަކީ، އީރާނުގެ ހަނގުރާމަވެރިކަން ވަރަށް ބޮޑަށް އިތުރުވެފައިވާކަން ދައްކުވައިދޭ ކަމެކެވެ.
ދިފާއީ ކަންކަމުގެ މާހިރުން ބުނާގޮތުގައި، ހައިޕަސޮނިކް މިސައިލަކުން ހަމަލާދިނުމަކީ އީރާނުގެ އަސްކަރީ ޓެކްނޮލޮޖީގައި ހޯދާފައިވާ ބޮޑު ކުރިއެރުމެކެވެ. މިފަދަ މިސައިލްތައް ދުއްވާލުމަކީ ދިފާއީ ނިޒާމުތަކަށް ވަރަށް ބޮޑު ގޮންޖެހުމެކެވެ. ސަބަބަކީ، އެ މިސައިލްތައް ދަތުރުކުރާ ސުޕަރސޮނިކް ސްޕީޑުގެ ސަބަބުން އެ މިސައިލްތައް ހުއްޓުވުމަށް ނުވަތަ ދިފާއުވުމަށް ވަގުތު ލިބުން ވަރަށް ދަތިވުމެވެ. މި ހަމަލާއިން ސާފުކޮށް ހާމަވެގެންދަނީ، އީރާނަކީ ސަރަހައްދީ ހަނގުރާމަތަކުގައި މުހިންމު ދައުރެއް އަދާކުރާނެ ގައުމެއްކަމާއި، އެ ގައުމުގެ އަސްކަރީ ގާބިލިއްޔަތު ވަނީ ވަރަށް ބޮޑަށް މަތިވެފައިކަމެވެ. މީގެ ސަބަބުން މެދުއިރުމަތީގެ ސިޔާސީ މަންޒަރުގައި ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމަށް މާހިރުން ލަފާކުރެއެވެ.



