
59 އަހަރަށްފަހު އަލްއަޤްޞާގައި ޢީދު ނަމާދު ނުކުރެވުން: އިސްލާމީ ދުނިޔެއަށް ލިބުނު ބޮޑު ލަދުވެތިކަމެއް
މިފާއިތުވި 59 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް، މުސްލިމުންގެ ތިންވަނަ އެންމެ މުޤައްދަސް މިސްކިތް ކަމަށްވާ މަސްޖިދުލްއަޤުޞާގައި ޢީދު ނަމާދުގެ ޖަމާޢަތެއް ނުބޭއްވި ދިޔަ ޢީދު ދުވަހަކީ އިސްލާމީ އުންމަތަށް ބޮޑު ލަދުވެތިކަމެއް ލިބުނު ދުވަހެކެވެ. މި ހިތާމަވެރި ޙާދިސާ ހިނގާފައިވަނީ ފަލަސްތީނުގެ ސަރަޙައްދުގައި، ޚާއްޞަކޮށް ޣައްޒާގައި އިޒްރޭލުން ހިންގަމުންދާ އަނިޔާވެރި ޙަމަލާތަކާއި، ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފަށް ހިންގާ އުދުވާނުގައި ފަލަސްތީނުގެ ރައްޔިތުންނަށް ދިމާވެފައިވާ ގޮންޖެހުންތަކުގެ ތެރެއިންނެވެ. މިކަމުގެ ސަބަބުން، ހަމައެކަނި ފަލަސްތީނުގެ ރައްޔިތުންނަށް ނޫން، އެކަމަކު މުޅި އިސްލާމީ ދުނިޔޭގެ ހިތްތަކުގައި ވެސް ބޮޑު ހިތާމައަކާއި ނަފްރަތެއް އުފެދިގެން ގޮސްފިއެވެ.
މަސްޖިދުލްއަޤުޞާއަކީ އިސްލާމް ދީނުގައި ބޮޑު މާތްކަމެއް ދެވިފައިވާ މިސްކިތެކެވެ. ނަބިއްޔާ މުޙައްމަދު ﷺ މިޢުރާޖު ކުރެއްވުމަށް ފުރަތަމަ ދަތުރުކުރެއްވި ތަނަކީ މަސްޖިދުލްއަޤުޞާއެވެ. އަދި މުސްލިމުންގެ ފުރަތަމަ ޤިބްލައަކީ ވެސް މިތަނެވެ. ތާރީޚީ ގޮތުން، މި މިސްކިތަށް އެކި ދުވަސްވަރު އެކި ފަރާތްތަކުގެ ފަރާތުން ގޮންޖެހުންތަކާއި އަނިޔާތައް ދިމާވެފައިވީ ނަމަވެސް، ޢީދު ނަމާދެއް ނުކުރެވޭ މިންވަރަށް ހާލަތު ގޯސްވެގެން ދިޔައީ ވަރަށް މަދު ފަހަރެއްގައެވެ. ޚާއްޞަކޮށް، މިފަދަ ދިގު މުއްދަތެއްގެ ތެރޭގައި މިފަދަ ކަމެއް ދިމާވުން މިއީ އިސްލާމީ އުންމަތަށް ކުރިމަތިވި މައްސަލަތަކުގެ ނުރައްކާތެރިކަން ދައްކުވައިދޭ ކަމެކެވެ.
ފަލަސްތީނުގައި މިހާރު ހިނގަމުންދާ ހަނގުރާމައަކީ، ޣައްޒާގެ ރައްޔިތުންނަށް އަމާޒުކޮށް އިޒްރޭލުން ހިންގަމުންދާ ނަސްލު ނައްތާލުމުގެ ޢަމަލުތަކުގެ ސަބަބުން، އެ ސަރަޙައްދުގައި ހަމަނުޖެހުންތަކާއި ބިރުވެރިކަން އިންތިހާއަށް ގޯސްވެފައިވާ ދަނޑިވަޅެކެވެ. އިޒްރޭލުގެ ސިފައިން މަސްޖިދުލްއަޤުޞާ ހިމެނޭ ސަރަޙައްދުގައި ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވާތީ، ޢީދު ނަމާދަށް އެއްވެ ތިބި މުސްލިމުންނަށް މިސްކިތަށް ވަނުމުގެ ހުއްދަ ނުދިނުމުގެ ސަބަބުން މިފަދަ ހިތާމަވެރި ޙާދިސާ ހިނގަން މެދުވެރިވީއެވެ. މިކަމުގެ ސަބަބުން، ބައިނަލްއަޤުވާމީ މުޖުތަމަޢުގައި ވެސް ވަނީ އިޒްރޭލަށް ފާޑުކިޔުންތައް އަމާޒުވެފައެވެ. ނަމަވެސް، ޢަމަލީ ގޮތުން ބަލާއިރު، ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައި ނުވާކަން ފާހަގަކުރެވެއެވެ.
