
އީދު ހުތުބާގައި މީހުންނަށް ފުރައްސާރަ ނުކުރުމަށާއި އިސްލާމީ އަގުތަކަށް އިސްކަންދިނުމަށް ގޮވާލައިފި
ބޮޑު އީދުގެ އުފާ މިއަދު ފާހަގަކުރަމުންދާއިރު، އީދު ފާހަގަކުރުމުގެ ނަމުގައި މީސްމީހުންނަށް ފުރައްސާރަކޮށް މަލާމާތް ނުކުރުމަށް މިއަދުގެ އީދު ހުތުބާގައި ގޮވާލައިފި އެވެ. މި މުނާސަބަތަކީ އުފަލާއި ހިތްހަމަޖެހުމާއެކު ފާހަގަކުރަންޖެހޭ ދުވަސްތަކެއް ކަމުގައިވީނަމަވެސް، އިސްލާމީ ޝަރުޢީ މިންގަނޑުތަކާއި ސަގާފަތާ އެއްގޮތްވާ ގޮތުގެ މަތިން ކަންކަން ކުރިއަށް ގެންދިއުމުގެ މުހިންމުކަން ހުތުބާގައި ވަނީ ފާހަގަކޮށްފަ އެވެ.
އީދު ހުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ދުވަހުގެ މާތްކަމާއި މަތިވެރިކަމަށް ރިއާޔަތްކޮށް، މުސްލިމުން ކައިބޮއި އުފާފާޅުކޮށް ކުޅިވަރު ކުޅޭން އޮތް ދުވަސްތަކެއްގެ ގޮތުގައި އީދުގެ ދުވަސްތައް ބަލައިގަނެވެ އެވެ. ނަމަވެސް، އީދު ފާހަގަކުރުމުގެ ނަމުގައި މީހުންނަށް ފުރައްސާރަކުރުމާއި މަލާމާތްކުރުމަކީ ހުއްދަ ކަމެއް ނޫނެވެ. އަދި، އަންހެނުން ފިރިހެން ހެދުން އެޅުމާއި، ފިރިހެނުން އަންހެން ހެނދުން އެޅުން ފަދަ ލިބާސް ބަދަލުކޮށް ހެދުން އެޅުމާއި، ދެޖިންސު މަސްހުނިވެގެން ކުޅިވަރު ކުޅުން ކަހަލަ އިސްލާމްދީނާ ހިލާފު ކަންކަމުން ދުރުހެލިވުމަށް ހުތުބާގައި ވަނީ ގޮވާލައިފަ އެވެ. މިފަދަ ކަންކަމަކީ އީދުގެ އުފާ ފާޅުކުރުމުގެ ބަދަލުގައި، ދީނީ އަގުތަކާ ހިލާފުވާ ކަންކަން ކަމަށް ހުތުބާގައި ފާހަގަކުރި އެވެ.
އީދުގެ ހަރަކާތްތައް އިންތިޒާމުކުރާ ހުރިހާ ފަރާތްތަކުން މާތް ﷲއަށް ބިރުވެތިވެ، އިސްލާމްދީނާ ފުށުއަރާ ކަންތައްތަކާއި އެހެން ދީންތަކުގެ ޝިޢާރުތަކާ އެއްގޮތްވާ ކަންކަމުން ދުރުހެލިވުމަކީ ވާޖިބެއްކަން ހަނދާންކުރުމަށް ހުތުބާގައި ވަނީ އިރުޝާދުދީފަ އެވެ. އީދުގެ ހަރަކާތްތައް ރޭވުމުގައި އިސްލާމީ ޝަރީޢަތުގެ މިންގަނޑުތަކަށް ސަމާލުކަންދީ، އީދުގެ މާތްކަމާއި މަތިވެރިކަމަށް ގުޅޭ ގޮތަށް ކަންކަން ހިންގުމަށް ހުތުބާގައި ވަނީ ބާރުއަޅާފަ އެވެ.
އީދުގެ އުފާ ފާޅުކުރާއިރު، އިސްލާމީ ސަގާފަތާ ހިލާފުވެ، އިސްލާމީ ޝަރުޢީ މިންގަނޑަށް ނުފެތޭ ހުރިހާ ކަންކަމުން ދުރުހެލިވުމަށް ވެސް ހުތުބާގައި ވަނީ ނަސޭހަތްތެރިވެފަ އެވެ. މީގެ އިތުރުން، އީދަކީ މުޅި އިސްލާމީ އުންމަތް އެކަމުގެ އުފަލުގައި ބައިވެރިވެ، އުފާ ފާޅުކުރާން ޖެހޭ ދުވަސްތަކެއް ކަމަށް ހުތުބާގައި ބުނެފައިވެ އެވެ. އެގޮތުން، ރާއްޖޭގެ އެކިއެކި ސިނާއަތްތަކުގައި މަސައްކަތް ކުރަމުން އަންނަ ބިދޭސީ މުސްލިމު އަޚުންނާއި އުޚުތުންނަށް އީދުގެ ތަހުނިޔާ ކިޔައި، އީދުގެ އުފަލުގައި އެ މީހުން ވެސް ބައިވެރިކުރުމުގެ މުހިންމުކަން ހުތުބާގައި ވަނީ ފާހަގަކޮށްފަ އެވެ. މިއީ މުސްލިމު އަޚުވަންތަކަން ދައްކުވައިދިނުމުގެ ރީތި މިސާލެއް ކަމުގައި ވެސް ފާހަގަކުރި އެވެ.
