އެދުވަހު  ވަގުކާޅަށްވި ބޭފުޅުން މިއަދު ހުދުކާފޫރަށް ވީ ކިހިނެއް؟ – ބޮޑުބަދަލުގެ ޖަލްސާއަށް ފާޑުކިޔުން
ސިޔާސީ

އެދުވަހު ވަގުކާޅަށްވި ބޭފުޅުން މިއަދު ހުދުކާފޫރަށް ވީ ކިހިނެއް؟ – ބޮޑުބަދަލުގެ ޖަލްސާއަށް ފާޑުކިޔުން

ނނާޒިމް
May 5, 2026

އެމްޑީޕީގެ ބޮޑުބަދަލުގެ ޖަލްސާއަށް އާންމުންގެ ފާޑުކިޔުން އަމާޒުވެއްޖެ

އެމްޑީޕީ ހަރުގޭގައި ބޭއްވި "ބޮޑުބަދަލުގެ" ޖަލްސާއަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓި، ވަރުގަދަ ފާޑުކިޔުންތަކެއް ދިމާވެއްޖެއެވެ. ސޯޝަލް މީޑިއާގައި މި ޖަލްސާއާ ގުޅިގެން ދެކެވެމުންދާ ވާހަކަތަކަށް ބަލާއިރު، އާންމުންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް ވެފައި ވަނީ، ބޮޑުބަދަލުގެ ނަމުގައި ކުރިއަށްދާ ޖަލްސާގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ކޮރަޕްޝަންގެ ތުހުމަތު ކުރެއްވި ސަރުކާރެއްގައި މުހިންމު މަގާމުތައް ފުރި ބޭފުޅުން މި ޖަލްސާގައި ފެނުމެވެ.

މިދިޔަ އެމްޑީޕީ ސަރުކާރު ނިމުމަކަށް ގެނައުމަށްޓަކައި، ރައީސް ނަޝީދު "ޑިމޮކްރެޓްސް" ގެ ނަމުގައި ސިޔާސީ ޕާޓީއެއް ހައްދަވައި، ނިކަން ފޯރީގައި މަސައްކަތްޕުޅު ކުރެއްވިއެވެ. އެ ދުވަސްވަރު އެމަނިކުފާނު ވަނީ، އޭރުގެ ސަރުކާރުގައި ތިއްބެވީ "ވަގުން ނޫނީ ނޫން" ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. ސަރުކާރުގެ ބޮޑެތި މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަކީ، ރައްޔިތުންގެ ފައިސާ ނަހަމަގޮތުގައި ބޭނުންކުރާ ބަޔެއް ކަމަށާއި، ކޮރަޕްޝަނަށް އަރައިގަނެފައިވާ ބަޔެއް ކަމަށް އެމަނިކުފާނު ތަކުރާރުކޮށް ފާހަގަ ކުރެއްވިއެވެ. އެމްޑީޕީގެ ވެރިކަމަށް ފާޑުކިޔަމުން އެމަނިކުފާނު ގެންދެވީ ހަމަ އެގޮތުގައެވެ. ރައީސް ނަޝީދުގެ ވާހަކަފުޅުތަކުގައި، އެ ސަރުކާރަކީ ރައްޔިތުންނަށް ދެރަދީ، ރައްޔިތުންގެ ހައްގުތައް ހިފާ ބަޔަކު ތިބި ސަރުކާރެއްގެ ގޮތުގައި ސިފަކުރެއްވިއެވެ. މި ދުވަސްވަރު، އެމަނިކުފާނު ގެންދެވީ ވަގު ޝުޢޫރު އާންމު ކުރަމުންނެވެ.

މިރޭގެ ޖަލްސާއިން ފެނުނު މަންޒަރުތަކަށް ރިއާޔަތްކޮށް، ސޯޝަލް މީޑިއާގެ ބޭނުންކުރާ ގިނަ ބަޔަކު ދަނީ ނަޝީދުގެ މިކަންކަމާ ގުޅިގެން ހުރި ނުގުޅުންތަކަށް އަލިއަޅުވައި، ސުވާލު އުފައްދަމުންނެވެ. ފާޑުކިޔާ މީހުން ބުނާ ގޮތުގައި، އެދުވަހު "ވަގަށް ކާޅަށް" ގޮވި މީހުން މިއަދު މި ބޮޑުބަދަލުގެ ޖަލްސާގައި ފެނުމަކީ، ސިޔާސީ މަސްރަހުގައި ހިނގާ ކަންތައްތަކާ މެދު ސުވާލު އުފައްދާ ކަމެކެވެ. ކުރީގެ ސަރުކާރުގެ ބޮޑެތި މަގާމުތައް ފުރި ބޭފުޅުންނަށް އޭރު ނަޝީދު ތުހުމަތު ކުރެއްވި ކޮރަޕްޝަނުގެ ވާހަކަތައް މިހާރު ކޮންމެހެން ހަނދާން ނައްތާލެވޭން ނެތް ކަމަށާއި، މިހާރު އެ ބޭފުޅުންނަށް ތާއީދު ކުރެއްވުމަކީ، އޭރުގެ ވާހަކަތަކާ ވަރަށް ބޮޑަށް ފުށުއެޅޭ ކަމެއް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ޚާއްސަކޮށް، "އެވަގުން މިއަދު ނަޝީދަށް ތާއީދު ކުރުމުން ހުދު ކާފޫރަށް ވެއްޖެ" މިފަދަ ޝުޢޫރުތައް ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް އާންމުވެފައި ވެއެވެ. މީގެ މާނައަކީ، ކުރިން ކޮރަޕްޝަނުގެ ތުހުމަތު ކުރެވިފައިވާ ބޭފުޅުން، ސިޔާސީ މަސްރަހުގައި މަގާމުތަކަށް އެރުމަށް ނުވަތަ ސިޔާސީ ބާރު ގަދަކުރުމަށްޓަކައި، އެމީހުންނަށް ކުރިން ތުހުމަތު ކުރި ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރުމެވެ. މިކަމުގެ ސަބަބުން، ސިޔާސީ ޕާޓީތަކާއި ލީޑަރުންގެ އިތުބާރު ގެއްލި، އާންމުންގެ ތެރޭގައި ސިޔާސީ ކަންކަމާ މެދު ނުރުހުން އުފެދިދާނެ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

މިކަމާ ގުޅިގެން، ރައްޔިތުންގެ މެދުގައި ސިޔާސީ ލީޑަރުންގެ ޒިންމާދާރުކަމާއި، ސިޔާސީ މަސްރަހުގައި އެއްވެސް އުސޫލެއް ނެތި ކަންކަން ހިނގާކަމުގެ ބަހުސްތައް ވަރަށް ބޮޑަށް ފެށިފައިވެއެވެ. ސިޔާސީ ހަރަކާތްތަކުގެ މަގުސަދާއި، ޕާޓީތަކުގެ ފިކުރުތަކަށް ގެނެވޭ ބަދަލުތަކުގެ ސަބަބުން، ރައްޔިތުންނަށް އެފަރާތްތަކާމެދު އިތުބާރު ކުރުމަށް ދަތިވާ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. މިފަދަ ހާލަތްތަކުގައި، ސިޔާސީ ލީޑަރުންގެ އިސްކަންދޭ ކަންކަމަކީ ކޮބައިކަމާއި، އެބޭފުޅުންގެ ސިޔާސީ މަގުސަދަކީ ކޮބައިކަމާ މެދު ސުވާލު އުފެދެއެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު