
ޙައްޖުގެ އަޅުކަމަށް ދިއުމުގެ ނަސީބު ނުލިބުނު ނަމަވެސް، އަޅުކަންތަކުގައި ފަރުވާތެރިވެ ހީވާގިވާންޖެހޭ: ޚުޠުބާ
ޙައްޖުގެ މަތިވެރި އަޅުކަމަށް ދިއުމުގެ ނަސީބު މި އަހަރު ނުލިބުނު ނަމަވެސް، ޙައްޖުވެރިންނެކޭ އެއްފަދައިން އަޅުކަންކުރުމުގައި ފަރުވާތެރިވެ ހީވާގިވާންޖެހޭ ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފައިވަނީ، ޙައްޖުވެރިން އެބައިމީހުންގެ ވަގުތުތައް އަޅުކަމުގައި ހޭދަކުރާ ފަދައިން، ޙައްޖުގެ އަޅުކަން އަދާކުރުމުގެ ނަސީބު މި އަހަރު ނުލިބުނު މުސްލިމުން ވެސް މި ދުވަސްވަރު ޛިކުރުކުރުމާއި، ޤުރްއާން ކިޔެވުމާއި، ފަރުޟު ނަމާދުތައް ކުރުމުގައި ހާއްސަ އިސްކަމެއްދޭންޖެހޭނެ ކަމަށެވެ. މީގެ އިތުރުން މާތްالله އަށްޓަކައި އަޅުކަން ހާލިސްކޮށްފިނަމަ މި ބަރަކާތްތެރި ދުވަސްތަކުގެ ދަރުމައާއި ސަވާބު ލިބޭނެ ކަމަށް ޚުޠުބާގައި ވަނީ ބުނެފައެވެ.
މީގެ އިތުރުން ޙައްޖުގެ އަޅުކަމަކީ އިންސާނާގެ ދުންޔަވީ ޙަޔާތުގެ ކުޑަކުޑަ ދަތުރެއްކަން ފާހަގަކުރަމުން ޚުޠުބާގައި ބުނީ، ދުނިޔޭގެ ދިރިއުޅުމަކީ ވަގުތީ އުފަލެއް ކަމަށާއި، ނަމަވެސް އާހިރަތުގެ އުފަލީ ދާއިމީ އުފާ ކަމަށެވެ. އެހެންކަމުން އާހިރަތުގެ ބާއްޖަވެރިކަން ހޯދުމަށް ގަދައަޅައި މަސައްކަތްކުރުމަށް ޚުޠުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.
ޙައްޖުގެ މަނާސިކުތަކަކީ މުއުމިނުން މާތްﷲ އަށް ކިޔަމަންގަތުމަށް ދެވޭ އަމަލީ ތަމްރީނުތަކެއް ކަމަށާއި، އެގޮތުން އިހްރާމް ބަނުމުގެ ސަބަބުން ކުރިން ހުއްދަވެގެންވީ ބައެއް ކަންކަން ހަރާމްވެގެންދާ ދިއުމަކީ، އިންސާނާގެ މުޅި ހަޔާތުގައި ވެސް މާތްالله ހަރާމްކުރެއްވި ކަންތައްތަކާ ދުރުހެލިވުމަށް ލިބޭ ފިލާވަޅެއް ކަމަށް ޚުޠުބާގައި ވަނީ ބުނެފައެވެ. ކަން މިހެން އޮތުމާއެކު ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރާއިރު، އުރެދުންތަކާ ދުރުހެލިވެ ކެތްތެރިވާ މީހާގެ ޖަޒާއަކީ ސުވަރުގޭގެ މަތިވެރި ނިއުމަތްކަން ރަސޫލާގެ ޙަދީޘް ބަސްފުޅުތަކުން ސާބިތުވާ ކަމަށް ވެސް ޚުޠުބާގައި ވަނީ ބުނެފައެވެ.
އަދިހަމައެހެންމެ، ޙައްޖުގެ މަތިވެރި އަޅުކަމަށްފަހުގައި ވެސް ހެޔޮ އަމަލުތައް ކުރުންމަތީގައި ދެމިހުރުމަށާއި، ރަހިމުގެ ގުޅުމާއި އެކުވެރިކަން ދެމެހެއްޓުމަށް ޚުޠުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ. މީގެ އިތުރުން ކުރިއަށް އޮތް ބަރަކާތްތެރި އަޟްޙާ ޢީދުގެ އުފާ ފާޅުކުރާއިރު، ރުޅިވެރިކަމާއި ހަސަދަވެރިކަން ދޫކޮށް، އިސްލާމްދީނުގެ އުސޫލުތަކުގެ ތެރެއިން އެކުވެރިކަމާއި ލޯބި ފާޅުކުރުމަށް ވެސް ޚުޠުބާގައި ނަސޭހަތްތެރިވެފައިވެއެވެ.



