މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަކީ އަނިޔާވެރިންނެވެ.
އަޅުގަނޑުމެންގެ މި ކުޑަކުޑަ މުސްލިމް މުޖުތަމަޢުގެ ތެރޭގައި، ތިމާގެ އަމިއްލަ މުސްލިމް އަޚުންނަށް މަސްތުވާތަކެތި ވިއްކައި، އެ ނުރައްކާތެރި ވަބާގައި މީހުން ޖައްސައި އެޑިކްޓް ކުރުވާ ޑްރަގް ޑީލަރުންނަކީ ހަމަ ކަނޑައެޅިގެން ބޮޑެތި އަނިޔާވެރިންނެވެ.
މަސްތުވާތަކެތި އެތެރެކޮށް އޭގެ ވިޔަފާރިކުރާ މީހުންނަށް އަހަރެން ބުނެލަމެވެ. ތިބާ އެ ވިއްކާ އެތި ބޭނުންކޮށްގެން މަގުމަތިވެ، ހާލުގައި ޖެހިފައިވާ މީހުންނާ މެދު އެންމެ ފަހަރަކު ނަމަވެސް ވިސްނާލިން ހެއްޔެވެ؟
ތިބާގެ އަތުން އެ ތަކެތި ގަނެގެން އެ ބޭނުންކުރާ ކޮންމެ މީހަކީވެސް ކޮންމެވެސް އާއިލާއަކަށް ނިސްބަތްވާނެ މީހެކެވެ. އެއީ މީހެއްގެ ލޯބިވާ ދަރިއެކެވެ. ނޫނީ ކޮއްކޮއެކެވެ. ތިބާގެ އެ ނުބައި ވިޔަފާރީގެ ސަބަބުން ކިތައް މީހުން އެޑިކްޓްވެ، ދިރިއުޅުމުން އުންމީދު ކަނޑާލާފައި ތިބޭނެ ހެއްޔެވެ؟
ވިސްނާލާށެވެ! އެ މަސްތުގެ ވަބާގައި ޖެހިފައިވާ ޒުވާނާގެ މައިންބަފައިން ރެޔާއި ދުވާލު ތިބާއަށް ބަދުދުޢާ ކުރާނެއެވެ. "މަގޭ ދަރިފުޅަށް ތިޔަ ޒަހަރު ވިއްކައި، މަގޭ ދަރިފުޅުގެ ދިރިއުޅުން ބަރުބާދުކޮށްލި މީހާއަށް ލަޢުނަތް ލައްވާށިއޭ" ބުނެ އެ މައިންބަފައިން ކުރާ ދުޢާއާ މެދު ތިބާ ބިރުވެތި ނުވަނީ ހެއްޔެވެ؟ ތިބާ ވިއްކި މަސްތުވާތަކެތީގެ ސަބަބުން އެ ޒުވާނާއަށް އެ ވަބާއިން ސަލާމަތް ނުވެވި، އޭނާގެ މުޅި އުމުރު ބޭކާރުވެގެންދާއިރު، އެއީ ތިބާ އެމީހުންނަށް ދޭ ބޮޑުވެގެންވާ އަނިޔާއެކެވެ.
ކިތައް މީހުންނަށް ތިބާ އަނިޔާވެރި ވެވުނުކަމާއި މެދު ވިސްނާލީމު ހެއްޔެވެ؟ ހަމައެކަނި އެކަކަށް ނޫނެވެ. އެ މީހާގެ މުޅި އާއިލާއަށެވެ. މުޖުތަމަޢުގެ އަމާންކަމަށެވެ. މީހަކަށް އަނިޔާ ލިބިފައިވާ ހާލު ކުރާ ދުޢާއާއި ﷲ އާ ދެމެދު އެއްވެސް ފަރުދާއެއް ނުވެއެވެ. އެހެންކަމުން، އަނިޔާ ލިބުނު އެ މައިންބަފައިންނާއި، ދިރިއުޅުން ގެއްލިފައިވާ ޒުވާނުންގެ ދުޢާއަށް ތިބާ ބިރުގަންނާށެވެ.
ދުނިޔޭގެ ވަގުތީ އުފަލާއި، ހަރާމް ފައިސާގެ ދަހިވެތިކަމުގައި އާޚިރަތް ބަރުބާދު ނުކުރާށެވެ