ހަގީގަތާ ދެކޮޅަށް ހަރުކަށި ގާނޫނުތައް ދަނީ ހަދަމުން، ނޫސްވެރިން ސާބިތުކަމާއެކު ތިބެންވާނެ: ކުރީގެ ރައީސް ޞާލިޙް
ސިޔާސީ

ހަގީގަތާ ދެކޮޅަށް ހަރުކަށި ގާނޫނުތައް ދަނީ ހަދަމުން، ނޫސްވެރިން ސާބިތުކަމާއެކު ތިބެންވާނެ: ކުރީގެ ރައީސް ޞާލިޙް

އއައިނީ
May 3, 2026

ނޫސްވެރިންނަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާ ދެކޮޅަށް ސާބިތުވެ ތިބުމަށް  ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ގޮވާލައްވައިފިއެވެ.

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން، ދިވެހި ނޫސްވެރިންނަށް ތަހުނިޔާ ފޮނުއްވައި، މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޞާލިޙް ވިދާޅުވީ، އިޚްލާޞްތެރިކަމާއި އަޒުމާއެކު މަސައްކަތްކުރާ ދިވެހި ނޫސްވެރިންނަށް ސެލިޔުޓް ކުރައްވާ ކަމަށެވެ.

އަދި މިނިވަން ނޫސްވެރިކަމަކީ ރާއްޖޭގައި ފައްކާވަމުން އަންނަ ޑިމޮކްރަސީއަށް ކޮންމެހެން ބޭނުންތެރި ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެމަނިކުފާނުގެ ވެރިކަމުގައި ނޫސްވެރިކަމުގެ މިނިވަންކަމުގެ ދާއިރާއިން ހޯދި ކުރިއެރުންތަކަށް އަލިއަޅުވާލައްވަމުން ޞާލިޙް ވިދާޅުވީ، ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ރާއްޖެ 120 ވަނައިން 72 ވަނައަށް ކުރިއަށް ޖެހިލާފައިވާ ކަމަށެވެ. މިއީ އެ ސަރުކާރުން ނޫސްވެރިކަމުގެ މިނިވަންކަމަށް ދިން އަހަންމިއްޔަތާއި ވީ ވައުދުތައް ފުއްދުމުގެ ނަތީޖާކަން އެމަނިކުފާނު ބަޔާންކުރެއްވިއެވެ.

ނަމަވެސް، މިހާރު ފެންނަނީ ނޫސް އިދާރާތައް ރެއިޑްކުރުމާއި، އެޑިޓަރުން ރާއްޖެއިން ބޭރަށް ދިއުން މަނާކުރުމުގެ އިތުރުން، ހަރުކަށި ގާނޫނުތައް ހަތިޔާރަކަށް ހަދައިގެން ހަގީގަތް ފޮރުވަން މަސައްކަތް ކުރަމުންދާ ތަން ކަމަށް އެމަނިކުފާނު ވިދާޅުވުއެވެ.

މިފަދަ ބިރުދެއްކުންތަކަށް ފުރުސަތު ނުދީ، ނޫސްވެރިންގެ ހިތްވަރާއި ސާބިތުކަމާއެކު މަސައްކަތް ކުރުމަށް އެމަނިކުފާނު ވަނީ އިލްތިމާސްކުރައްވާފައެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު