ސިޔާސީ ޕާޓީތައް އުވާލުން: ގައުމީ އެކުވެރިކަން އަލުން ގާއިމުކުރުމުގެ މަގެއް
ދުނިޔެ

ސިޔާސީ ޕާޓީތައް އުވާލުން: ގައުމީ އެކުވެރިކަން އަލުން ގާއިމުކުރުމުގެ މަގެއް

ރރާޅު މީޑިއާ
April 8, 2026

ސިޔާސީ ޕާޓީތަކުގެ ސަބަބުން ގައުމަށް ދިމާވެފައިވާ ގޮންޖެހުންތައް

ދިވެހިރާއްޖޭގެ ސިޔާސީ މައިދާނުގައި ހޫނު ބަހުސެއް މިހާރު ދަނީ ކުރިއަށެވެ. އެ ބަހުސުގެ މައިގަނޑު ނުކުތާއަކީ، ގައުމުގެ ދިގުދެމި ދެމިއޮތުމާއި، ރައްޔިތުންގެ މެދުގައި އޮންނަންޖެހޭ އެކުވެރިކަމާއި ސުލްހަ މަސްލަހަތު ބެހެޓުމަށްޓަކައި، ސިޔާސީ ޕާޓީތައް އުވާލުމަކީ އެންމެ ރަނގަޅު، ބުއްދިވެރި ގޮތްތޯއެވެ. ބައެއް ފަރާތްތަކުން މިހާރު ދަނީ މިފަދަ ހިޔާލުތައް ހުށަހަޅަމުންނެވެ. އެ ބޭފުޅުން ބުނާ ގޮތުގައި، ޕާޓީތަކުގެ ސަބަބުން މުޅި ގައުމު ހަލަބޮލިވެ، ރައްޔިތުންގެ މެދުގައި އޮތް އެކުވެރިކަން މުޅިން ގެއްލި، ފަސާދަ ވެއްޖެއެވެ. މި ލިޔުމުގައި އަޅުގަނޑުމެން ބަލާލާނީ ޕާޓީ ނިޒާމުގެ ސިފަތަކާއި އަދި ރައްޔިތުންނަށް އޭގެ ސަބަބުން ދިމާވާ ގޮންޖެހުން ތަކަށެވެ.

2008 ވަނަ އަހަރު ރާއްޖޭގައި ގިނަ ޕާޓީގެ ނިޒާމެއް ގާއިމުކުރެވުމާއެކު، އުއްމީދުތަކެއް އައެވެ. އެއީ ރައްޔިތުންނަށް އިތުރު މިނިވަންކަމާއި، ސަރުކާރުގެ ޖަވާބުދާރީވުން އިތުރުވެ، ތަރައްޤީގެ އާ އުފާވެރި ދުވަސްތަކެއް ފެށިގެން ދާނެ ކަމަށެވެ. އެ ނިޒާމުގެ ދަށުން ރައްޔިތުންނަށް ތިމާގެ ހިޔާލާއި ފިކުރު ތަމްސީލުކޮށްދޭނެ ފަރާތްތައް އިޚްތިޔާރުކުރުމުގެ ފުރުސަތު ލިބި، ރަނގަޅު ވެރިކަމެއް ގާއިމުވެގެން ދާނެ ކަމަށް ގިނަ ބަޔަކު ދެކުނެވެ. އަދި ސަރުކާރު ހިންގުމުގައި ހާމަކަންބޮޑުވެ، ރައްޔިތުންގެ ހައްގުތައް ރައްކާތެރިވާނެ ކަމަށް ވެސް އުއްމީދު ކުރެވުނެވެ.

ނަމަވެސް، މިހާރު ފެންނަމުންދާ މަންޒަރަކީ މުޅިން ތަފާތު މަންޒަރެކެވެ. ސިޔާސީ ޕާޓީތަކުގެ ސަބަބުން ގައުމުގެ ހަމަޖެހުމަށް ބުރޫއަރައި، މުޅި މުޖުތަމަޢު ދެބައިވެފައިވާ ކަމަށް ގިނަ ބަޔަކު ދެކެއެވެ. ޕާޓީތަކުގެ ވާދަވެރިކަން އިންތިހާއަށް ގަދަވެ، ގައުމީ މަސްލަހަތުތަކަށްވުރެ ޕާޓީގެ މަސްލަހަތު އިސްކުރާ ގޮތަކަށް ސިޔާސަތުތައް ބައްޓަންވެފައިވާ ކަމަށް ފާހަގަ ކުރެވެއެވެ. މިކަމުގެ ސަބަބުން ގައުމުގެ މުހިންމު ކަންކަމުގައި ނިންމުންތައް ނިންމަން ދަތިވެ، ތަރައްޤީގެ މަސައްކަތްތަކަށް ހުރަސް އެޅެމުން ދެއެވެ. ޕާޓީތަކުގެ ފިކުރުތައް ވަރުގަދަވެގެން ގޮސް، އެހެން ފިކުރެއް ޤަބޫލުކުރަން ބޭނުން ނުވާ މިންވަރަށް މުޖުތަމަޢު ވަނީ ބައިބައިވެފައެވެ.

ދިވެހި މުޖުތަމަޢަކީ އަބަދުވެސް އެކުވެރިކަމާއި އެއްބައިވަންތަކަމަށް ނަމޫނާ ދައްކަމުން އައި މުޖުތަމަޢެކެވެ. ނަމަވެސް، ސިޔާސީ ޕާޓީތަކުގެ ފެށުމާއެކު މި އެކުވެރިކަމަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. ގާތްގާތް ރަޙުމަތްތެރިންނާއި، އާއިލާގެ މެމްބަރުންގެ މެދުގައި ވެސް ޕާޓީގެ ސަބަބުން މައްސަލަތައް ޖެހި، އެކުވެރިކަން ގެއްލިފައިވާ ހާލަތްތައް ފެންނަނީ މަދެއްކޮށެއް ނޫނެވެ. ޕާޓީގެ ކުލަތައް ހާވައިގެން މީސްމީހުން ދުވާ ހިސާބަށް ކަންކަން ގޮސްފައިވާއިރު، ގައުމީ ރޫހާއި، އެއްބައިވަންތަކަން ވަނީ ނެތިގެން ގޮސްފައެވެ. އިލްމުވެރިންގެ ބަހާއި، އެއްބަސްވުންތައް ކަނޑައަޅާ މިންގަނޑަކީ ޕާޓީގެ ނިސްބަތްވުމަށް ވެފައިވާކަން އެއީ ކަންބޮޑުވުމެކެވެ.

ސިޔާސީ ޕާޓީތަކުގެ ސަބަބުން ވެރިކަން ހިންގުމަށް ކުރިމަތިވާ ގޮންޖެހުންތައް ވެސް މަދެއް ނޫނެވެ. ކޯލިޝަން ސަރުކާރުތަކުގައި ޕާޓީތަކުގެ މަސްލަހަތުތައް އެއްގަލަކަށް ނޭރުމުގެ ސަބަބުން، މުހިންމު ސިޔާސަތުތައް ތަންފީޒުކުރުމަށް ދަތިތައް ކުރިމަތިވެއެވެ. އަދި ބައެއް ފަހަރު ސިޔާސީ ނުފޫޒުގެ ދަށުން ކޮރަޕްޝަން ފެތުރި، ގައުމީ ވަޞީލަތްތައް ނާޖާއިޒު ގޮތެއްގައި ބޭނުންކުރެވެން ފަށައެވެ. މިކަމުގެ ސަބަބުން ރައްޔިތުންގެ އިތުބާރު ސިޔާސީ ނިޒާމަށް ގެއްލި، ނިކަމެތި ރައްޔިތުންނަށް އޭގެ ނޭދެވޭ އަސަރުތައް ކުރެއެވެ. މިފަދަ ހާލަތެއްގައި ގައުމަށް ލާބަހުރި ގޮތްގޮތަށް ކަންކަން ކުރިއަށް ގެންދެވޭނެ ގޮތަކާމެދު ސުވާލު އުފެދެއެވެ.

ނަމަވެސް، ސިޔާސީ ޕާޓީތައް އުވާލުމަކީ ހައްލެއްކަމަށް ދެކޭ ފަރާތްތައް ތިބޭ ފަދައިން، ޑިމޮކްރަސީއެއްގައި ޕާޓީތައް ކޮންމެހެން ބޭނުންވާނެކަމަށް ދެކޭ ފަރާތްތައް ވެސް ގިނައެވެ. އެމީހުން ބުނާ ގޮތުގައި، ޕާޓީތަކަކީ ރައްޔިތުންގެ އަޑު އިއްވުމަށާއި، ސަރުކާރު ޖަވާބުދާރީ ކުރުވުމަށް މުހިންމު ވަސީލަތެކެވެ. އަދި ތަފާތު ހިޔާލުތަކާއި ފިކުރުތައް ތަމްސީލުކޮށްދީ، ގައުމުގެ ތަރައްޤީއަށްޓަކައި އެކި ސިޔާސަތުތައް ހުށަހަޅާ ފަރާތްތަކަކީ ޕާޓީތަކެވެ. ޕާޓީތައް ނެތިއްޖެނަމަ، ސިޔާސީ ވާދަވެރިކަން އެހެން ގޮތްގޮތަށް ފެންމަތިވެ، ހަމަނުޖެހުން އިތުރުވެދާނެ ކަމުގެ ބިރު ވެސް އެފަރާތްތަކުން ދެކެއެވެ. އެހެންކަމުން، ޕާޓީތައް އުވާލުމުގެ ބަދަލުގައި، ޕާޓީތައް ހިންގާ އުސޫލުތަކަށް އިސްލާހީ ބަދަލުތަކެއް ގެނައުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ވެސް އެބޭފުޅުން ދެކެއެވެ.

އެހެންކަމުން، ސިޔާސީ ޕާޓީތަކުގެ ސަބަބުން ގައުމުގެ އެކުވެރިކަމާއި ހަމަޖެހުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާމެދު ގައުމީ ފެންވަރުގައި ބަހުސެއް ކުރިއަށް ގެންދިއުމަކީ ވަރަށް މުހިންމު ކަމެކެވެ. ޕާޓީތައް އުވާލުމަކީ ހައްލެއްތޯ ނުވަތަ ޕާޓީ ނިޒާމު އިސްލާހުކުރުމަކީ ހައްލެއްތޯ މިކަމަށް ވަރަށް ފުންކޮށް ވިސްނާ ހައްލެއް ހޯދަން ޖެހިފައިވެއެވެ. މިފަދަ ނާޒުކު ދަނޑިވަޅެއްގައި، ދިވެހިރާއްޖެއަށް އެންމެ ރައްކާތެރި، ރަނގަޅު އަދި ބުއްދިވެރި ގޮތަކީ ކޮބައިކަން ދެނެގަތުމަށްޓަކައި، ހުރިހާ ރައްޔިތުން އެއްބައިވެ، ގައުމީ މަސްލަހަތު އިސްކޮށް، ގުޅިގެން މަސައްކަތް ކުރުމަކީ މިހާރަށްވުރެ ބޮޑަށް ބޭނުންވާ ކަމެކެވެ.

ކުރުކޮށް ދަންނަވާނަމަ ޕާޓީ ނިޒާމުން ރައްޔިތަކަށް ލިބުނު މޮޅެއް ނެތެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު