ފަލަސްތީނުގެ ރައްޔިތުންގެ މުދަލަށް އަރައިގަނެ އަނިޔާކުރި ޔަހޫދީން، އީރާނުގެ ވަރުގަދަ ހަމަލާތަކާއެކު ގެދޮރު ދޫކޮށް ފިލަން ފަށައިފި
ދުނިޔެ

ފަލަސްތީނުގެ ރައްޔިތުންގެ މުދަލަށް އަރައިގަނެ އަނިޔާކުރި ޔަހޫދީން، އީރާނުގެ ވަރުގަދަ ހަމަލާތަކާއެކު ގެދޮރު ދޫކޮށް ފިލަން ފަށައިފި

ރރާޅު މީޑިއާ
March 9, 2026

ފަލަސްތީނުގެ ރައްޔިތުންގެ މުދަލާއި ގެދޮރު ފޭރި، އަނބިދަރިންނަށް ފުރައްސާރަކޮށް މަލާމާތްކުރި ޔަހޫދީންނަށް އީރާނުން ދިން ވަރުގަދަ ހަމަލާތަކާ ގުޅިގެން، އިޒްރޭލުގެ އެތައް ހާސް ރައްޔިތުން މިއަދު ވަނީ އެމީހުންގެ ގެދޮރު ދޫކޮށް، ސަލާމަތްކަމަށްޓަކައި އެކި ސަރަހައްދުތަކަށް ފިލަން ފަށާފައެވެ. މި ހަމަލާތަކަކީ މެދުއިރުމަތީގެ ސަރަހައްދީ ހަމަނުޖެހުންތަކުގެ ޙާލަތު އިތުރަށް ގޯސްވެދާނެކަމުގެ ބިރުވެރިކަން ވަރަށް ބޮޑަށް އިތުރުކޮށްފައިވާ ކަމެކެވެ. އިޒްރޭލުގެ ގިނަ ރައްޔިތުން މިހާރު ދަނީ ބިރުވެރިކަމާއި ނުތަނަވަސްކަމުގެ ތެރޭގައި ދިރިއުޅެމުންނެވެ.

ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންދާ އަނިޔާތަކަކީ ދިގު މުއްދަތެއްގައި ހިނގަމުން އަންނަ މައްސަލައެކެވެ. އިޒްރޭލުން ވަނީ ފަލަސްތީނުގެ ބިންތަކަށް ގަދަބާރުން އަރައިގަނެ، ގިނަ އަދަދެއްގެ މީހުން އެމީހުންގެ އަމިއްލަ ގެދޮރުން ބޭރުކޮށް، އެތައް ބަޔެއްގެ ދިރިއުޅުން ހަލާކުކޮށްފައެވެ. މިފަދަ ހަރަކާތްތަކުގެ ސަބަބުން، ހިސާބުގައި ހަމަނުޖެހުންތައް އުފެދި، އާދައިގެ ރައްޔިތުން ވަނީ ބިރުވެރިކަމުގެ ތެރޭގައި ޖެހިފައެވެ. ފަލަސްތީނުގެ ގިނަ ރައްޔިތުންގެ މުދަލާއި ބިމާއި ގެދޮރު ވަނީ ފޭރިގަނެވިފައެވެ. އަދި އެތައް އާއިލާތަކެއް ވަނީ އެމީހުންގެ ޙައްގުތަކުން މަހުރޫމްކުރެވި، އަނިޔާލިބިފައެވެ. އިޒްރޭލުގެ އެކި ސަރަހައްދުތަކުގައި ގަވާއިދާ ޚިލާފަށް ޔަހޫދީ އާބާދީތައް ގާއިމްކުރުމަކީ، ފަލަސްތީނުގެ ރައްޔިތުންގެ ހިތްތަކުގައި ނަފުރަތާއި ދެކޮޅުވެރިކަން އުފެއްދިފައިވާ މައިގަނޑު ސަބަބެކެވެ. މިފަދަ ޢަމަލުތައް ހުއްޓުވުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ގޮވާލަމުން ދިޔަ ނަމަވެސް، އިޒްރޭލުގެ ހަރަކާތްތަކަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ. މިކަމުގެ ސަބަބުން ފަލަސްތީނުގެ އެތައް މިލިއަން ރައްޔިތުން ދިރިއުޅެމުންދަނީ ހާލުގައި ޖެހި، އަމާންކަމެއް ނެތް ޙާލަތެއްގައެވެ.

އީރާނުގެ ހަމަލާތަކަކީ، އެމެރިކާއާއި އިޒްރޭލުން އީރާނަންދިން ހަމަލަތަކުގެ ބަދަލެއްގެ ގޮތުން ދީފައިވާ ހަމަލަ ތެކެކެވެ. މި ހަމަލާތަކުގެ ތެރޭގައި ދިގު ރާސްތާގެ މިސައިލްތަކާއި، ގިނަ އަދަދެއްގެ ޑްރޯން ހިމެނެއެވެ. އީރާނުން ވަނީ މި ހަތިޔާރުތައް ބޭނުންކޮށްގެން އިޒްރޭލުގެ އެކި ސަރަހައްދުތަކުގައި ހުރި ސިފައިންގެ މަރުކަޒުތަކާއި، ސެންސިޓިވް ސައިޓްތަކަށް އަމާޒުކޮށް ހަމަލާދީފައެވެ. މި ހަމަލާތަކުގެ ސަބަބުން އިޒްރޭލުގެ ސިފައިންގެ މަރުކަޒުތަކަށް ބޮޑެތި އިޔާދަނުުރެވޭވަރު ގެއްލުންވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް، އިޒްރޭލުން ބުނަނީ ގިނަ މިސައިލްތައް މަގުމަތީގައި ހުއްޓުވުނު ކަމަށާއި، ގެއްލުންތައް މަދުކުރެވުނު ކަމަށެވެ. އީރާނުން މި ހަމަލާތައް ދީފައިވަނީ، އިޒްރޭލަށް ވަރުގަދަ މެސެޖެއް ދިނުމުގެ ގޮތުންނާއި، ފަލަސްތީނުގެ މައްސަލައިގައި އީރާނުގެ ޙަރަކާތްތެރިކަން ދައްކުވައިދިނުމުގެ މަގްސަދުގައެވެ.

މި ހަމަލާތަކަށްފަހު އިޒްރޭލުގެ އާދައިގެ ރައްޔިތުންގެ މެދުގައި ވަނީ ބޮޑު ބިރުވެރިކަމެއް އުފެދިފައެވެ. އީރާނުގެ ހަމަލާތަކުގެ ނަތީޖާއެއްގެ ގޮތުން، ޚާއްސަކޮށް އިޒްރޭލުގެ ދެކުނު ސަރަހައްދުތަކާއި، އިރާނުން ދިން ހަމަލާތަކުގެ އަމާޒަށް ވެދާނެކަމަށް ބެލެވުނު ސަރަހައްދުތަކުގައި ދިރިއުޅޭ މީހުން ވަނީ އެމީހުންގެ ގެދޮރު ދޫކޮށް، ސަލާމަތްކަން ހޯދުމަށް އެކި ރަށްތަކަށާއި ސަރަހައްދުތަކަށް ދަތުރުކުރަން ފަށާފައެވެ. އިޒްރޭލުގެ ރައްޔިތުން މިހާރު ދަނީ ބަންކަރުތަކަށް ވަނުމަށާއި، ރައްކާތެރިކަމުގެ ހެލިތައް އެޅުމަށް ސަރުކާރުން އިރުޝާދު ދެމުންނެވެ. މިކަމުގެ ސަބަބުން ގައުމުގެ އެތެރޭގައި އެތައް ހާސް ބަޔަކު ވަނީ ހާލުގައި ޖެހި، އެމީހުންނަށް ދިރިއުޅުމުގެ އާދައިގެ ކަންކަން ކުރިއަށް ގެންދިއުމަށް ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ. ސްކޫލްތަކާއި، ބޮޑެތި ވިޔަފާރިތައް ބަންދުކުރެވި، އެތައް ރައްޔިތުންނަށް އެމީހުންގެ ވަޒީފާއަށް ދިއުމަށް ދަތިތަކާ ކުރިމަތިވެފައިވެއެވެ. އިޒްރޭލުގެ ސަރުކާރުން ވަނީ ރައްޔިތުންނަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ގޮވާލާ، ހަމަލާތަކަށް ރައްދުދިނުމަށް ތައްޔާރުވަމުންދާ ކަމަށް ބުނެފައެވެ.

ބައެއް ގައުމުތަކުން ވަނީ އީރާނަށް ތާއީދުކޮށް، އަނެއް ބައި ގައުމުތަކުން އިޒްރޭލަށް ތާއީދުކޮށް ވާހަކަ ދައްކާފައެވެ. މި ހަމަލާތަކުގެ ސަބަބުން މިހާރުވެސް ނާޒުކު ޙާލަތެއްގައިވާ ސަރަހައްދުގެ ސަލާމަތަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމަށް ވަނީ އިންޒާރު ދެވިފައެވެ. ޚާއްސަކޮށް ދުނިޔޭގެ ތެލުގެ އަގަށްވެސް މިކަމުގެ ސަބަބުން ނޭދެވޭ އަސަރުތަކެއް ކުރިމަތިވެދާނެ ކަމަށް ވަނީ ބެލިފައެވެ.

އާދައިގެ ރައްޔިތުންގެ ހާލަތު ދަނީ އިތުރަށް ގޯސްވަމުންނެވެ. ފަލަސްތީނުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި، މިހާރު އިޒްރޭލުގެ ރައްޔިތުންނަށް ކުރިމަތިވަމުންދާ ހާލަތަކީ، މި ސަރަހައްދުގައި ދާއިމީ ސުލްޙައެއް ގާއިމްކުރުމުގެ މުހިންމުކަން ހާމަކޮށްދޭ ކަންކަމެވެ. ނަމަވެސް ޔަހޫދީންގެ ބޯހަރުކަމާއި ޖައްބާރުކަމުން މެދުއިރުމައްޗަށް އަވަސް ހައްލެއް ލިބުމަކީ ދުރުކަމެއް ކަމަށް މާހިރުން ދެކެއެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު