
ފަލަސްތީނު-އިޒްރޭލުގެ ފުޓްބޯޅަ އިސްވެރިން ސަލާމް ނުކުރެވި އިންފަންޓީނޯ ބޮޑު ލަދެއްގައި ބެދިއްޖެ
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއަށް ބޮޑު ލަދެއް ލިބިއްޖެ އެވެ. އެއީ ކެނެޑާގެ ވެންކޫވާގައި އިއްޔެ ބޭއްވި ފީފާގެ 76 ވަނަ ކޮންގްރެސްގައި ފަލަސްތީނާއި އިޒްރޭލްގެ ފުޓްބޯޅަ އިސްވެރިންގެ މެދުގައި ސުލްހައިގެ ސަލާމެއް ކުރުވަން އޭނާ ކުރި މަސައްކަތް ނާކާމިޔާބުވުމާ ގުޅިގެންނެވެ.
ފީފާ ކޮންގްރެސްގައި، ފަލަސްތީނުގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް ޖިބްރީލް ރަޖޫބް އާއި އިޒްރޭލްގެ އެފްއޭގެ ނައިބު ރައީސް ބާސިމް ޝެއިޚް ސުލައިމާނާ ސަލާމް ކުރުވަން އިންފަންޓީނޯ އުޅުނެވެ. ނަމަވެސް، އިޒްރޭލްގެ އެފްއޭގެ އިސްވެރިޔަކާ އެކު އެއް ފޯރަމެއްގައި ހުއްޓި ހުރުމަށް ރަޖޫބް ވަނީ ހަރުކަށިކަމާއެކު އިންކާރު ކުރައްވާފަ އެވެ.
މިއީ އިންފަންޓީނޯ، ފީފާގެ ރައީސްކަމަށް ފުރިހަމަ ތިންވަނަ ދައުރަކަށް ކެންޑިޑޭސީ އިއުލާން ކުރުމުގެ ކުރިން، ފަލަސްތީނާއި އިޒްރޭލްގެ އެފްއޭގެ އިސްވެރިން އެއްގަލަކަށް ގެންނަ މަންޒަރު ދައްކަވާލަން އޭނާ ބޭނުންވި ކަމެއް ކަމަށް އިނގިރޭސި މީޑިއާތަކުން ރިޕޯޓުކުރެ އެވެ. ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ބޮޑު އިދާރީ މަޖިލީހުގެ މެންބަރުންގެ ކުރިމަތީގައި މި ފޮޓޯގަނޑު ނެގުމަށް އިންފަންޓީނޯ ކުރިން ޕްލޭން ކުރައްވައިގެން ހުރި ނަމަވެސް، އޭނާއަށް އެކަން ކާމިޔާބު ކުރެވިފައެއް ނުވެ އެވެ.
ފަލަސްތީނުގެ ފުޓްބޯޅަ އިދާރާއިން މީގެ ކުރިން ވެސް ފީފާ އަށް ހުށަހަޅާފައި ވަނީ އިޒްރޭލުން ހިންގާ ހަނގުރާމައިގެ ޖަރީމާ އާއި އިންސާނީ ހައްގުތަކާ ހިލާފު އަމަލުތަކާ ހެދި އިޒްރޭލް ފީފާއިން ސަސްޕެންޑް ކުރުމަށެވެ. ނަމަވެސް، ރަޝިޔާ ސަސްޕެންޑް ކުރި ގޮތަށް އިޒްރޭލް ސަސްޕެންޑް ކުރާކަށް ފީފާ އަކަށް ނުކެރުނެވެ. އިޒްރޭލާ ދެކޮޅަށް ފިޔަވަޅު އަޅަން އެންމެ ބޮޑަށް ވަކާލަތު ކުރައްވާ ބޭފުޅަކީ ވެސް ފަލަސްތީނުގެ އެފްއޭގެ ރައީސް ރަޖޫބެވެ.
އިޒްރޭލުގެ މަންދޫބާ ސަލާމްކުރުމަށް ރަޖޫބް އިންކާރު ކުރެއްވުމާ ގުޅިގެން، ފަލަސްތީނުގެ އެފްއޭގެ ނައިބު ރައީސް ސޫޒަން ޝަލަބީ ވަނީ އެކަމަށް ތައުރީފު ކުރައްވާފަ އެވެ. ރޮއިޓާސް އަށް ދެއްވި ބަސްދީގަތުމެއްގައި ސޫޒަން ވިދާޅުވީ، "އިޒްރޭލުން ހިންގާ ފެސިޒަމް އަދި ނަސްލު ނައްތާލުމުގެ އަމަލުތައް އޮއްބާލުމަށް އިޒްރޭލުން ގެނައި މީހަކާ އަހަރެމެން ސަލާމެއް ނުކުރާނެ ކަމަށާއި، އަހަރެމެން މިތިބީ ވަރަށް ބޮޑު ތަހައްމަލެއްގެ ތެރޭގައި" ކަމަށެވެ. އޮކްޓޯބަރު 2023 އިން ފެށިގެން އިޒްރޭލުން ގާޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި 72,500 އަށް ވުރެ ގިނަ މީހުން ވަނީ މަރާލާފަ އެވެ. އޭގެ ތެރެއިން 21,000 އަށް ވުރެ ގިނަ ކުޑަކުދިންނެއް ހިމެނެ އެވެ.
ފަލަސްތީނާއި އިޒްރޭލްގެ ފުޓްބޯޅައިގެ އިސްވެރިން ސަލާމް ކުރުވަން ކުރި މަސައްކަތް ނާކާމިޔާބު ވުމަށް ފަހު ވެސް އިންފަންޓީނޯ އަލުން ސްޓޭޖަށް އަރައި ވިދާޅުވީ އިޒްރޭލާއި ފަލަސްތީނުގެ އޮފިޝަލުން ގުޅިގެން ކުޑަކުދިންނަށް އުއްމީދުތަކެއް ދިނުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އިންފަންޓީނޯ މީގެ ކުރިން ވަނީ ޑޮނަލްޑް ޓްރަމްޕަށް ފީފާގެ ސުލްހައިގެ އެވޯޑް ދީގެން ވެސް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފަ އެވެ.
މި ހާދިސާއާ އެކު އިންފަންޓީނޯއަށް ބޮޑު ލަދެއް ލިބުނު ނަމަވެސް، އޭނާ ވަނީ ފީފާގެ ރައީސްކަމަށް ފުރިހަމަ ތިންވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާން ކުރައްވާފަ އެވެ. "އަންނަ އަހަރު ބާއްވާ ފީފާގެ ރިޔާސީ އިންތިޚާބުގައި އަހަރެން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރާނެކަން ކަށަވަރުކޮށްދޭން ބޭނުން. މިކަން އެންމެ ފުރަތަމަ އެނގޭ ބަޔަކަށް ތިޔަބޭފުޅުން ވާން އަހަރެން ބޭނުންވި. ތިޔަބޭފުޅުން ދެއްވާ ހިތްވަރާއި އެއްބާރުލުމަށް ޝުކުރު ދަންނަވަން،" އިންފަންޓީނޯ ވިދާޅުވި އެވެ. އިންފަންޓީނޯ 2016 ވަނަ އަހަރު މަގާމަށް ހޮވުނީ ފީފާ އިސްލާހު ކުރުމުގެ ވައުދާ އެކު އެވެ. އެކަމަކު ގަވާއިދުތަކަށް ގެނައި ބަދަލާ އެކު އޭނާ އަށް 15 އަހަރު ވަންދެން މަގާމުގައި ހުރުމުގެ ފުރުސަތު މިހާރު ވަނީ ފަހިވެފަ އެވެ. އަންނަ އަހަރު މޮރޮކޯގެ ރަބާތުގައި ބާއްވާ އިންތިޚާބުގައި އޭނާއާ ވާދަކުރާނެ އިތުރު ކެންޑިޑޭޓަކު ހުންނާނެ ކަމަކަށް ނުބެލެވޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.



