
ގައްޒާފީގެ ދަރިކަނބަލުން އީރާނަށް: "ބައްޕަޔަށް ހެދުނު ގޯސް ތަކުރާރު ނުކުރާތި"
ގައްޒާފީގެ ދަރިކަނބަލުން އީރާނަށް: "ބައްޕަޔަށް ހެދުނު ގޯސް ތަކުރާރު ނުކުރާތި"
ލީބިޔާގެ ކުރީގެ ލީޑަރު މުއައްމަރުލް ގައްޒާފީގެ ދަރިކަނބަލުން، އާޢިޝާ ގައްޒާފީ، އީރާނަށް ދެއްވި ނަސޭހަތުގެ އިންޒާރަކީ ބައިނަލްއަޤްވާމީ ސިޔާސީ ދާއިރާގައި ގިނަ ބައެއްގެ ސަމާލުކަން ހޯދި ކަމެކެވެ. އެކަމަނާ ވަނީ ހާއްސަ މެސެޖެއް ދެއްވާފައި، އެއީ އެކަމަނާގެ ބައްޕައަށް ކުރެވުނު ކަމެއް ނުވަތަ ގޯހެއް ތަކުރާރު ނުކުރުމަށް ދެއްވި ނަސޭހަތެކެވެ. މި މެސެޖުގެ މައިގަނޑު އަސާސަކީ އެމެރިކާއާއި ޔޫރަޕުގެ ބާރުތަކުގެ ބަހަށް ހެއްލި، އެމީހުންގެ ބަސް ގަބޫލުކުރުމަކީ ހެދިދާނެ ބޮޑު ގޯހެއް ކަމަށް އެކަމަނާ ދެކެވަޑައިގަންނަވާ ކަމަށް އިޝާރާތް ކުރެއްވުމެވެ. މި ބަސްކޮޅު ވަނީ އީރާނުގެ ސިޔާސީ މަސްރަހާއި ބައިނަލްއަޤްވާމީ ގުޅުންތަކަށް ވިސްނާލެވޭނެ ގޮތެއްގެ މަތިން ބޮޑު ބަހުސެއް ފަށާފައެވެ.
ލީބިޔާގައި 2011 ވަނަ އަހަރު ހިނގި ބަޣާވާތާއި ގައްޒާފީގެ ވެރިކަން ނިމުމަކަށް އައި ފަހުން، އޭނާގެ އާއިލާގެ މެންބަރުން ދަނީ އެކި ޤައުމުތަކުގައި ސިޔާސީ ހިމާޔަތް ހޯދައި، އެކި ގޮތްގޮތުން ދިރިއުޅުން ކުރިއަށް ގެންދަވަމުންނެވެ. އާޢިޝާ ގައްޒާފީ އަކީ ގައްޒާފީގެ އެންމެ ފާހަގަކޮށްލެވޭ ދަރިކަނބަލުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ. އޭނާ ވަނީ ގިނަ ފަހަރު ބައްޕައަށް ދިމާވި ހާލަތާއި، ހުޅަނގުގެ ގައުމުތަކުގެ ދައުރާ ގުޅޭގޮތުން ތޫނުފިލި ބަސްތަކެއް ދައްކަވާފައެވެ. އީރާނަށް އެކަމަނާ ދެއްވި ބަސްކޮޅަކީ އީރާނަށް ނުވަތަ ހުޅަނގުގެ ބާރުތަކުގެ ނުފޫޒަށް ހުށަހެޅިފައިވާ އެހެން ޤައުމުތަކަށް އަމާޒުކުރެވިފައިވާ ފިލާވަޅެއް ކަމަށް ބެލެވެއެވެ.
ގައްޒާފީގެ ވެރިކަމުގެ ތާރީޚަށް ބަލާއިރު، އޭނާގެ ސިޔާސަތުތަކަށް އެކި ދުވަސްވަރު އެކި ބަދަލުތައް އައިސްފައިވެއެވެ. 2000 ގެ އަހަރުތަކުގެ ކުރީކޮޅުގައި، ލީބިޔާއިން ވަނީ އާޓަމިކް ހަތިޔާރު އުފެއްދުމުގެ ޕްރޮގްރާމް ދޫކޮށްލާނެ ކަމަށް ހުޅަނގުގެ ގައުމުތަކާ އެކު އެއްބަސްވެފައެވެ. މިގޮތުން، ލީބިޔާއަށް ހުޅަނގުން ކުރިމަތިކުރުވާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ލުއިކޮށް، ގުޅުން ބަދަހިކުރަން ގައްޒާފީ މަސައްކަތްކުރެއްވިއެވެ. އޭރު ގައްޒާފީ ދެކެވަޑައިގަތީ، ހުޅަނގުގެ ޤައުމުތަކާ އެކު ގުޅުން ބަދަހިކުރުމަކީ ލީބިޔާއަށް އަމާންކަމާއި ތަރައްޤީ ގެނެސްދޭނެ ކަމެއް ކަމުގައެވެ.
ނަމަވެސް، 2011 ވަނަ އަހަރު ލީބިޔާގައި ހިނގި ބަޣާވާތާއި، އޭގެ ފަހުން ގައްޒާފީގެ ވެރިކަން ނިމުމަކަށް އައުމާއެކު، އާޢިޝާ ގައްޒާފީ ދެކެވަޑައިގަންނަވާ ގޮތުގައި އެމެރިކާއާއި ޔޫރަޕުގެ ޤައުމުތަކުން ދިން ވައުދުތަކަކީ ހަމައެކަނި ބަހުގެ ފުނިގަނޑެއް ކަމުގައެވެ. ގައްޒާފީއަށް ހެދުނު އެންމެ ބޮޑު ގޯހަކީ، ހުޅަނގުގެ ބާރުތަކުގެ ބަސް ގަބޫލުކޮށް، އެމީހުންގެ އޮޅުވާލުމަށް ހެއްލި، ލީބިޔާގެ ގައުމީ ސަލާމަތަށް ނުރައްކާވާފަދަ ކަންކަން ކުރުން ކަމަށް އާޢިޝާ ގައްޒާފީ ވިދާޅުވެއެވެ. އޭނާގެ ބަސްކޮޅުން އިޝާރާތް ކުރަނީ، ބާރުގަދަ ޤައުމުތަކުން ކުދި ޤައުމުތަކަށް ދޭ ވައުދުތަކަށް އަބަދުވެސް ސަމާލުކަން ދިނުމަށް އަދި ތެދުވެރިކަމާމެދު ސުވާލު އުފެއްދުމަށެވެ.
އާޢިޝާ ގައްޒާފީގެ މި ބަސްކޮޅު އީރާނަށް ދެވުނު ވަގުތަކީ، އެމެރިކާ އާއި އިޒްރޭލުން އީރާނާއި ދެކޮޅަށް ހަނގުރާމަކުރަމުން ވަގުތެކެވެ. މިފަދަ ދަނޑިވަޅެއްގައި، ގައްޒާފީގެ ދަރިކަނބަލުން ދެއްވި މެސެޖަކީ އީރާނުގެ ސަރުކާރާއި، އެ ޤައުމުގެ ރައްޔިތުންނަށް ހުޅަނގުގެ ބާރުތަކާމެދު އިތުރަށް ވިސްނާލުމަށް ބާރުއަޅާނެ ކަމެކެވެ. އީރާނުން ދުވަހުވެސް ހުޅަނގުގެ ޤައުމުތަކަށް އިތުބާރު ނުކުރަން ބާރުއަޅާއިރު، އާޢިޝާގެ މި ބަސްކޮޅު ވެގެންދާނީ އެމީހުންގެ ވިސްނުން އިތުރަށް ވަރުގަދަ ކުރުމަށް ލިބުނު ބާރަކަށެވެ.
މި މެސެޖަކީ ހަމައެކަނި އީރާނަށް އަމާޒުކުރެވިފައިވާ މެސެޖެއް ނޫނެވެ. ބައިނަލްއަޤްވާމީ ގުޅުންތަކުގައި، ޚާއްސަކޮށް ބާރުގަދަ ޤައުމުތަކާއި ކުދި ޤައުމުތަކާ ދެމެދުގައި ހުންނަ އިތުބާރުގެ މައްސަލަތަކާއި، ޤައުމީ މަޞްލަޙަތުތައް ދެމެހެއްޓުމުގެ މުހިންމުކަން އޭގެން ދޭހަވެއެވެ. ތާރީޚުން ފިލާވަޅު ލިބިގަނެ، ގައުމީ ސަލާމަތާއި އިސްތިޤްލާލު ދެމެހެއްޓުމަށް އަބަދުވެސް ސަމާލުވެ ތިބުމަށް އެކަމަނާގެ ބަސްކޮޅުން އިރުޝާދު ދެއެވެ.



