ވެރިކަމެއް ދިފާއު ކުރުމަށްޓަކައި ވެރިކަން ހޯދަން މަސައްކަތް ކުރުމަކީ ގައުމު ދެކެ ލޯބިވާ ވެރިއަކު ކުރާނެ ކަމެއް ނޫން : ފައިސަލް ނަސީމް
ކުރިއަށް އޮތް 2028 ވަނަ އަހަރު ބާއްވާ
ރިޔާސީ އިންތިހާބު ކާމިޔާބުކުރުމުގެ ގޮތުން ގައުމު އިނދަ ޖައްސާލާ، ބައިތުލްމާލު ހުސްކޮށް، ވެރިކަމެއް ދިފާއު ކުރުމަށްޓަކައި ވެރިކަން ހޯދަން މަސައްކަތް ކުރުމަކީ ގައުމު ދެކެ ލޯބިވާ ވެރިއަކު ކުރާނެ ކަމެއް ނޫން ކަމަށް ކުރީގެ ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ފުވައްމުލަށް ސިޓީގައި ބޭއްވި 'މިޅިރަށޮ ތެލަފަތަހަ' ޖަލްސާގައި ހުކުރު ދުވަހުގެ ރޭ ވާހަކަ ދައްކަވަމުން، ފައިސަލް ނަސީމް ވިދާޅުވީ، ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅަކު ވެރިކަން ކުރުމަށްފަހު ވަޑައިގަންނަވާނެ ކަމަށާއި ނަމަވެސް ރައްޔިތުން ތިބޭނީ ރަށުގައި، ކޮންމެ ތަކުލީފަކާއިވެސް ކުރިމަތިލައިގެން ކަމަށްވާއިރު، ގައުމު ހަލާކުކޮށް ނިންމާލާ، ގައުމުގެ އިޖިތިމާއީ ފޭރާން ރޫޅާލާ، ހިތުހުރި ގޮތަކަށް ކަންކަން ކުރަން އުޅުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ.
މިސަރުކާރުން މިއަދު ހިތު ހުރި ގޮތަކަށް ކަންކަން ކުރަމުންދާ މަންޒަރު ފެންނަމުންދާ ކަމަށާއި ރައްޔިތުން މިކަމަށް ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަމަށް ފައިސަލް ވިދާޅުވި އެވެ.
ކައުންސިލް އިންތިޙާބުގައި ފުވައްމުލަކުން ފެނިގެންދާނެ އެންމެ ތަފާތު ކަމަކީ ގިނަ އަދަދެެެއްގެ އަންހެން ބޭފުޅުން ފުވައްމުލަށް ސިޓީ ތަމްސީލް ކުރުމުގެ ގޮތުން އެކި ދާއިރާތަކަށް ވާދަ ކޮށްފައިވުން ކަމަށާއި މިއީ ވަރަށް އުފާކުރާ ކަމެއް ފައިސަލް ވިދާޅުވި އެވެ.
އަދި ހަގީގީ ތަރައްގީ ގެނެވޭނީ އަންހެނުންގެ ބައިވެރިވުން އިތުރުކޮށްގެން ކަމަށްވާއިރު، އެނަމޫނާ ފެނިގެންދާނީ މިއަދު މިކުރެވޭ މަސައްކަތުން ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
ޔަގީންކަމާއެކު ދަންނަވާލަން އިނގެނީ އެމްޑީޕީ މެޖޯރިޓީ ކައުންސިލް އަކުން އިސްކުރާނީ ރައްޔިތުންގެ މަސްލަހަތާއި، ރަށުގެ ތަރައްޤީ، އަދި ރަށަށް ކުރިއެރުން ލިބޭނެ ގޮތެއް ކަންކަން ވާނެ ކަމަށްވެސް ފައިސަލް ވިދާޅުވި އެވެ.
އަދި އުއްމީދަކީ އެކުގައި ކުރެވޭ މަސައްކަތުން ކާމިޔާބު ހާސިލްވެގެން ދިއުން ކަމަށާއި އެމްޑީޕީން މި އިންތިހާބު ކާމިޔާބު ކުރުން މުހިއްމު ކަމަށް ވިދާޅުވި އެވެ.

