އައިޖީއެމްއެޗުން "އިންޓްރާ އޮޕަރޭޓިވް ނިއުރޯމޮނިޓަރިން"ގެ ހިދުމަތް ތައާރަފްކޮށްފި
ސިއްޙަތު

އައިޖީއެމްއެޗުން "އިންޓްރާ އޮޕަރޭޓިވް ނިއުރޯމޮނިޓަރިން"ގެ ހިދުމަތް ތައާރަފްކޮށްފި

އއައިނީ
March 8, 2026

އައިޖީއެމްއެޗް އަދި ދަރުމަވަންތަ ހޮސްޕިޓަލުން ނިއުރޯ ސާޖަރީ ނުވަތަ ނާރުގެ އޮޕަރޭޝަންތަކަށް ބޭނުންކުރާ ޒަމާނީ ޓެކްނޮލޮޖީއެއް ކަމަށްވާ "އިންޓްރާ އޮޕަރޭޓިވް ނިއުރޯމޮނިޓަރިން" ގެ ހިދުމަތް ރަސްމީކޮށް ތައާރަފުކޮށްފިއެވެ.

މިއީ ރާއްޖޭގެ ސިއްހީ ދާއިރާގައި ނާރުގެ ބަލިތަކަށް ދެވޭ ފަރުވާ އިތުރަށް ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. އައިޖީއެމްއެޗުން ހާމަކުރި ގޮތުގައި، މި ޓެކްނޮލޮޖީގެ އެހީގައި އޮޕަރޭޝަން ކުރަމުންދާ ވަގުތު ބަލިމީހާގެ ނާރުތަކަށް ލިބިދާނެ އެއްވެސް ގެއްލުމެއް ވަގުތުން ދެނެގަނެވޭނެއެވެ. މީގެ ސަބަބުން ސާޖަރީތަކުގެ ތެރޭގައި ނާރުތަކަށް ލިބޭ ގެއްލުންތައް ބޮޑުތަނުން ކުޑަކުރެވި، ބަލިމީހާގެ ރައްކާތެރިކަން އިތުރަށް ކަށަވަރުވެގެންދާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

އައިޖީއެމްއެޗްގެ ސީނިއާ ކޮންސަލްޓަންޓް ސަބް ސްޕެޝަލިސްޓް އިން ނިއުރޯ ސާޖަރީ ޑރ. އަލީ ނިޔާފް ވިދާޅުވީ އައިއޯއެންއެމް އަކީ ބަލިމީހާގެ ރައްކަލަށްޓަކައި ކޮންމެހެން ހުރުން މުހިންމު ވަސީލަތެއް ކަމަށެވެ. އަދި މީގެ އިތުރުން ފާހަގަ ކުރެއްވީ ކޮމަން ސާޖަރީތަކުގެ ތެރޭގައި ކަނދުރާގެ ޑިސްކް ސާޖަރީ، މައިބަދައިގެ ޑިސްކް ސާޖަރީ ނޫނީ މައިބަދަޔަށް ގެއްލުން ލިބިގެން އަންނަ އޮޕަރޭޝަންތަކުގެ ތެރޭގައި އިސްކުރު ޖަހާއިރު އިސްކުރުގެ އިންޓަގްރިޓީ ނުވަތަ އިސްކުރު ޖެހެމުންދާ ތަނާ އެކީގައި އިތުރު ނާރަކަށް ފިތޭ ކަމަށްވާނަމަވެސް އޭތި ފާހަގަ ކުރާން މިހާރު ފަސޭހަވެގެން ދާނެ ކަމަށެވެ.

މި އާ ހިދުމަތާ ގުޅޭގޮތުން އެ ހޮސްޕިޓަލުން ބުނީ މިއީ ބަލިމީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ފަރުވާގެ ފެންވަރު މަތިކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ހޯދިފައިވާ ވަރަށް މުހިންމު ކުރިއެރުމެއް ކަމަށެވެ. މި ޓެކްނޮލޮޖީއާއެކު ނާރުގެ އޮޕަރޭޝަންތަކުގެ ކާމިޔާބީގެ ނިސްބަތް އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ.

އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުން އަންނަނީ ރާއްޖޭގެ ސިއްހީ ނިޒާމަށް ޒަމާނީ ވަސީލަތްތައް ތައާރަފުކޮށް، ބޮޑެތި އޮޕަރޭޝަންތައް ރާއްޖޭގައި ކުރެވޭނެ އިންތިޒާމުތައް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު