ނައިބު ރައީސް ނާޒިމް ވަކިކުރުމުގެ ބަހުސަށް 50 މިނެޓް، ޖަވާބުދާރީވާން 10 މިނެޓް ދޭން ކޮމިޓީން ފާސްކޮށްފި
ސިޔާސީ

ނައިބު ރައީސް ނާޒިމް ވަކިކުރުމުގެ ބަހުސަށް 50 މިނެޓް، ޖަވާބުދާރީވާން 10 މިނެޓް ދޭން ކޮމިޓީން ފާސްކޮށްފި

ނނާޒިމް
May 20, 2026

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ހުށަހެޅިފައިވާއިރު، އެ މައްސަލަ ބަލައި، ޖަލްސާ ކުރިއަށް ގެންދާނެ އުސޫލު ރައްޔިތުންގެ މަޖިލީހުގެ އާއްމު ކޮމިޓީން މިއަދު ފާސްކޮށްފި އެވެ. މިގޮތުން، ނާޒިމް ވަކިކުރުމުގެ ބަހުސަށް 50 މިނެޓް އަދި ނާޒިމް ޖަވާބުދާރީވުމަށް 10 މިނެޓް ދިނުމަށް ވަނީ ފާސްކޮށްފަ އެވެ. ޖުމްލަ އެއް ގަޑިއިރަށް ކުރިއަށް ގެންދިއުމަށް ނިންމި މި ޖަލްސާގެ ބަހުސްގައި މެމްބަރަކަށް ތިން މިނެޓުގެ ވަގުތު ދެވޭނެ އެވެ.

ނާޒިމް ވަކިކުރުމުގެ ގަރާރު ހުށަހެޅުނުގޮތް

ނާޒިމް މަގާމުން ވަކިކުރުމުގެ ނިންމުން އައީ ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުން ބޭއްވި ބައްދަލުވުމަކަށް ފަހުގަ އެވެ. އެ ބައްދަލުވުމަށްފަހު، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް މަގާމުން ވަކިކުރުމުގެ ގަރާރުގައި ޕީއެންސީގެ 73 މެމްބަރަކު ސޮއިކޮށް، މަޖިލީހަށް ހުށަހެޅީ އެވެ. ޕީއެންސީއަކީ މަޖިލީހުގެ އެންމެ ބޮޑު އަޣުލަބިއްޔަތު އޮތް ޕާޓީ ކަމުން، މި ގަރާރަށް މަޖިލީހުގެ ތެރެއިން ވަރަށް ބޮޑު ތާއީދެއް ލިބިފައިވާކަން މިކަމުން ދައްކައިދެ އެވެ.

އާއްމު ކޮމިޓީގެ ނިންމުންތަކުގެ ތަފްސީލު

މިއަދު ބޭއްވި އާއްމު ކޮމިޓީގެ ބައްދަލުވުމުގައި، މި ގަރާރާ ބެހޭގޮތުން ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު ހުށަހަޅުއްވައި، ދުވާފަރު ދާއިރާގެ މެންބަރު މުހައްމަދު އަލީ ތާއީދު ކުރެއްވި ހުށަހެޅުމަކަށް މި ކަން ނިންމީ އެވެ. އެ ހުށަހެޅުން ފާސްކުރީ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ފަސް މެންބަރުންގެ އިއްތިފާގުންނެވެ. މި ނިންމުމާއެކު، ނާޒިމަށް މަޖިލީހަށް ޖަވާބުދާރީވުމަށް 10 މިނެޓު ލިބިވަޑައިގަންނަވާނެއިރު، މެންބަރުންގެ ބަހުސް އަށް 50 މިނެޓު ވަނީ ކަނޑައަޅާފަ އެވެ. މިއީ މަޖިލީހުގެ މުހިންމު މައްސަލަތަކަށް ކަނޑައަޅާ އާދަޔާ ހިލާފު ކުރު މުއްދަތެއް ކަމަށް ބައެއް ފަރާތްތަކުން ފާހަގަކުރެ އެވެ.

ނާޒިމްގެ މައްޗަށް ކުރެވޭ ތުހުމަތުތައް

ނާޒިމްގެ އިތުބާރު ނެތްކަމަށް ހުށަހެޅި ގަރާރުގައި އޭނާއަށް ވަރަށް ސީރިއަސް ތުހުމަތުތަކެއް ވަނީ ކުރެވިފަ އެވެ. އޭގެ ތެރޭގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ނެގުމުގެ ތުހުމަތު ހިމެނެ އެވެ. އަދި ދެވަނަ ތުހުމަތަކީ މަޖިލީހުގެ މަސްލަހަތު ނަގާލަން ހިތްވަރުދީ، ޒިންމާއިން ބަރީއަވުން ކަމަށް ގަރާރުގައި ފާހަގަކޮށްފައިވެ އެވެ. މީގެ އިތުރުން، މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ނާޒިމް ވަކި އަތަކަށް ޖެހިފައިވާ ކަމަށާއި، ހުރިހާ މެމްބަރުންގެ ހައްގުތަކާއި އިމްތިޔާޒުތައް ހިމާޔަތް ކޮށްދިނުމުގައި ފުޅާ ދާއިރާއެއްގައި އިހުމާލުވެފައިވާ ކަމަށް ވެސް ގަރާރުގައި ބުނެފައިވެ އެވެ. އެގޮތަށް އަމަލު ކުރައްވާތީ، މެންބަރުންނާ މަތިކޮށްފައިވާ ވާޖިބުތައް އަދާކުރުމުގައި "ނައިބު ރައީސް ހުރަހަކަށް ވެފައިވާ" ކަމަށް ވެސް ގަރާރުގައި ފާހަގަކޮށްފައިވެ އެވެ.

ގަވާއިދުގެ ހަމަތަކާއި ސިޔާސީ މަންޒަރު

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން، ނައިބު ރައީސްގެ މަގާމުން ވަކިކުރަން ހުށަހެޅޭނީ މަދުވެގެން ހަތަރުބައިކުޅަ އެއްބަޔަށް ވުރެ މަދު ނޫން އަދަދެއްގެ މެމްބަރުންގެ ސޮޔާއެކު ހުށަހަޅާ ގަރާރަކުންނެވެ. އެއީ މަދުވެގެން 24 މެމްބަރުންނެވެ. މިފަހަރު 73 މެމްބަރުން ސޮއިކޮށްފައި ވާތީ މި ކަން އޮތީ ގަވާއިދާ އެއްގޮތަށެވެ. ނަމަވެސް ނައިބު ރައީސް މަގާމުން ވަކިކުރެވޭނީ ގަވާއިދުގައިވާ ގޮތުން، މަޖިލިހުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެން ވޯޓު ދެއްވާ މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.

މިހާރު މަޖިލީހުގައި 93 މެމްބަރުން ތިއްބަވާއިރު، އޭގެ ތެރެއިން 76 މެމްބަރުންނަކީ ޕީއެންސީގެ މެމްބަރުންނެވެ. ޕީއެންސީއަށް މަޖިލީހުގައި މެޖޯރިޓީ ލިބިފައިވާތީ، މި ގަރާރު ފާސްވުމުގެ ފުރުސަތު ބޮޑު ކަމަށް ސިޔާސީ ފަރާތްތަކުން ފާހަގަކުރައްވަ އެވެ. ނާޒިމަށް މަޖިލީހުގެ ނައިބު ރައީސްކަން ލިބިވަޑައިގަތީ މިދިޔަ މަޖިލިހުގެ އިންތިހާބަށްފަހު، މެމްބަރުންގެ މެދުގައި ނެގި ވޯޓުގައި 80 ވޯޓު ހޯއްދަވައިގެންނެވެ. އޭނާއާ ވާދަކުރެއްވި އެމްޑީޕީގެ މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީއަށް ލިބިވަޑައިގަތީ 12 ވޯޓެވެ. ނާޒިމް ވަނީ 17 ވަނަ މަޖިލީހުގައި ވެސް ނައިބު ރައީސްކަން ކުރައްވާފަ އެވެ.

މަޖިލީހުގެ ނައިބު ރައީސްކަމުން ނާޒިމް ވަކިކުރުމުގެ މައްސަލަ މަޖިލީހުގެ ތަޅުމަށް ހުށަހަޅައި، ބަހުސްކޮށް ވޯޓަށް އެޅުމަށް މިހާރު މަގުފަހިވެފައިވާއިރު، މިކަމުގެ ސިޔާސީ އަސަރުތަކަށް ގިނަ ބަޔަކު ދަނީ އިންތިޒާރު ކުރަމުންނެވެ. މަޖިލީހުގެ ތަޅުމުގައި މިކަން ހިނގާނެ ގޮތާއި، ނާޒިމްގެ ފަރާތުން އަންނާނެ ޖަވާބުތަކަށް ސިޔާސީ ދާއިރާ ސަމާލުކަން ދެމުން އަންނަ އިރު، މިކަމުގެ ނިމުން މަޖިލީހުގެ ކުރިއަށް އޮތް ޖަލްސާގައި ފެނިގެންދާނެ އެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު