
އީރާނުން އެމެރިކާއާ މަޝްވަރާ ކުރުން ދޫކޮށްލައި، އެމެރިކާގެ ބަލިކަން ހާމަކޮށްފި
އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ، އެމެރިކާއާއެކު މިވަގުތު އެއްވެސް މަޝްވަރާއެއް ނުކުރާނެކަން ވަރަށް ސާފުކޮށް ހާމަކުރައްވައިފިއެވެ. އަދި އޭނާ ވަނީ އެމެރިކާގެ ސިޔާސަތުތަކަށް ވަރުގަދަ ރައްދެއް ދެއްވާފައެވެ. އައްބާސް އަރަގްޗީ ވިދާޅުވީ، އެމެރިކާއިން މިހާރު މަޝްވަރާގެ ވާހަކަ ދައްކަން ފެށުމަކީ، އެމީހުންގެ ބަލިކަން އެމީހުން ގަބޫލުކުރުން ކަމަށާއި، މިކަމުން ދައްކުވައިދެނީ އީރާނުގެ ބާރުވެރިކަން ކަމުގައެވެ.
މީގެ ކުރިން އެމެރިކާއިން ބުނަމުންދިޔައީ، އީރާނުން “ޝަރުތަކާ ނުލައި އަމާންދޭން” ޖެހޭނެ ކަމަށެވެ. ނަމަވެސް، މިހާރު އެމެރިކާއިން ބޭނުންވަނީ އީރާނާއެކު މަޝްވަރާގެ މޭޒަށް އަންނަން ކަން ފާހަގަކުރައްވަމުން، އަރަގްޗީ ސުވާލު އުފެއްދެވީ ކުރިން ބުނި ބުނުން މިހާރު ކޮބައިތޯއެވެ. އެމެރިކާގެ މި ބަދަލު މިވަގުތު އައުމުގެ ފަހަތުގައި އީރާނުގެ މައްޗަށް އެމެރިކާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ހިމެނޭކަން އޭނާ ވަނީ ހާމަކުރައްވާފައެވެ.
އަރަގްޗީ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އެމެރިކާގެ އެންމެ އިސްވެރިން މެދުވެރިކޮށް މަޝްވަރާކުރަން އެ ގައުމުން މިހާރު ބޭނުންވަނީ އީރާނުގެ ބާރުގަދަކަމުގެ ކުރިމަތީގައި އެމެރިކާ ނުކުޅެދިފައިވާތީއެވެ. އީރާނުގެ ނިއުކްލިއަރ އެއްބަސްވުމުން އެމެރިކާ ވަކިވުމަށްފަހު، އެމެރިކާއިން ވަނީ އީރާނުގެ މައްޗަށް އިތުރު ބޮޑެތި ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފައެވެ. މި ފިޔަވަޅުތަކުގެ ސަބަބުން އީރާނުގެ އިގްތިސާދަށް ބޮޑެތި އަސަރުތަކެއް ކުރި ނަމަވެސް، އީރާނުން ވަނީ އެމެރިކާގެ ހަރުކަށި ސިޔާސަތުތަކަށް ދެކޮޅު ހަދާފައެވެ.
އޭނާ ވިދާޅުވީ އެމެރިކާއިން ކުރިން ގެންގުޅުނު ހަރުކަށި ރޫހު ދޫކޮށްލައި، މަޝްވަރާގެ މޭޒަށް އަންނަން މަސައްކަތް ކުރުމަކީ އީރާނަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށެވެ. އެމެރިކާއިން އީރާނަށް ބޮޑެތި ޕްރެޝަރުތަކެއް ކުރިމަތިކުރި ނަމަވެސް، އީރާނުން ވަނީ ކެތްތެރިވެ، އެމެރިކާގެ ބާރުވެރިކަމަށް ގޮންޖަހާފައެވެ. މިހާރު އެމެރިކާއިން މަޝްވަރާކުރަން ބޭނުންވުމަކީ، އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތައް އީރާނުގެ މައްޗަށް އެދެވޭ އަސަރެއް ނުކުރާކަން އަމިއްލައަށް ގަބޫލުކުރުން ކަމަށްވެސް އަރަގްޗީ ފާހަގަކުރެއްވިއެވެ.
ނަމަވެސް، މި ދަނޑިވަޅުގައި އެމެރިކާއާއެކު އެއްވެސް ކަހަލަ ވާހަކައެއް ދައްކަން އީރާނުން ބޭނުން ނުވާކަން އޭނާ ވަނީ ސާފުކޮށްދީފައެވެ. އީރާނުގެ މި ބަޔާނުން ދައްކުވައިދެނީ އެ ގައުމުގެ ބައިނަލްއަގްވާމީ ސިޔާސަތުގައި ހަރުދަނާކަމާއި އަމިއްލަ މިނިވަންކަން ދެމެހެއްޓުމަށް އޮތް ޕޮޒިޓިވް ގަސްދެވެ.



