
ރަމަޟާން މަހު އެމެރިކާއާއި އިސްރާއީލުން ހިންގަނީ އިސްލާމީ އުންމަތަށް ކުރާ ފުރައްސާރައެއް: ރަޝިޔާ
ބަރަކާތްތެރި ރަމަޟާން މަހުގެ ތެރޭގައި އެމެރިކާ އާއި އިސްރާއީލް ގުޅިގެން މެދުއިރުމަތީގައި ހިންގަމުންދާ އަސްކަރީ ހަރަކާތްތަކަކީ މުޅި އިސްލާމީ އުންމަތުގެ ހުރުމަތް ކަނޑާލައި، ގަސްތުގައި ދޭ ސީދާ ފުރައްސާރައެއް ކަމަށް ބުނެ ރަޝިޔާއިން ވަރުގަދަ ބަޔާނެއް ނެރެފިއެވެ.
ރަޝިޔާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިހާރު ކުރިއަށްދާ "އޮޕަރޭޝަން އެޕިކް ފިއުރީ" އަކީ މުސްލިމުންގެ އެންމެ މާތް މަހާ ދިމާކޮށް ގަސްތުގައި ހިންގާ ނުރައްކާތެރި އަމަލެއް ކަމަށެވެ. އެ މިނިސްޓްރީގެ ތަރުޖަމާނު މާރިއާ ޒަޚަރޯވާ ވިދާޅުވި ގޮތުގައި، މި އަސްކަރީ ކެމްޕޭނުގެ އަސްލު މަގުސަދަކީ އިސްލާމީ ދުނިޔެ ބައިބައިކޮށް ފިތުނަ އުފެއްދުމެވެ.
ޒަޚަރޯވާ ތުހުމަތު ކުރެއްވި ގޮތުގައި، މި ހަމަލާތަކުގެ ސަބަބުން އީރާނުން އެގައުމުގެ އަވަށްޓެރި ސައުދީ އަރަބިއްޔާ އާއި ޔޫއޭއީ ފަދަ ގައުމުތަކުން ބަދަލުހިފުމަށް މަޖުބޫރުވާނެ ހާލަތެއް މެދުވެރިވެދާނެއެވެ. މިއީ އެ ގައުމުތަކަށް އެމެރިކާ އާއި އިސްރާއީލުގެ ކޯލިޝަނާ ބައިވެރިވުމަށް މަޖުބޫރުކުރުވައި، ސަރަހައްދީ ހަމަނުޖެހުން ބޮޑުކުރުމަށް ވޮޝިންޓަނުން ރާވާފައިވާ ރޭވުމެއް ކަމަށް އޭނާ ސިފަކުރެއްވިއެވެ.
މީގެ އިތުރުން، އީރާނުގެ ފަރާތުން ނުރައްކަލެއް އޮތް ކަމަށް ދައްކާ ވާހަކައަކީ ހަގީގަތެއް ނެތް ބަހަނާއެއް ކަމަށާއި، މިއީ ވެރިކަން ބަދަލުކުރުމަށް ކުރިއާލާ ރާވާފައިވާ އުކުޅެއް ކަމަށްވެސް ރަޝިޔާއިން ބުނެއެވެ. އަދި ރަމަޟާން މަހުގެ ސުލްހަވެރިކަން ނަގާލައި، އިސްލާމީ ގައުމެއްގެ އެންމެ މަތީ ވެރިޔާ އަވަހާރަކޮށްލަން އުޅުމަކީ ދީނީ ހުރުމަތް ކަނޑާލުން ކަމަށް ރަޝިޔާގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.



