އީރާނުގެ ސްކޫލަކަށް ދިން ހަމަލާގައި މަރުވި ކުދިންގެ އާއިލާތަކަށް ޗައިނާއިން އެހީ ދެނީ
ދުނިޔެ

އީރާނުގެ ސްކޫލަކަށް ދިން ހަމަލާގައި މަރުވި ކުދިންގެ އާއިލާތަކަށް ޗައިނާއިން އެހީ ދެނީ

ރރާޅު މީޑިއާ
March 13, 2026

އީރާނުގެ ދެކުނުގައިވާ މީނާބް ސިޓީގެ އަންހެން ކުދިންގެ ސްކޫލަކަށް އެމެރިކާއިން ދިން ވައިގެ ހަމަލާއެއްގައި 160 އަށްވުރެ ގިނަ ދަރިވަރުން މަރުވި ހާދިސާއާ ގުޅިގެން ޗައިނާއިން ފުން ހިތާމަފާޅުކޮށް، އެ ހަމަލާގައި މަރުވި ކުދިންގެ އާއިލާތަކަށް އެހީވެދޭން ނިންމައިފިއެވެ.

އިސްރާއީލާއި އެމެރިކާއިން އީރާނަށް ހަމަލާދޭން ފެށި ދުވަސް ކަމަށްވާ، ފެބްރުއަރީ 28ގައި "ޝަޖަރަތުއްތައްޔިބާ" ސްކޫލަށް އަމާޒުވި މި ހަމަލާއަކީ އާންމުންނާއި އަސްކަރީ ނޫން ތަންތަނަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ވަރަށް ހިތާމަވެރި ހާދިސާއެއް ކަމަށް ޗައިނާއިން ވަނީ ސިފަކޮށްފައެވެ.

ޗައިނާ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެއްވެސް ކުށެއް ނެތް މަޢުޞޫމު ކުޑަކުދިންތަކެއްގެ ފުރާނަ ގެއްލިގެން ދިއުމަކީ މުޅި އިންސާނިއްޔަތަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ. އަދި މި ހާދިސާގައި މަރުވި ކުދިންގެ އާއިލާތަކަށް ޗައިނާގެ ރައްޔިތުންގެ ނަމުގައި ތައުޒިޔާ ފޮނުވާ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

ސްކޫލްތަކާއި ކުޑަކުދިންނަށް އަމާޒުކޮށް ދޭ މިފަދަ ހަމަލާތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ޗައިނާއިން ވަނީ ބުނެފައެވެ. ޗައިނާގެ ކަމާބެހޭ ފަރާތްތަކުން ފާހަގަކުރި ގޮތުގައި، މިއީ ބައިނަލްއަޤްވާމީ އިންސާނީ ހައްގުތަކުގެ ގާނޫނުތަކާއި އިންސާނިއްޔަތުކަމާ ކަނޑައެޅިގެން ޚިލާފު އަމަލެކެވެ. ހަނގުރާމައިގެ ހާލަތްތަކުގައި ވެސް އާންމު ރައްޔިތުންނާއި، ޚާއްސަކޮށް ކުޑަކުދިންނާއި ސްކޫލްތައް ފަދަ މަދަނީ ތަންތަނަށް ހަމަލާދިނުމަކީ ބައިނަލްއަޤްވާމީ މުޖުތަމައުން ހަރުކަށި އިބާރާތުން ކުށްވެރިކުރަންޖެހޭނެ ކަމެއްކަމަށް އެ ގައުމުން ވަނީ ގޮވާލާފައެވެ.

މީގެ އިތުރުން، ހަނގުރާމައިގެ މައިދާނުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކުންވެސް އާންމުންގެ ރައްކާތެރިކަމަށް އިސްކަންދިނުމަށް ޗައިނާއިން ވަނީ ގޮވާލާފައެވެ. އާންމުންނަށް އަމާޒުކޮށް ދޭ ހަމަލާތައް ވަގުތުން ހުއްޓާލުމަށް އިލްތިމާސްކުރަމުން، ޗައިނާއިން ބުނީ ބައިނަލްއަޤްވާމީ ގާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތުމަކީ ކޮންމެ ގައުމެއްގެ މައްޗަށްވެސް ލާޒިމުކުރާ ކަމެއް ކަމަށެވެ. މިފަދަ އަމަލުތަކުގެ ސަބަބުން ސަރަހައްދުގެ ސުލްހަ މަސަލަސްކަން އިތުރަށް ގޯސްވެ، އާންމު ރައްޔިތުންގެ ދިރިއުޅުމަށް އިއާދަނުކުރެވޭވަރުގެ ގެއްލުންތަކެއް ލިބެމުންދާކަންވެސް ޗައިނާއިން ވަނީ ފާހަގަކޮށްފައެވެ.

ޚިޔާލުފާޅުކުރުން

ކޮމެންޓު