އިޤްތިޞާދީ ހީނަރުކަމެއްގެ ތެރެއަށް: މެދުއިރުމަތީގެ ހަނގުރާމަ އާއި ރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތައް
ދުނިޔެ

އިޤްތިޞާދީ ހީނަރުކަމެއްގެ ތެރެއަށް: މެދުއިރުމަތީގެ ހަނގުރާމަ އާއި ރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތައް

ރރާޅު މީޑިއާ
March 17, 2026

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލި، އިޤްތިޞާދީ ހީނަރުކަމެއްގެ ތެރެއަށް ދުނިޔެ މިދަނީ ވަދެގަންނަމުންނެވެ. ފެބްރުއަރީ މަހުގެ ފަހުކޮޅު 60+ ޑޮލަރުގައި ހުރި އޮމާން ތެޔޮ، މިހާރު ތިން ހަފުތާގެ ތެރޭގައި 100+ ޕަސެންޓް އަގު ބޮޑުވެފައިވާއިރު، މިއީ މުޅި ދުނިޔޭގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއްކަން ކަށަވަރެވެ. މިކަމުގެ އަސަރު، ކުދި ޖަޒީރާ ޤައުމެއް ކަމަށްވާ ރާއްޖެއަށް ވެސް އިންތިހާއަށް ކުރިމަތިވަމުން ދާކަން މިދަނީ ފެންނަމުންނެވެ.

ދުނިޔޭގެ މާކެޓުގައި ތެލުގެ އަގު މިހާ ބޮޑުތަނުން އުފުލިފައިވާއިރު، މިއީ މައިގަނޑު ގޮތެއްގައި މެދުއިރުމަތީގައި ހިނގަމުންދާ ސިޔާސީ ހަމަނުޖެހުންތަކާއި އަސްކަރީ ކުރިމަތިލުންތަކާ ގުޅިފައިވާ ކަމެކެވެ. މިހާރު އެމެރިކާއިން އީރާނާ ދެމެދު ހިނގަމުންދާ ހަނގުރާމައަކީ، ތެލުގެ ބާޒާރަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާ މައިގަނޑު އެއް ސަބަބެވެ. އެމެރިކާ ސަރުކާރުން މި ހަނގުރާމަ ކުރިއަށް ގެންދަން ބޭނުންވާކަމަށް ރިޕޯޓުތައް ބުނާއިރު، ކަމާބެހޭ މާހިރުން ލަފާކުރައްވާ ގޮތުގައި މި ހަނގުރާމަ މަދުވެގެން ކުރިއަށް އޮތް ތިން ހަތަރު ހަފުތާ ވަންދެން ވެސް ކުރިއަށް ދާނެއެވެ. މިއީ ފަސޭހައިން ނިމެން އޮތް ކަމެއް ނޫން ކަމަށް ވެސް އެމާހިރުން ފާހަގަކުރައްވައެވެ.

މި ހަނގުރާމައިގެ ނުބައި އަސަރު ރާއްޖެއަށް އިންތިހާއަށް ކުރިމަތިވަމުން އަންނަ މަންޒަރު މިދަނީ އެންމެންނަށް ވެސް ފެންނަމުންނެވެ. ރާއްޖޭގެ އިޤްތިޞާދުގެ މައި ތަނބު ކަމަށްވާ ފަތުރުވެރިކަމުގެ ދާއިރާއަށް ވަނީ ވަރަށް ބޮޑު އަސަރެއް ކޮށްފައެވެ. ފަތުރުވެރިންގެ ނިސްބަތް ވަރަށް ބޮޑުތަނުން ދަށްވެފައިވާއިރު، މިއީ ޑޮލަރުގެ މައްސަލަތަކާއި، ޤައުމަށް ލިބޭ އާމްދަނީއަށް ނޭދެވޭ އަސަރުކުރާނެ ކަމެކެވެ. މީގެ އިތުރުން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމުގެ ސަބަބުން، ރާއްޖޭގައި ޕެޓްރޯލް އަދި ޑީޒަލްގެ އަގު ބޮޑުތަނުން އުފުލިއްޖެއެވެ. މީގެ ސީދާ އަސަރު އާންމު ރައްޔިތުންނަށާއި، ދަތުރުފަތުރަށާއި، ކާބޯތަކެއްޗަށް ވަނީ ކޮށްފައެވެ. ކޮންމެ ދުވަހެއްގެ ޚަރަދު ބޮޑުވެ، ދިރިއުޅުމުގެ ފެންވަރު ދަށްވަމުންދާ މަންޒަރު މިދަނީ ފެންނަމުންނެވެ.

މިފަދަ އިޤްތިޞާދީ ދަތިކަމެއްގެ ތެރޭގައި އެންމެ ބޮޑެތި ގެއްލުން ވާނީ އާދައިގެ ނިކަމެތި ރައްޔިތުންނަށްކަން ކަށަވަރެވެ. ކޮންމެ ދުވަހެއްގެ ދިރިއުޅުމަށް ބޭނުންވާ ތަކެތީގެ އަގު އުފުލި، އާމްދަނީ އެއްގޮތަށް ހުރުމުން، ދިރިއުޅުން ބުރަވެގެން ދެއެވެ. ނަމަވެސް، މުއްސަނދި މަހުޖަނުންނަށް މިކަމުގެ އަސަރު ކުޑަވާނެއެވެ. އެމީހުން ހޯދާފައިވާ ފައިސާގެ މަސްދަރު ކޮރަޕްޝަނާއި ވައްކަން ކަމުގައި ވިޔަސް، އިޤްތިޞާދީ ހީނަރުކަމުގެ ނޭދެވޭ އަސަރު އެމީހުންނަށް މާ ބޮޑުތަނުން ނުކުރާނެއެވެ. މިއީ، ޤައުމެއްގައި އިޤްތިޞާދީ ގޮތުން ފުދުންތެރިކަން ދަށްވާން ފަށާ ކޮންމެ ފަހަރަކު ފެންނަ ހިތާމަވެރި މަންޒަރެކެވެ.

ވީމާ، މިފަދަ ނާޒުކު ދަނޑިވަޅެއްގައި އެންމެ އާދައިގެ ރައްޔިތުން މިހާރުއްސުރެ އަމިއްލަ ސަލާމަތް ހޯދަން ފަށަންޖެހެއެވެ. ނެތް ފެންވަރަކަށް ބޮޑެތި ޚަރަދުކުރުން އިހަށް ހުއްޓާލުމަކީ މުހިންމު ކަމެކެވެ. ކޮފީތަކާއި ރެސްޓޯރަންޓުތަކާއި ސައި މޭޒުމަތީ ދުންބުރުވަން ހޭދަކުރާ ވަގުތާއި ފައިސާ މުޅިން ނިންމާލުން ލާޒިމުވެއެވެ. ބޭކާރު ގޮތުގައި އޭސީ ބޭނުންކުރުމާއި ފާޑުފާޑުގެ ގޭމްތައް ކުޅުން ހުއްޓާލުމަކީ ވެސް ހޭދަތައް ކުޑަކުރުމަށް ކުރެވޭނެ ކަމެކެވެ. އޮފީސްތަކަށް ނުގޮސް ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ އިންތިޒާމުތައް ހަމަޖައްސައި، ބޭކާރު ކަރަންޓު ހޭދަކުރުން ހުއްޓުވުމަކީ ވެސް ދިރިއުޅުމުގެ ޚަރަދު ކުޑަކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅުތަކެކެވެ.

ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވި ކަންކަމަކީ، މިފަދަ ހަނގުރާމައަކުން ކުރިމަތިވާ ކަންކަމާ ބަލާއިރު އެއްވެސް އެއްޗެއް ނޫން ކަމަށް ގިނަބަޔަކު ބުނެއެވެ. ކޮވިޑް ތެރޭގައި ލިބުނު ފިލާވަޅުން މިއަދު ޢިބުރަތް ލިބިގަނެ ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށް ވަރަށް ބޮޑަށް ލަސްވެއްޖެއެވެ. ކޮވިޑް ތެރޭގައި ވެސް 200 އަށް ވުރެ ގިނަ ދިވެހިންގެ ފުރާނަ ގޮސް، އެތައް ބައެއްގެ ވިޔަފާރި ފުނޑި، ޒިންދަގީ ހަލާކުވެ، ޢާއިލާތައް ރޫޅި، ދިވެހި ބައިތުލްމާލް ހުލިވެގެން ދިޔައީ އެއިރު ޤައުމު ހިންގަން ތިބި މީހުންގެ ސަބަބުންނާއި އެމީހުންގެ ކޮރަޕްޓުކަމުންނެވެ. މިކަންކަމަކީ މިއަދުގެ ސަރުކާރަށް ވެސް ހުރި ޢިބުރަތްތެރި ފިލާވަޅުތަކެކެވެ. ޤައުމީ އިޤްތިޞާދު ރައްކާތެރިކުރުމަށާއި، އާންމު ރައްޔިތުންގެ ދިރިއުޅުން ހިފެހެއްޓުމަށްޓަކައި ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އެޅުން މުހިންމެވެ.

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި، އޭގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކަކީ ހަޤީޤަތުގައި ވެސް ކަންބޮޑުވާންޖެހޭ ކަންކަމެވެ. ރާއްޖެ ފަދަ ކުޑަ ޤައުމުތަކަށް މިކަމުގެ އަސަރު މާ ބޮޑަށް ކުރާނެއެވެ. ވީމާ، ހަމައެކަނި ރައްޔިތުންނަށް ނޫން، ސަރުކާރަށާއި، ވިޔަފާރިތަކަށް ވެސް މިއީ ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަކަށް ސަމާލުކަން ދިނުން މުހިންމު ދަނޑިވަޅެކެވެ. މިއަދު އަޅާ ކޮންމެ ފިޔަވަޅަކީ، ކުރިއަށް އޮތް ތަނުގައި ކުރިމަތިވެދާނެ ބޮޑެތި މައްސަލަތަކުން އަރައިގަތުމަށް މަގުފަހިކޮށްދޭނެ ކަމެކެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު