އީރާނުން ޑޮލަރަށް ގޮންޖަހައިފި:  ދެން ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރެވޭނީ ޑޮލަރު ނޫން ކަރަންސީއަކުން މުއާމަލާތުކުރާ ގައުމުތަކުގެ އުޅަނދުތަކަށް
ދުނިޔެ

އީރާނުން ޑޮލަރަށް ގޮންޖަހައިފި: ދެން ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރެވޭނީ ޑޮލަރު ނޫން ކަރަންސީއަކުން މުއާމަލާތުކުރާ ގައުމުތަކުގެ އުޅަނދުތަކަށް

ރރާޅު މީޑިއާ
March 18, 2026

ދުނިޔޭގެ މާލީ ބާޒާރުގައި އެމެރިކާ ޑޮލަރަށް އޮތް އާދަޔާ ޚިލާފު ބާރަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި، ޚާއްސަކޮށް އީރާނުގެ ފަރާތުން ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުން މި ބާރު ނިމުމަކަށް އަންނަން ކައިރިވެފައިވާ ކަމަށް ބެލެވެއެވެ. މިކަމުގެ އެންމެ ފާޅުކަން ބޮޑު އެއް މިސާލަކީ، ދުނިޔޭގެ ތެޔޮ ވިޔަފާރީގައި މުހިންމު ދައުރެއް އަދާކުރާ ހޮރުމުޒު ކަނޑުއޮޅީގެ ތެރެއިން ތެޔޮ ބޭރުކުރާ ނިޒާމަށް އީރާނުން ބަދަލުތަކެއް ގެނެސްފައިވުމެވެ. އެގޮތުން، ތެޔޮ ގަންނަ ފަރާތްތަކުން ޑޮލަރުގެ ބަދަލުގައި ޗައިނާގެ ޔުއާނުން ނުވަތަ އެހެން ކަރަންސީއަކުން ފައިސާ ދެއްކުމަށް އީރާނުން ޝަރުތުކޮށްފައިވެއެވެ.

އެމެރިކާގެ އިގްތިސާދީ ބާރާއި ޑޮލަރަށް ދުނިޔޭގައި އޮތް ގަދަފަދަ ބާރު ކަނޑުވައިލުމަށް އީރާނުން މިހާރު ފާޅުގައި ބޮޑެތި މަސައްކަތްތަކެއް ކުރަމުންދާކަން އެނގި ހާމަވެފައިވެއެވެ. މި މަސައްކަތްތައް މިހާރު ކާމިޔާބުވާން ފަށާފައިވާކަމަށް އީރާނުން ބުނެއެވެ. ޚާއްސަކޮށް އެމެރިކާއިން އީރާނަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުންދާ ކޮންމެ ފަހަރަކު، އެ ދަތިކުރުންތަކުން ސަލާމަތްވުމަށް އީރާނުން މަސައްކަތް ކުރަނީ ޑޮލަރަށް ބަރޯސާވުން ކުޑަކޮށް، އެހެން ބާރުތަކާއެކު ގުޅުން ބަދަހިކޮށްގެންނެވެ. މިގޮތުން ޗައިނާ އާއި ރަޝިޔާ ނޯތްކޮރެއާ ފަދަ ގައުމުތަކާއެކު ވިޔަފާރީގެ ގުޅުންތައް ބަދަހިކޮށް، ޑޮލަރު ނޫން އެހެން ކަރަންސީތަކުން މުޢާމަލާތްތައް ކުރިއަށް ގެންދިއުމަށް އީރާނުން ވަނީ ގޮވާލާފައެވެ.

މި ބަދަލުގެ އެންމެ ފަހުގެ ހެތްކަކީ، ދުނިޔޭގެ އެންމެ ބޮޑެތި އިގްތިސާދުތަކުގެ ތެރޭގައި ހިމެނޭ އިންޑިއާއިން، ހޮރުމުޒު ކަނޑުއޮޅިން ތެޔޮ ބޯޓެއް ބޭރުކުރީ ޑޮލަރަށް ފައިސާ ނުދައްކައި ޗައިނާގެ ޔުއާނުންކަން ހާމަވުމެވެ. މިކަމަކީ ޑޮލަރުގެ ރަސްކަމަށް ވަރަށް ބޮޑު ގޮންޖެހުމެއްކަމަށް ގިނަ ބައިނަލްއަގުވާމީ މާހިރުން ދެކެއެވެ. އިންޑިއާ ފަދަ ބޮޑު ގައުމަކުން މިފަދަ ނިންމުމެއް ނެގުމުގެ ސަބަބުން އެހެން ތެޔޮ ގަންނަ ގައުމުތަކަށް ވެސް މިފަދަ މަގެއް އިޚްތިޔާރު ކުރުމަށް ބާރު އެޅިގެންދާނެއެވެ. މިއީ ބައިނަލްއަގުވާމީ ވިޔަފާރީގައި ޔުއާނުގެ ދައުރު ފުޅާވެ، ޑޮލަރަށް އޮތް ބާރު ކުޑަވަމުން އަންނަ ކަމުގެ ފާޅުކަން ބޮޑު ހެތްކެކެވެ.