މިފަދަ ދުވަހެއް މުޅި އިސްލާމީ އުންމަތަށް، ޚާއްޞަކޮށް ގަލްފުގެ ޤައުމުތަކަށް ލަދުވެތި ދުވަހެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ. ފަލަސްތީނުގެ މުސްލިމް ރައްޔިތުންނަށް ކުރިމަތިވެފައިވާ އަނިޔާވެރިކަމަށް ދިފާޢުވުމަށް، އެޤައުމުތަކުގެ ފަރާތުން ފެންނަން އޮތް ބަސްނުބުނުމާއި، ޢަމަލީ އެއްވެސް އެހީތެރިކަމެއް ނުދިނުމަކީ، އިސްލާމީ އަޚުވަންތަކަމުގެ ރޫޙާ ޚިލާފު ކަމެއް ކަމަށް ބެލެވޭތީއެވެ. ބިލިއަން ގިނަ މުސްލިމުން ތިބި މި ދުނިޔޭގައި، އެންމެ މުޤައްދަސް ތަންތަނުގެ ތެރޭގައި ހިމެނޭ މިސްކިތެއްގައި ޢީދު ނަމާދު ނުކުރެވޭ މިންވަރަށް ހާލަތު ގޯސްވެފައިވާއިރު، އިސްލާމީ ޤައުމުތަކުގެ ބާރުގަދަ ދައުލަތްތަކުން އަޅާނުލުމަކީ ބޮޑު ސުވާލުތަކެއް އުފައްދާ ކަމެކެވެ.
މިފަދަ ނާޒުކު ދަނޑިވަޅެއްގައި، ފަލަސްތީނުގެ ސުންނީ މުސްލިމް ނިކަމެތި ރައްޔިތުންގެ ދިފާއުގައި ކޮންމެވެސް ވަރެއްގެ ޢަމަލީ އެހީތެރިކަމެއް ފޯރުކޮށްދޭން ކެރުނީ އީރާނަށް އެކަނި ކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ. މިބަޔާން އިޝާރާތް ކުރަނީ، ހަނގުރާމަވެރިކަމުގައި ބޭނުންކުރާ ރަބަރު އުންޑައެއްހާ ހިސާބު ވެސް ނުފޮނުވައި، އެހެން ޤައުމުތައް ކަނޑައެޅިގެން ބަސްހުއްޓިފައިވާއިރު، އީރާނުން ފަލަސްތީނަށް ސިޔާސީ ނުވަތަ އެހެނިހެން ގޮތްގޮތުން ދެމުންދާ އެހީތެރިކަމަށެވެ. މިއީ އީރާނާއި ސުންނީ އަޣުލަބިއްޔަތު ޤައުމުތަކާ ދެމެދު އޮންނަ ސިޔާސީ ފިކުރުގެ ތަފާތުތައް ހުރި ނަމަވެސް، މިފަދަ މައްސަލަތަކުގައި އީރާނުގެ މަޤާމު ތަފާތުކަން ދައްކުވައިދޭ ކަމެކެވެ.
އެމެރިކާއާއި އިޒްރޭލުން އީރާނާއި ދެކޮޅަށް މިހާރު ދެމުންދާ އުދުވާނީ ހަމަލަތަކުގެ އަސްލުވެސް ގުޅިފައިވަނީ ފަލަސްތީނު ރައްޔިތުންގެ ދިފާއުގައި ބަސްބުނާ އަދި ކެރިގެން ކުރިމަތިލާ ހަމައެކަނި ގައުމަކީ އީރާން ކަމަށް ވުމެވެ.
މަސްޖިދުލްއަޤުޞާގައި ޢީދު ނަމާދު ނުކުރެވުމުގެ ޙާދިސާއަކީ، އިސްލާމީ ދުނިޔޭގައި އެއްބައިވަންތަކަމާއި އެއްގަލަކަށް އަރައި މަސައްކަތް ކުރުމުގެ މުހިންމުކަން ހަނދާންކޮށްދޭ ހިތާމަވެރި ޙާދިސާއެކެވެ. މިފަދަ ޙާލަތްތަކުގައި ޤައުމުތަކުގެ ސިޔާސީ މަޞްލަޙަތުތަކަށްވުރެ، މުސްލިމް އުންމަތުގެ އެއްބައިވަންތަކަން އިސްކުރުމުގެ މުހިންމުކަން މިކަމުން ހާމަވެއެވެ. މިކަމުގެ ސަބަބުން، އިސްލާމީ ދުނިޔޭގެ އެތެރޭގައި ނުތަނަވަސްކަން އިތުރުވެ، ފަލަސްތީނުގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރެވޭ މަސައްކަތްތަކަށް އިތުރު ގޮންޖެހުންތަކެއް ކުރިމަތިވެދާނެއެވެ.
އަލްއަޤްޞާގައި ޢީދު ނަމާދު ނުކުރެވުމުގެ މި ހިތާމަވެރި ޙާދިސާއަކީ، އިސްލާމީ އުންމަތުގެ ހިތްތަކަށް ބޮޑު ހިތާމައަކާއި ފިކުރެއް ގެނެސްދީފައިވާ ކަމެކެވެ. މިކަމުން ދައްކުވައިދެނީ، ފަލަސްތީނުގެ ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތަކުގެ ނުރައްކާތެރިކަމާއި، މިކަމަށް ބައިނަލްއަޤުވާމީ މުޖުތަމަޢާއި، ޚާއްޞަކޮށް އިސްލާމީ ޤައުމުތަކުން އަވަސް ޙައްލެއް ހޯދުމަށް އަޅަންޖެހޭ ފިޔަވަޅުތަކުގެ މުހިންމުކަމެވެ.