އީދު ފާހަގަކުރާ ދިވެހިންނަކީ އަމާންވެއްޓެއްގައި މި އުފާ ފާހަގަކުރާ ބައެއް ކަމަށްވާއިރު، އިސްލާމީ އުންމަތުގެ ބަޔަކު ނުހަނު ނިކަމެތި ހާލުގައި ތިބިކަން ހަނދާން ނައްތައިނުލުމަށް ހުތުބާގައި ވަނީ ހަނދާންކޮށްފަ އެވެ. ނަސްލު ނައްތައިލުމުގެ ބިރުވެރި ގަތުލްއާންމުތަކާއި، ހައިހޫނުކަމާއި، ހިޔާވަހިކަމެއް ނެތި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އެތައް ހާސް މުސްލިމުންގެ ހާލަތު ފުތުބާގައި ވަނީ ސިފަކޮށްފަ އެވެ. "މި މާތް މަތިވެރި ދުވަހުގެ އުފާ އަހަރެމެން ފާޅުކުރާ އިރު އެ އަޚުންނާއި އުޚުތުންނަށް ހެޔޮ ދުޢާކޮށް ނަސްރާއި ކާމިޔާބުދެއްވާތޯ ދުޢާކުރާށެވެ. މުސްލިމުންގެ އެންމެ ވަރުގަދަ ހަތިޔާރަކީ ދުޢާ އެވެ،" ހުތުބާގައި ބުންޏެވެ. މިގޮތުން، ތަކުލީފުގައި ތިބި މުސްލިމުންނަށްޓަކައި ދުޢާ ކުރުމުގެ މުހިންމުކަން ވަނީ ފާހަގަކޮށްފަ އެވެ.
އީދުގެ ބޮޑު ޖަމާޢަތާއި ހައްޖުގެ މަތިވެރި އަޅުކަމަށް އެތައް ހާސް މުސްލިމުންނެއް ޖަމާވެ ތިބި މައްކާގެ މަތިވެރި ބިމަށް މިވަގުތު ބަލައި، މަޙުޝަރުގެ މައިދާނުގައި ކޮޅަށް ތިބޭނޭ ދުވަސް ހަނދާނަށް ގެންނަން ހުތުބާގައި ވަނީ ގޮވާލައިފަ އެވެ. "އެތައް މިލިޔަން މޭލެއް ދުރުން މިއަދު ފެންނާން އިރު ހުރިއިރު، މިއަދު މި އިޙުސާސްކުރަމުންދާ ހޫނާއި، ޤިޔާމަތް ދުވަހު މަޙުޝަރުގެ މައިދާނުގައި މީސްތަކުންގެ ބޮލާ، ކައިވަތަކަށް ވުރެ، އިރު ކައިރިވެފައިވާ ހިނދު މީސްތަކުން ތިބޭނޭ ހާލަތާއި އެ ދުވަހުގެ ބިރުވެރިކަން ހަނދާނަށް ގެންނާށެވެ،" ހުތުބާގައި ވަނީ އިރުޝާދުދީފަ އެވެ. މިއީ އާޚިރަތުގެ ދުވަހަށް ތައްޔާރުވުމަށް ދެވުނު މުހިންމު ނަސޭހަތެކެވެ.
އެކަކު އަނެކަކަށް މާފުކޮށް، ހިތްތައް ސާފުކުރުމާ އެކު، ސަލާންގަލާންކޮށް ހިނިތުންވުމަށް ވެސް ހުތުބާގައި ވަނީ ގޮވާލައިފަ އެވެ. ބޮޑާކަމާއި ކިބުރުވެރިކަމާއި ޙަސަދަވެރިކަމާއި ނުބައި ނިޔަތްލުން ކަހަލަ ނޭއްގާނީ ކަންކަން އެ މީހެއްގެ ކިބައިގައި ހުރި ނަމަ، އެ ކަންކަން ހިތުން ފިލުވައިލުމަށް ވެސް ވަނީ އިލްތިމާސްކޮފަ އެވެ. ސައްހަ ޙަދީޘްތަކުގައި ބަޔާންވެފައިވާ ގޮތުގައި، އެމީހެއްގެ ހިތުގައި ކިބުރުވެރިކަމުގެ ޒައްރެއްގެ މިންވަރު ހުރި މީހާ ވެސް ސުވަރުގެއަށް ނުވަންނާނެ އެވެ. އެހެންކަމުން، އެފަދަ ނޭދެވޭ ސިފަތަކުން ދުރުވުމުގެ މުހިންމުކަން ހުތުބާގައި ވަނީ ބާރުއަޅާފަ އެވެ.
އެހެންކަމުން، މި ބޮޑު އީދު ފާހަގަކުރާއިރު، އީދުގެ އުފާފާޅުކުރުމަކީ އިސްލާމީ ޝަރީޢަތުގެ އަލީގައި ހިނގާ، އިސްލާމީ އަޚުލާޤިއްޔާތާއި ސަގާފަތާ އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށް ގެންދެވޭނެ ކަމެއްކަން ހަނދާންކުރުމަށް ހުތުބާގައި ވަނީ ހަނދާންކޮށްފަ އެވެ. އަދި، އެކަކު އަނެކަކަށް އިޙުތިރާމުކޮށް، ހިތްތައް ސާފުކޮށް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މުސްލިމު އަޚުންނާއި އުޚުތުންގެ ހާލަތަށް ވިސްނައި، އާޚިރަތް ހަނދާންކުރުމަށް ވަނީ އިލްތިމާސްކޮފަ އެވެ.