އީރާނުން ވަނީ ހަނގުރާމައެއް ނިމުނަސް ކުރިން އޮތް ގޮތަށް ހޮރުމުޒު ކަނޑުއޮޅި ނޯންނާނެ ކަމަށް ބުނެފައެވެ. އީރާނުގެ ބަޔާނެއްގައިވާ ގޮތުން، މިހާރުން ފެށިގެން ތެޔޮ ބޭރުކުރެވޭނީ އީރާނުގެ ފުރިހަމަ ބެލުމުގެ ދަށުންނެވެ. އަދި މި ބޭރުކުރާ ތެޔޮ ޝިޕްމަންޓްތަކަށް ފައިސާ ދައްކަންވާނީ ޔުއާނުން ނުވަތަ އެމެރިކާ ޑޮލަރުނޫން އެހެން ފައިސާއަކުން ކަމަށް ވެސް އީރާނުން އަންގާފައިވެއެވެ. މިކަމުގެ ސަބަބުން ދުނިޔޭގެ ތެޔޮ ބާޒާރަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެއެވެ. ޚާއްސަކޮށް، ޑޮލަރުން މުޢާމަލާތްތައް ކުރުމަށް ބަރޯސާވެފައިވާ ގައުމުތަކަށް މިކަމުގެ ސަބަބުން އިތުރު ދަތިތަކަކާ ކުރިމަތިލާން ޖެހިދާނެއެވެ.

މި ބަދަލުތަކުގެ ސަބަބުން ބައިނަލްއަގުވާމީ ސިޔާސީ ގުޅުންތަކާއި އިގްތިސާދީ ނިޒާމަށް ގިނަ ބަދަލުތަކެއް އަންނާނެކަން ކަށަވަރެވެ. ޗައިނާގެ ޔުއާނުގެ ބާރު ގަދަވެ، ދުނިޔޭގެ ރިޒާވް ކަރަންސީގެ ގޮތުގައި ޑޮލަރަށް އޮތް ދައުރު ހީނަރުވުމުގެ ފުރުސަތު ބޮޑެވެ. މިއީ އެމެރިކާގެ އިގްތިސާދީ ބާރަށް ވަރަށް ބޮޑު ނޭދެވޭ އަސަރެއް ކުރާނެ ކަމެކެވެ. ދުނިޔޭގެ ބާރުތަކުގެ މެދުގައި އޮންނަ ބާރުގެ ގުޅުންތައް ބަދަލުވެ، އެމެރިކާއަށް ދުނިޔޭގައި އޮތް ނުފޫޒު ކުޑަވެގެން ދިއުމުގެ ފުރުސަތު ވެސް ބޮޑެވެ. އަދި އެނޫން ވެސް ގައުމުތަކުން ޑޮލަރު ނޫން އެހެން ކަރަންސީތަކަށް ބަދަލުވުމަށް އިތުރު ހިތްވަރެއް ލިބިގެންދާނެއެވެ.

ޑޮލަރަކީ ޗޮއިސްއެއް ނޫން. ޑޮލަރު އެމެރިކާ ބޭނުންކުރަކީ 'ހަތިޔާރަކަށް' މިއީ ފާޑުކިޔާ ގިނަ ގައުމުތަކުގެ ހިޔާލެވެ.

ޑޮލަރަށް އޮތް ބާރު ހީނަރުވަމުންދާކަމުގެ ނިޝާންތައް ދުނިޔެއަށް ފެންނަމުންދާ މި ދަނޑިވަޅުގައި، އީރާނާއި ޗައިނާ ފަދަ ގައުމުތަކުގެ އެއްބާރުލުމާއެކު މި ބަދަލުތައް އިތުރަށް ބާރުގަދަވެދާނެކަމަށް ބެލެވެއެވެ. ހޮރުމުޒު ކަނޑުއޮޅިން ތެޔޮ ބޭރުކުރާ ނިޒާމަށް އީރާނުން ގެނައި މި ބަދަލަކީ ދުނިޔޭގެ މާލީ ނިޒާމަށް އަންނަ ވަރަށް ބޮޑު އިންގިލާބެއް ކަމަށް ވެދާނެއެވެ. އަދި މިއީ އެމެރިކާގެ ބާރަށް ގޮންޖަހައި، ދުނިޔޭގެ ބާރުތައް އަލުން ބަހާލެވޭނެ އާ ދުވަސްވަރެއްގެ ފެށުމަކަށް ވެސް ވެގެންދިއުމަކީ އެކަށީގެންވާ ކަމެކެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު