
ޓްރަމްޕްގެ އިންޒާރަށް އީރާނުން ދެކޮޅު ހަދައިފި: ހުރްމުޒް ކަނޑުއޮޅި ނުހުޅުވާނެކަން ހާމަކޮށް، އެމެރިކާގެ ބޭސްތަކަށް ހަމަލާދިނުމަށް އީރާނުން ތައްޔާރުވެއްޖެ
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި އިންޒާރަށް ބީރުކަންފަތެއް ދީ، ހުރްމުޒް ކަނޑުއޮޅި ހުޅުވުމަށް އީރާނުން ދެކޮޅު ހަދައިފިއެވެ. އަންގާރަ ދުވަހުގެ ނިޔަލަށް އެ ކަނޑުއޮޅި ނުހުޅުވައިފިނަމަ އީރާނުގެ ހަކަތަ އަށާއި ބްރިޖުތަކަށް ޙަމަލާދީ އެގައުމު ފުނޑުފުނޑުކޮށްލާނެ ކަމަށް ޓްރަމްޕް އިންޒާރު ދެއްވައިފައިވާއިރު، އީރާނުން ބުނީ އެމެރިކާގެ ބޭސްތަކަށް ހަމަލާދޭން ތައްޔާރު ކަމަށެވެ. މިކަމުގެ ސަބަބުން މެދުއިރުމައްޗާއި ޤަލްފުގެ ސަރަހައްދުގައި ހަމަނުޖެހުން ބޮޑުވެ، ހަނގުރާމައެއް ފެށުމުގެ ބިރުވެރިކަން އިތުރުވެފައިވެއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނަށް ވަރަށް ބޮޑު އިންޒާރެއް ދެއްވައިފައެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ، އަންގާރަ ދުވަހުގެ 8 ޖަހަންވާއިރަށް ހުރްމުޒް ކަނޑުއޮޅި ނުހުޅުވައިފި ނަމަ، އީރާނުގެ ހަކަތަ އުފައްދާ މަރުކަޒުތަކާއި މުވާސަލާތީ ނިޒާމުތަކަށް ވަރުގަދަ ޙަމަލާތަކެއް ދޭނެ ކަމަށެވެ. އަދި ޓްރަމްޕް ވިދާޅުވެފައިވަނީ އީރާން “ފަށްފަށް” ޖަހާލާނެ ކަމަށާއި، އެގައުމު “ނަރަކައަކަށް ހަދާލާނެ” ކަމަށެވެ. މި މުއްދަތަކީ ރާއްޖޭގެ ގަޑިން ބުދަ ދުވަހު ފަތިހު 5 ޖަހާއިރަށް ދިމާވާ ވަގުތެވެ. ޓްރަމްޕްގެ މި ހަރުކަށި ބަސްފުޅުތަކުން އެމެރިކާގެ ގޮތްކުޑަކަން ހާމަވެފައިވާއިރު، މިކަމަކީ މެދުއިރުމައްޗަށް އިތުރު ހަމަނުޖެހުންތައް ގެނެސްދާނެ ކަމެއް ކަމަށް ބައިނަލްއަޤްވާމީ ސިޔާސީ މާހިރުން ދަނީ ބުނަމުންނެވެ.
ޓްރަމްޕްގެ އިންޒާރަށް އީރާނުން ދީފައިވަނީ ވަރުގަދަ ރައްދެކެވެ. އީރާނުން ބުނީ ހުރްމުޒް ކަނޑުއޮޅި ހުޅުވާނެ އެއްވެސް ވިސްނުމެއް ނެތް ކަމަށާއި، މިކަމުގައި ސާބިތުކަމާއެކު ދެމިތިބޭނެ ކަމަށެވެ. މީގެ އިތުރުން، އެމެރިކާގެ އިންޒާރުތަކަށް ބީރުކަންފަތެއް ދީ، މެދުއިރުމައްޗާއި ޤަލްފުގައިވާ އެމެރިކާގެ ޢަސްކަރީ ބޭސްތަކަށް ވަރުގަދަ ޙަމަލާތައް ދިނުމުގައި ފަސްނުޖެހޭނެ ކަމަށް ވެސް އީރާނުން ވަނީ ހާމަކޮށްފައެވެ. އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ވިދާޅުވީ، އީރާނުގެ މިނިވަންކަމާއި ސަލާމަތަށް ނުރައްކާވާ އެއްވެސް ފަރާތަކަށް އެގައުމުގެ ސިފައިން ފަސްނުޖެހޭނެ ކަމަށާއި، ގައުމީ ދިފާޢުގައި ފުރިހަމައަށް މަސައްކަތް ކުރާނެ ކަމަށެވެ.
ހުރްމުޒް ކަނޑުއޮޅިއަކީ ދުނިޔޭގެ ތެލުގެ ވިޔަފާރިއަށް އެންމެ މުހިންމު އެއް މަގެވެ. ދުނިޔޭގައި އުފައްދާ ތެލުގެ %20 އަށް ވުރެ ގިނަ ތެޔޮ ދަތުރުކުރަނީ މި ކަނޑުއޮޅިންނެވެ.
ޓްރަމްޕްގެ އިންޒާރާއި އީރާނުގެ ދެކޮޅު ހެދުމާއެކު، މެދުއިރުމައްޗާއި ޤަލްފުގެ ސަރަހައްދުގައި ހަމަނުޖެހުންތައް އިތުރުވެގެން ދިއުމުގެ ފުރުސަތު ބޮޑެވެ. އެމެރިކާއާއި އީރާނަކީ ކުރިންވެސް ގިނަ ކަންކަމުގައި ދެކޮޅުވެރިކަން އޮންނަ ދެގައުމު ކަމުން، މިހާރުގެ މި ހާލަތަކީ އިތުރަށް ގޯސްވެގެން ހިނގައިދާނެ ހާލަތެކެވެ. އެމެރިކާއިން މިހާރުވެސް ވަނީ މެދުއިރުމައްޗަށް އިތުރު ޢަސްކަރީ ބާރު ފޮނުވައި، އެ ސަރަހައްދުގައި އެމެރިކާގެ ހަރަކާތްތައް ވަރުގަދަކޮށްފައެވެ. މިކަމުގެ ސަބަބުން މދެމެދު ހިނގަމުންދާ ހަނގުރާމަ އިތުރަށް ފުޅާވެ، އޭގެ އަސަރު މުޅި ދުނިޔެއަށް ފޯރައި، އިޤްތިޞާދީ ގޮތުންނާއި ސިޔާސީ ގޮތުން ވެސް ބޮޑެތި ބަދަލުތަކެއް އަތުވެދާނެއެވެ.
އީރާނާއި އެމެރިކާގެ ދެމެދުގައި ކުރިމަތިވެފައިވާ މި ހާލަތު ހައްލު ކުރުމަށްޓަކައި، ބައިނަލްއަޤްވާމީ ފަރާތްތަކުން މަސައްކަތްތަކެއް ކުރަމުން ދިޔަ ނަމަވެސް، މިހާތަނަށް އެއްވެސް ކުރިއެރުމެއް ލިބިފައިނުވެއެވެ. އަންގާރަ ދުވަހުގެ މުއްދަތު ހަމަވުމަށްފަހު ދެގައުމުގެ ދެމެދުގައި ކުރިމަތިވާނީ ކޮންކަހަލަ ހާލަތެއް ކަމާއިމެދު ދުނިޔޭގެ ސަމާލުކަން ހުއްޓިފައިވެއެވެ.



