
އީރާނާ ދެކޮޅަށް އެމެރިކާ އިސްވެއޮވެ ފަށާފައިވާ ޢުދުވާން ހުއްޓައިލަން ޗައިނާއިން ގޮވާލައިފި
މުޅި މެދުއިރުމަތީގެ ހަމަޖެހުމަށްޓަކައި، އީރާނާ ދެކޮޅަށް ފަށާފައިވާ ޢުދުވާނު ހުއްޓައިލަން ޗައިނާއިން އެމެރިކާ އާއި ޔަހޫދީންގެ ނިރުބަވެރި ދައުލަތަށް ގޮވާލައިފިއެވެ.
ޗައިނާއިން މެދުއިރުމައްޗަށް ކަނޑައަޅާފައި ހުންނަވާ ޚާއްޞަ މަންދޫބު ޖާއީ ޖޫން، ސަޢުދީ ޢަރަބިއްޔާ، ޔޫއޭއީ އަދި ކުވެއިތަށް ކުރެއްވި ދަތުރުފުޅަށްފަހު މީޑިއާއަށް ވިދާޅުވީ، މި ހަނގުރާމަ ނިމުމަކަށް ގެންނަންޖެހޭނީ މި ހަނގުރާމަ ފެށި ބަޔަކު ކަމަށެވެ.
ޗައިނާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ލިން ޖިޔާން ވިދާޅުވީ، މިފަދަ ޙާލަތްތަކުގައި އަސްކަރީ ބާރުގެ ބޭނުންކުރުމަކީ، ނިމުމެއް ނެތް ނުރައްކަލެއްގެ ތެރެއަށް ވެއްޓިގެންދާނެ ފަދަ ކަމެއް ކަމަށެވެ.
މިގޮތުން، މީގެ 23 އަހަރު ކުރިން އިރާޤަށް އެމެރިކާއިން އިސްވެ އަރައި ފެށި ހަނގުރާމައިގެ ނޭދެވޭ އަސަރުތައް މިއަދުވެސް އިރާޤުގެ ރައްޔިތުން ތަޙައްމަލުކުރަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.
އިރާޤާ ދެކޮޅަށް އެމެރިކާއިން ހިންގި އަސްކަރީ އޮޕަރޭޝަނުގައި ސައްދާމް ޙުސައިންގެ ވެރިކަން ނިމުމަކަށް ގެނެވުނުނަމަވެސް، މުޅި ޤައުމުގެ ހަމަނުޖެހުމުގެ ތެރެއަށް ވެއްޓި 100،000އަށް ވުރެ ގިނަ މީހުންގެ ފުރާނަ ވަނީ ގެއްލިފައެވެ.
ލިން ޖިޔާން ވިދާޅުވީ، އިރާޤަށް ކުރިމަތިވެފައިވާ ޙާލަތުން އިބުރަތް ލިބިގަނެ، އިތުރަށް ހާލަތު ގޯސްވުމުގެ ކުރިން، އީރާނާ ދެކޮޅަށް ފަށާފައިވާ ޢުދުވާނު ހުއްޓައިލަންޖެހޭ ކަމަށެވެ.
ފެބުރުވަރީ 28 ގައި އެމެރިކާއާއި ޔަހޫދީން އިސްވެ އީރާނާ ދެކޮޅަށް ފެށި ޣައިރުޤާނޫނީ ހަނގުރާމަ ހަތަރުވަނަ ހަފުތާއަކަށް ދެމިގެން ގޮސްފައިވާއިރު، އީރާނުން ދަނީ އެ ޤައުމުގެ އިސްތިޤުލާލު ދިފާޢުކުރުމަށް ވަރުގަދައަށް ރައްދު ދެމުންނެވެ.
މި ހަނގުރާމައިގެ އެންމެ ނުރައްކާތެރި އެއް ފިޔަވަޅަކީ ހުރްމުޒް ކަނޑުއޮޅީގައި އީރާނުން ޤާއިމުކޮށްފައިވާ އަސްކަރީ ބަންދެވެ. ހުރްމުޒް ހުރަސްކޮށް ދަތުރު ކުރުމަށް އީރާނުން ހުރަސް އަޅަމުން ދަނީ އެމެރިކާއާއި ޔަހޫދީންގެ މަޞްލަޙަތު އޮންނަ ކުންފުނިތަކުގެ އާގުބޯޓުފަހަރަށެވެ. ދުނިޔޭގެ ތެލާއި ގޭހުގެ ފަސްބައިކުޅަ އެއްބައި އުފުލާ މި މުހިންމު ކަނޑުއޮޅި ބަންދުވުމުގެ ސަބަބުން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް ވަނީ އިންތިހާއަށް އުފުލިފައެވެ.



