
ދެ އިންތިހާބު އެއްކޮށްލުމަކީ ރައްޔިތުންގެ "ބާރު" ކަނޑުވާލުން: އަލީ
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމަކީ ރާއްޖޭގެ ދުސްތޫރީ ނިޒާމު ހަލާކުވެ، ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ރައްޔިތުންނަށް އޮތް ބާރު ކެނޑިގެންދާނެ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.
ކުރީގެ ދެ ބަންޑާރަ ނައިބުން ކަމުގައިވާ މަޝްހޫރު ގާނޫނީ ވަކީލް އައިޝަތު އާޒިމާ ޝަކޫރު އާއި އާއި ދިޔާނާ ސައީދު އުފައްދަވާފައިވާ ތިންކްޓޭންކު، މޯލްޑިވްސް ސެންޓަ ފޯ ޕޮލިސީ ސްޓަޑީޒް (ޕޮލިސީ އެމްވީ) ރޭ ބޭއްވި ޕެނަލް ޑިސްކަޝަންގައި ގާނޫނުއަސާސީ އަށް ގެންނަ އަށް ވަނަ އިސްލާހުގައި ހުރި މައްސަލަތައް ފާހަގަ ކުރެއްވުމުގެ ގޮތުން އަލީ ވިދާޅުވީ މިފަދަ ބޮޑު ބަދަލެއް ގާނޫނުއަސާސީއަށް ގެނައީ އެކަށީގެންވާ ބަހުސެއް ނެތި، ރައްޔިތުންގެ މަޖިލިސް ޗުއްޓީގައި އޮއްވައި ވަރަށް އަވަސްއަރުވާލައިގެން ކަމަށެވެ. އެއްދުވަހު ހުށަހަޅައި، އޭގެ އަނެއް ދުވަހު މި އިސްލާހު ފާސްކުރުމަކީ އިޖުރާއީ ގޮތުންނާއި ދުސްތޫރީ ގޮތުން ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
އަލީ އަކީ ރައްޔިތުންނާއި ގުޅުންހުރި މިފަދަ ބޮޑެތި މައްސަލަތަކުގައި އަބަދުވެސް ވަރުބަލިކަމެއް ނެތި ރައްޔިތުންގެ ފަޅީގައި މަސައްކަތް ކުރައްވާ ބޭފުޅެއްކަން ފާހަގަކޮށްލެވެއެވެ.



