ހައްޖުގެ އަޅުކަން ކާމިޔާބުކަމާއި އަމާންކަމާއެކު ނިމިއްޖެ: 1.7 މިލިއަނަށް ވުރެ ގިނަ ހައްޖުވެރިން އަޅުކަން އަދާކޮށްފި
ދީން

ހައްޖުގެ އަޅުކަން ކާމިޔާބުކަމާއި އަމާންކަމާއެކު ނިމިއްޖެ: 1.7 މިލިއަނަށް ވުރެ ގިނަ ހައްޖުވެރިން އަޅުކަން އަދާކޮށްފި

ނނާޒިމް
May 30, 2026

މި އަހަރުގެ ހައްޖުގެ އަޅުކަން ކާމިޔާބުކަމާއި އަމާންކަމާ އެކު ނިންމާލެވިފައިވާކަން ސައޫދީ އަރަބިއްޔާއިން އިއްޔެ އިއުލާންކޮށްފި އެވެ. ސައޫދީގެ ރަސްމީ ހިސާބުތައް ދައްކާ ގޮތުން، ދުނިޔޭގެ އެކި ކަންކޮޅުތަކުން 1,707,301 މީހުން ވަނީ މި އަހަރުގެ ހައްޖުގެ ފަރުޟު އަދާކޮށްފަ އެވެ. މިކަން އިއުލާން ކުރެއްވީ މައްކާ ސަރަހައްދުގެ ޑެޕިއުޓީ އަމީރު އަދި ހައްޖާއި އުމްރާގެ ދާއިމީ ކޮމިޓީގެ ނައިބު ރައީސް ޕްރިންސް ސައުދު ބިން މިޝްއާލް އެވެ.

ޕްރިންސް ސައުދު، ޓީވީ މެދުވެރިކޮށް ދެއްވި ބަޔާނެއްގައި ވިދާޅުވީ، "މިއަހަރުގެ ހައްޖުގެ އަޅުކަން ކާމިޔާބުކަމާ އެކު ނިމިގެންދިޔަކަން އިއުލާން ކުރުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މި ކާމިޔާބީ ފާހަގަވެގެންދިޔައީ އަމާންކަމާއި، އިންތިޒާމުތަކުގެ ފުރިހަމަކަމާއި، އަދި ބޭނުންވާ ހުރިހާ ހިދުމަތްތަކާއި އެހީތެރިކަން އެންމެ ފުރިހަމައަށް ފޯރުކޮށްދެވިގެން،" ކަމަށެވެ. ހައްޖު މޫސުން ނިމިގެން މި ދަނީ "ދުވަހަކު ވެސް ނުނިދާ ގައުމެއްގެ ތަަސްވީރާއި، ހިދުމަތް ކުރުމަށް ހިތްތައް ހުސްކޮށްގެން ތިބި ބަޔަކާއި އަދި މުގައްދަސް ބިންތަކުގައި އިންތިޒާމްވެފައިވާ އެއްބައިވަންތަކަމުގެ ނަމޫނާ، ވަރުބަލިކަމެއް ނެތި ކޮށްދިން އަތްތަކެއްގެ" ހަނދާންތައް ދޫކޮށްފި ކަމަށް ވެސް ޕްރިންސް ސައުދު ފާހަގަކުރެއްވި އެވެ.

ސައޫދީގެ ރަސްމީ ހިސާބުތައް ދައްކާ ގޮތުން، މި އަހަރު ހައްޖުގެ އަޅުކަން އަދާކުރި 1,707,301 މީހުންގެ ތެރޭގައި 893,396 ފިރިހެނުންނާއި 813,905 އަންހެނުން ހިމެނެ އެވެ. މި އަދަދުގައި ދުނިޔޭގެ 165 ގައުމެއްގެ ހައްޖުވެރިން ހިމެނެއިރު، މިއީ މިދިޔަ އަހަރަށް ވުރެ 2.04 ޕަސެންޓް އިތުރު އަދަދެކެވެ. ސައޫދީން ބޭރުން 1,546,655 މީހުން ހައްޖުވިއިރު، ސައޫދީގެ ވަޒަންވެރިންގެ ތެރެއިން 160,646 މީހުން ވަނީ މި އަޅުކަން އަދާކޮށްފަ އެވެ.

ޕްރިންސް ސައުދު ވިދާޅުވީ، ހައްޖުވެރިން އަޅުކަން އަދާކުރީ އަމާންކަމާއި، ސުލްހަމަސަލަސްކަމާއި އަދި ފަސޭހަކަމާއެކުގަ އެވެ. އަދި ހައްޖާޖީންނަށް ހިދުމަތްތައް ފޯރުކޮށްދެވިފައިވަނީ އެ މުގައްދަސް ބިމުގެ މާތްކަމާއި އެ މޫސުމުގެ މުހިންމުކަމާ އެކަށީގެންވާ ފަދަ މަތިވެރި އަޅާލުމަކާއެކުގައި ކަމަށެވެ. މި ކާމިޔާބީއަކީ ހައްޖުވެރިންނަށް ހިދުމަތް ކުރުމަކީ ލިބޭ ޝަރަފެއްގެ ގޮތުގައި ދެކޭ އަދި އިންސާނީ އަޅާލުމަށް އެންމެ އިސްކަމެއްދޭ ލީޑަޝިޕެއްގެ ސަބަބުން ކަމަށާއި، މި ލީޑަޝިޕުން ވަނީ ހައްޖުގެ އޮޕަރޭޝަންތަކުގެ ކޮންމެ މަރުހަލާއެއްގައި ވެސް މެދުކެނޑުމެއްނެތް އެހީތެރިކަން ކަށަވަރުކޮށްދީފައި ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

މިދިޔަ އަހަރުގެ ހައްޖު މޫސުމުގައި ފިނިހޫނުމިން 50 ޑިގްރީ ސެލްސިއަސްއަށްވުރެ މައްޗަށް ދިއުމުގެ ސަބަބުން 1,300 އަށްވުރެ ގިނަ މީހުން މަރުވި ހާދިސާއަށްފަހު، ސައުދީ ސަރުކާރުން ވަނީ މި އަހަރު ހޫނުން ރައްކާތެރިވުމުގެ އިތުރު ފިޔަވަޅުތަކެއް އަޅައިފަ އެވެ. މީގެ ތެރޭގައި ހިޔާވެވޭނެ ތަންތަން އިތުރުކުރުމާއި، އެތައް ހާސް ސިއްހީ އެހީތެރިންނެއް ހަރަކާތްތެރިކުރުވުން ހިމެނެ އެވެ. ސައުދީ ރެޑް ކްރެސެންޓުން ބުރާސްފަތި ދުވަހު ބުނި ގޮތުގައި، މި ހައްޖު މޫސުމުގެ ތެރޭ 83,000 އަށްވުރެ ގިނަ މީހުންނަށް އެ އިދާރާއިން ވަނީ ކުއްލި ސިއްހީ އެހީތެރިކަމުގެ ހިދުމަތް ފޯރުކޮށްދީފަ އެވެ.

ޑެޕިއުޓީ އަމީރު ޕްރިންސް ސައުދު ބާރުއަޅުއްވައި ވިދާޅުވީ، ހައްޖުގެ މި ކާމިޔާބީއަކީ ދަތުރުގެ ނިމުން ނޫން ކަމަށާއި، އެއީ އާ އަޒުމަކާ އެކު މަސައްކަތް ފެށުން ކަމަށެވެ. "ހައްޖުގެ މި ކާމިޔާބީއަކީ ދަތުރުގެ ނިމުމެއް ނޫން. އެއީ އާ ޒިންމާއެއްގެ ފެށުން، އަދި މި ގައުމަކީ އަބަދުވެސް އަމާންކަމާއި ދީލަތިކަމުގެ ދަންމަރެއްގެ ގޮތުގައި، އަދި ހިދުމަތާއި ވަފާތެރިކަމުގެ މަންޒިލެއްގެ ގޮތުގައި ދެމިއޮންނާނެކަމަށް ކޮންމެ އަހަރަކު އާކުރެވޭ ވައުދެއް،" އޭނާ ވިދާޅުވި އެވެ. މި ކާމިޔާބީއާއެކު، ސައޫދީ އަރަބިއްޔާއިން ދުނިޔޭގެ މުސްލިމުންނަށް ދިމާވާ އެންމެ ބޮޑު އަޅުކަން ކަމުގައިވާ ހައްޖުގެ އަޅުކަން އަދާކުރުމަށް ދެމުންދާ ހިދުމަތުގެ ފެންވަރު އިތުރަށް ހާމަކޮށްދެ އެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު