ސަރުކާރުން އަވަސް ފިޔަވަޅުތަކެއް ނާޅައިފިނަމަ، ރާއްޖޭގެ އިގްތިޞާދު ނުރައްކާތެރި ހިސާބަށް ދިއުމަކީ ވަރަށް ގާތްކަމެއް: ފައިސަލް ނަސީމް
ސިޔާސީ

ސަރުކާރުން އަވަސް ފިޔަވަޅުތަކެއް ނާޅައިފިނަމަ، ރާއްޖޭގެ އިގްތިޞާދު ނުރައްކާތެރި ހިސާބަށް ދިއުމަކީ ވަރަށް ގާތްކަމެއް: ފައިސަލް ނަސީމް

މމުޙައްމަދު އިސްމާއިލް
February 3, 2026

 މާލީ ދާއިރާއަށް ދިމާވަމުންދާ ގޮންޖެހުންތަކުން އަރައި ގަތުމަށް ސަރުކާރުން އަވަސް ފިޔަވަޅުތަކަށް ނާޅައިފިނަމަ، މިއަދު ދުނިޔެއަށް ކުރިމަރިމަތިވަމުންދާ ހަލަބޮލި ކަމުގެ ތެރެއިން، ރާއްޖޭގެ އިގްތިޞާދު ނުރައްކާތެރި ހިސާބަށް ދިއުމަކީ ވަރަށް ގާތްކަމެއް ކަމަށް ކުރީގެ ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައިސަލް ވިދާޅުވީ، ރާއްޖޭގެ އިޤުތިޞާދު ރަނގަޅު ކުރުމަށާއި ދަރަނި މެނޭޖު ކުރުމަށް މާލީ އިދާރާތަކުންނާއި މާލީ ދާއިރާގެ ތަޖުރިބާކާރުން ދޭ ލަފަޔާ މަޝްވަރާއަށް ސަރުކާރުން ޢަމަލު ނުކުރުމުގެ ނަތީޖާއަކީ، ރާއްޖޭގެ މާލީ ހާލަތު ގޯސްވެ ޒިންމާދާރު މަޤާމުތަކުގައި ތިއްބެވި ބޭފުޅުން އިސްތިއުފާ ދެއްވައި ގެއަށް ވަޑައިގެންނެވުން ނޫންގޮތެއް ނެތި އެގޮތަށް ޢަމަލު ކުރެއްވުމަށް މަޖުބޫރުވުން ކަމަށެވެ.

ޑޮލަރުގެ އަގު މައްޗަށް ދިޔުމާއި، އިންފްލޭޝަން މަތިވުމާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ބަނގުރޫޓުވެ، ބޮޑެތި ވިޔަފާރި ތަކަށްވެސް ގޮތްހުސްވާ ހިސާބަށް ދިޔުމަކީ އާއްމު ރައްޔިތުންގެ ދިރިއުޅުން ބިކަވެ ނިކަމެތިވަމުންދާ ސަބަބު ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.

ފެންނަމުން މިދަނީ ބަނަ ބޯވިލާގަނޑެއް ބޯމަތިވަމުން އަންނަ މަންޒަރު ކަމަށާއި، ސަރުކާރުން ރައްޔިތުންގެ ފައިސާ އިސްރާފުކުރުން ހުއްޓާލައި، އުފެއްދުންތެރިކަން އިތުރުކުރުމަށް އާއްމު ރައްޔިތުންނާއި ވިޔަފާރިތަކަށް އެހީތެރިކަންދީ، މާލީ ދާއިރާގެ ތަޖުރިބާކާރުންގެ ލަފަޔާއި އިރުޝާދުތަކަށް ތަބާވާންޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.

އެހެންކަމުން މިކަމުން އަރައިގަތުމަށް ސަރުކާރުން ވީހާވެސް އަވަހަށް މަސައްކަތް ކުރުމަށް ފައިސަލް ވަނީ ގޮވާލައްވާފަ އެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު